ނޭޕާލްގައި ޒުވާނުންގެ މުޒާހަރާ އެހާ ހޫނުވެގެން ދިޔައީ ސޯޝަލް މީޑިޔާ ކަނޑާލުމުން

Loading

September 11, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ނޭޕާލްގައި ކޮރަޕްޝަން މާބޮޑަށް އާންމުވެ، އާންމު ރައްޔިތުންގެ ރުޅިގަނޑު ފާޅު ކުރަމުންއައި ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް ސަރުކާރުން ބަންދުކޮށްލުމުން ޒުވާނުން ނިކުމެ ކުރަންފެށިމުޒާހަރާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު 22 އަށް އެރުމުން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.އޭގެ ކުރިން އާންމުންނާއި ޒުވާނުން ވަނީ ރައްޔިތުންގެ މަޖިލީސް ކުރާގޭގައި ހުޅުޖަހާ އަދި ސަރުކާރުގެ އިސް ވެރިންގެ ގެދޮރަށް ވަދެ މުދަލަށް ގެއްލުން ދީ އަދި އަތުޖެހުނު މީހަކަށް ވިއްޔާ އަނިޔާ ކޮށްފައެވެ.

ބޮޑުވަޒީރު އޮލީގެ އޮފީހުން ބުނެފައިވާ ގޮތުގައި އޮލީ އިސްތިއުފާދެއްވީ ގާނޫނީ ގޮތުން ހޯދެން އޮތް ހައްލަކަށް ފުރުސަތު ދެއްވުމަށް ކަމުގައެވެ.

”ޖެންޒީ“ އަށް ނިސްބަތްވާ ޒުވާނުން މަގުތަކަށް ނިކުތީ ހޯމަ ދުވަހުއެވެ.މައިގަނޑު ސަބަބަކަށް ވީ ސަރުކާރުން ސައްބީހަކަށް ސޯޝަލް މީޑިޔާ ޕްލެޓްފޯމް ބަންދު ކޮށްލުމެވެ.

މުޒާހަރާކުރަމުން އައި އާންމުންނާ ކުރިމަތިލުމަށް ސަލާމަތީ ބާރުތަކުން ނުކުޅެދުނު ތަންވެސް ފެނިގެން ދިޔައެވެ. ސޯޝަލް މީޑިޔާގައި ދައުރުވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ޒުވާނުން ކުރީގެ ބޮޑުވަޒީރުގެ ގެޔަށްވެސް ވަދެ އޭނާގެ އަނބިކަނބަލުންނަށްވެސް އަނިޔާކޮށް މަގުމައްޗަށް ނެރެފައި ވެއެވެ. އަދި ފައިނޭންސް މިނިސްޓަރު ފަހާދުވެ ކޯރަކަށް އެރުވާ އަދި ތަޅާ އަނިޔާކޮށް ބޯފަޅާލާފައި ވެއެވެ.

މުޒާހަރާތައް އަންގާރަ ދުވަހުވެސް ކުރިޔަށް ގެންގޮސްފައިވާއިރު އާންމުން ހުޅުޖެހި ތަންތަނުގެ ތެރޭގައި މަޖިލީސްކުރާގެ، ވެރިކަންކުރާ ނެޕާލީ ކޮންގްރެސް ޕާޓީގެ އޮފީސް، ކުރީގެ ޕްރައިމިނިސްޓަރ ޝޭރު ބަހާދުރު ޑިއުބާގެ ގޭގެ އިތުރުން އެތައް ސިޔާސީ އިސްފަރާތްތަކެއްގެ ގެތައް ވަނީ ތަޅާ ހަލާކު ކޮށްފައެވެ.

ސަރުކާރުން ސޯޝަލް މީޑިޔާ ބޭން ކުރިކުރުން ކާމިޔާބުވިތަ؟

އެހެންވެސް ގިނަ ގައުމު ތަކެކޭ އެއްފަދައިން ނޭޕާލްގައިވެސް ސޯޝަލް މީޑިޔާއަކީ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެއީ އެމީހުންގެ ހަޔާތުގެ ބޮޑު ބައެޔޭ ބުނެވޭ ވަރަށް ނޭޕާލްގެ ރައްޔިތުން ސޯޝަލް މީޑިޔާ ބޭނުން ކުރެއެވެ.އަދި ނޭޕާލް އަކީ މުޅި ދެކުނު އޭޝިޔާގައިވެސް ސޯޝަލް މީޑިޔާ ބޭނުންކުރާ މީހުންގެ ”ޕަރ ކެޕިޓާ“ ނިސްބަތް އެންމެ މަތި އެއް ގައުމެވެ.

