ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީއަށް ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި، އެކަމަށް މަގުފަހިކުރުމަށްޓަކާ، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އެހެންކަމުން އެ މަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި، ޖުޑިޝަރީއަށް މާލީ އަދި އިދާރީ މިނިވަންކަން ހޯދައިދިނުމަށް، އަންނަ އަހަރުން ފެށިގެން ފާހަގަކުރެވޭ ބަދަލުތަކެއް ގެންނެވުމަށް ކެބިނެޓުގައި އިއްޔެ މަޝްވަރާކުރައްވައި، މިގޮތަށް ނިންމަވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.
”އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައި“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައެޅުމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި، ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.