އާންމުންގެ ރުޅިވެރިކަން ފާލުން ނައްޓާލީ މިދިޔަ ހަފްތާގައި ސަރުކާރުން ސޯޝަލްމީޑިޔާގެ 26 ޕްލެޓްފޯމް ބަންދުކުރިހަމައިންނެވެ.މީގެތެރޭގައި ވަޓްސްއެޕް،އިންސްޓަގްރާމް،އަދި ފޭސްބުކްވެސް ހިމެނެއެވެ.ސަރުކާރުން ދެއްކި ބަހަނާއަކީ އެޕްލެޓްފޯމްތައް ރަޖިސްޓްރީ ކުރަންޖެހޭ ތާރީޚަށް ރަޖިސްޓްރީ ކޮށްފައި ނުވުމެވެ.

އިދިކޮޅުފަރާތްކުން ބުނަނީ ސޯޝަލްމީޑިޔާ ބަންދުކޮށްލީ ސަރުކާރުގެ ކޮރަޕްޝަން ހާމަ ކުރުމަށް ލިޔާ ލިއުންތައް ފޮރުވަން ކަމުގައެވެ. ނަމަވެސް އެކަން ހަގީގަތުގައިވީ އިދިކޮޅު މުޒާހަރާ ތަކަށް އިތުރު ބާރެއް ލިބިގެންދިޔަ ކަމެއް ކަމުގައެވެ. އެއާއެކު ސަރުކާރުން ވަނީ ހޯމަ ދުވަހުގެރޭ އަލުން ސޯޝަލްމީޑިޔާ  ހުޅުވާލާފައެވެ.

ނޭޕާލުގެ އެކި ކަންކޮޅުތަކުގެ މި ވަގުތު ކަންތައް ވަމުންދަނީ ކިހިނެއް؟

އާންމުންގެ މުޒާހަރާތައް ހޯމަ އަދި އަންގާރަ ދެދުވަހު ވެރިރަށް ކަތުމަންޑޫ އަދި އެހެން އެތައް ސިޓީ ތަކެއްގައި ކުރިޔަށް ދިޔައިރު، ހަތިޔާރު އެޅިބާރުތަކުން ހަމަލާ ދިނުމުގެ ސަބަބުން ބާވީހަކަށް މީހުން މަރުވެފައި ވެއެވެ. ސަރުކާރުގެ މިނިސްޓަރފޯ ކޮމިޔުނިކޭޝަން ޕްރިތިވް ޝުބާ ވިދާޅުވި ގޮތުގައި ފުލުހުން ވޯޓަރ ކެނަން، ރަބަރު ވަޒަން އަދި މުގުރުބުރި ބޭނުން ކުރަން ޖެހުނީ މަޖްބޫރު ވެގެނެވެ. ނަމަވެސް މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ފުލުހުން ވަނީ އަސްލުވަޒަންވެސް ބޭނުން ކޮށްފައެވެ.

ޕާލަމަންޓް ބިލްޑިންގ ގެ ވަށައިގެން ކާފިއު ހިންގާފައިވަނިކޮންވެސް ޒުވާނުންގެ ގިނަ ބަޔަކު އެތަނަށް ވަދެ އިމާރާތުގެ އެކިތަންތަނުގައި ހުޅުޖަހާފައި ވެއެވެ. ޕާލަމަންޓް ބިލްޑިންގ ގެ އިތުރުން ސަރުކާރުގެ އެހެން އެތައް އިމާރާތްތަކާއި އަދި ކޮރަޕްޓް ވެރިން ކަމަށް ރިޕޯޓްކޮށްފައިވާ ފަރާތްތަކުގެ ގެދޮރަށާ ވެހިކަލްތަކަށް ގެއްލުން ދީފައި ވެއެވެ. އަންގާރަ ދުވަހު އެކަނި ތިން މީހުން މަރުވެފައިވާއިރު މުޅިއެކު 22 މީހުން މަރުވެފައި ވެއެވެ.

މި ވަގުތު އޯޑަރު ދެނީ ކާކު؟

އަންގާރަ ދުވަހު ނޭޕާލްގެ އާމީ ޗީފް ޖެނެރަލް އަޝޯކް ރާޖް ވަނީ މުޒާހަރާ ކުރާފަރާތްތަކަށް އިންޒާރުދީ ބަޔާނެއް ނެރެފައެވެ.އަދި އިތުރަށް ހަރުކަށިކަން ދައްކަމުން ގެންދާނަމަ، ސަލާމަތީ ހުރިހާ އިދާރާތަކުން ހާލަތު ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާނެ ކަމަށް ބުނެފައި ވެއެވެ.ހަމަ މިއާއެކު ނޭޕާލުގެ މިއަދުގެ ހާލަތު ރަގަޅުކުރާބެހޭގޮތުން މަޝްވަރާތަކަކަށް ދިއުމަށް އޭނާ ދައުވަތު ދީފައި ވެއެވެ.

ނަމަވެސް މިވަގުތު ގައުމުގެ ވެރިކަން ކުރަނީ ކޮންފަރާތަކުން ކަމެއް ސާފުނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ. އާމީގެ ބަޔާނުގައިވެސް މުޒާހަރާ ކޮންޓްރޯލް ކުރަން އަޅާނެ ފިޔަވަޅެއް ބުނެފައެއް ނުވެއެވެ. ސިފައިންނަށް އަމުރު ކުރާނެ ފަރާތެއް ނެތްނަމަވެސް ލޫޓުވުމާއި ހުޅުޖެހުންފަދަ ކަންތައް ކުރަމުންދާ ފަރާތްތައް މަތަކުރުމަށް މިހާރުވެސް ހަތިޔާރު އެޅި ސިފައިން ދަނީ މަގުމަތީގައި ހަރަކާތްތެރި ވަމުންނެވެ.

ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮން ވަކިބަޔަކު ހަރަކާތެރިވެފައި ނުވާއިރު މަޝްވަރާތަކުގައި އެމީހުންގެފަރާތުން ބައިވެރިވާނެ ފަރާތެއް އަދި ނޭގެއެވެ.

މުޒާހަރާތަކަށް ސިޔާސީ ފަރާތެއް ކަމަށްވާ ކަތުމަންޑޫގެ މޭޔަރު ތާއީދު ކުރައްވާފައިވާއިރު، އޭނާގެ ސޯޝަލް މީޑިޔާ އެކައުންޓް ބޭނުންކޮށްގެން ވަނީ އާންމުން ކެތްތެރިކަން އިސްކުރުމަށް ގޮވާލާފައެވެ.

އިދިކޮޅު މުޒާހަރާ ތަކުގައި ބައިވެރިވީ ކޮންބައެއް؟

ސޯޝަލްމީޑިޔާ ބޭނުންކޮށް ޒުވާނުން ”ކައްކުވާލި“ ކަމަށް ބެލެވޭއިރު މިއީ ނޭޕާލްގެ ތާރީޚްގައިވެސް މިހާ ފުޅާ ދާއިރާއެއްގައި އިދިކޮޅު ހަރަކާތް ހިންގުނު ފަހަރު ކަމަށް ވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުޒާހަރާތަކުގައި ގިނައިން ބައިވެރިވެފައިވަނީ ”ޖެންޒީ“ ކިޔާ އުމުރުފުރައިގެ މީހުންނެވެ.ޒުވާނުންގެ ތެރޭން އިސް ވަކިފަރާތެއް ނެތް ނަމަވެސް އެއްވުންތަކަށް ދިއުމަށް އަންގާ، އަދި ހިނގާ ކަންކަމުގެ މައުލޫމާތު އެންމެނާ ހިއްސާ ކުރާ ގްރޫޕްތަކެއް ހަރަކާތްތެރި ވަމުން ގޮސްފައި ވެއެވެ.

ނޭޕާލުގެ ބޮޑެތި ސިޓީ ތަކުގެ ހުރިހާ ކޮލެޖް އަދި ޔުނިވަސިޓީ ގެ ކިޔަވާ ކުދިންނަށް ވަނީ އެމީހުންގެ ޔުނީފޯމްގައި މުޒާހަރާތަކުގައި ބައިވެރި ވުމަށް އަންގާފައެވެ.

”ނެޕޯ ކިޑްސް“ އާއި މިކަމާ ހުރީ ކޮން ގުޅުމެއް؟

ނޭޕާލްގެ އިދިކޮޅު މުޒާހަރާ ހޫނުވި އަނެއް ސަބަބަކީ ”ނެޕޯކިޑްސް“ އޭ ކިޔާ މުއްސަނދިންގެ ދަރިންގެ އުޅުން ހުންނަ ގޮތުގެ ސަބަބުންނެވެ. އާންމުންގެ އަތްމަތި ދަތިވެފައިވާއިރު މުއްސަނދިންގެ ދަރިން، ޓެކްސްޕޭޔަރުންގެ ފައިސާ ހިތުހުރި ގޮތަކަށް ތަޅަމުން ގެންދާތީ ގިނަ ބަޔަކު ވަނީ ރުޅިގަދަ ވެފައެވެ. ފެންވަރެއް ތައުލީމެއް ނެތްނަމަވެސް އެމީހުންނަށް މަތީ މަގާމުތައް ދިނުމާއި އަރާމު ދިރިއުޅުން ހޯދާ ދޭތީ އާންމުންވަނީ ރުޅިއައިސްފައެވެ. އާނުން ވަޒީފާއެއް ނުލިބި، މަޖްބޫރުން އެކި ތަންތަނަށް ހިޖްރަ ކުރަން ޖެހޭއިރު، ”ނެޕޯ ކިޑްސް“ އާންމު ރައްޔިތުންގެ ފައިސާގައި ޑިޒައިނަރ ހެދުންތައް އަޅައިގެން ބޭރު ގައުމުތަކަށް ދަތުރު ތައް ކުރުމާ އަގުބޮޑެތި ކާރުތަކުގަ އުޅޭތީ އެކަން ހާމަ ކޮށް އާންމުން އައީ ޓިކްޓޮކް ވީޑިއޯ ތައް ހަދަމުންނެވެ. އެހެން ކަމުން ސަރުކާރުން ޓިކްޓޮކް ބަންދުކުރީ އެފަދަ ވީޑިއޯ ތައް ހުއްޓުވޭނެ ކަމަށެވެ. ނަމަވެސް ކަންތައް ދިޔައީ ގޯހުން ގޯހަށެވެ.   

ނޭޕާލުގައި ދެން ވާނީ ކިހިނެއް؟

އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ބޮޑުވަޒީރު އިސްތިއުފާދެއްވާފައި ވީނަމަވެސް އޭނާގެ ބަދަލުގައި ދެން އެމަގާމާ ހަވާލުވާނީ ކާކުކަމެއް އަދި ނޭގެއެވެ. ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ މިވަގުތަށް ސަލާމަތީ ބާރުތަކުގެ ހިމާޔަތް ހޯއްދަވާފައެވެ.

އިދިކޮޅު މުޒާހަރާ ގެ ބައިވެރިން ގޮވާލަމުން ދަނީ ސަރުކާރުގެ ފައިސާ ޚަރަދުކުރާގޮތުގެ ތަފްސީލްތައް ހާމަ ކުރުމަށާ އަދި ހިންގުމުގެ ނިޒާމަށް އިސްލާހުތައް ގެނައުމަށެވެ. އެނަލިސްޓުން ބުނާ ގޮތުގައި ސަރުކާރުން ރަނގަޅު އިސްލާހުތައް ނުގެނެސްފިނަމަ، ސިވިލް ސޮސައެޓީ ގްރޫޕް ތަކާއި އަދި ހަގު އުމުރުގެ ކިޔަވާކުދިންވެސް މުޒާހަރާ ތަކުގައި ބައިވެރިވެ އިތުރަށް ކަންކަން ގޯސްވާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް