ނޭޕާލުގައި ސަރުކާރުން ސޯޝަލް މީޑިޔާ ބަންދު ކުރުމުން މަޝްރަހް ހޫނުވެ 19 މީހުން މަރުވުމާއި ގުޅިގެން އަލުން ސޯޝަލް މީޑިޔާ ހުޅުވާލައިފިއެވެ.
އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުތީ ”ނެޕޯ ކިޑްސް“ ނުވަތަ ސިޔާސީ އިސްވެރިން ނާއި އެހެންވެސް ނުފޫޒުގަދަ ފަރާތްތަކުގެ ދަރިންގެ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން އަތްނުފޯރާ ދަރަޖައަށް ފުޅާވުމާއި ގުޅިގެންނެވެ. މުޒާހަރާތަކުގައި މަރުވި މީހުންގެ އިތުރުން ސަތޭކައެއްހާ މީހުންނަށް އެކި އަނިޔާތައް ލިބިގެން ފަރުވާދީފައި ވެއެވެ.
ސަރުކާރާ ދެކޮޅަށް އާންމުން ނިކުމެފެށި މުޒާހަރާތަކާ ގުޅިގެން ސަރުކާރުން 26 ސޯޝަލް މީޑިޔާ ޕްލެޓްފޯމް ބަންދު ކުރިއެވެ.މީގެ ތެރޭގައި ޒުވާނުންގެ ތެރޭގައި އެންމެ މަގްބޫލް ފޭސްބުކް އަދި ޔޫޓިއުބް ވެސް ހިމެނެއެވެ. މިއާއެކު އެތައް ހާސް ޒުވާނުން ނިކުމެ ހޯމަދުވަހު ޕާލަމެންޓު ހައުސް އަށް ވެސް ވަދެގަނެފައި ވެއެވެ. މިކަމާ ގުޅިގެން މިހާރުވެސް އެތައް ޑިސްޓްރިކްޓް ތަކެއް ގައިވަނީ ކާފިއު ހިންގާފައެވެ.
ސަރުކާރުގެ މިނިސްޓަރަކު ބުނެފައިވާ ގޮތުގައި ސޯޝަލް މީޑިޔާ އަލުން ހުޅުވާލަން ނިންމީ ”ޖެން ޒީ“ ނުވަތަ ޒުވާނުންގެ ޑިމާންޑް ތައް އަޑުއެހުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވުނު އިމަރޖެންސީ ބައްދަލް ވުމަކަށް ފަހުގައެވެ.
ނޭޕާލުގެ މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ގައި ރަޖިސްޓްރީ ކުރަންޖެހޭ ތާރީޚްގައި ރަޖިސްޓްރީ ކޮށްފައިވާ ނުވާކަމަށް ބުނެ 26 ސޯޝަލް މީޑިޔާ ޕްލެޓްފޯމް މިދިޔަ ހަފްތާގައި ސަރުކާރުން ބަންދު ކުރިއެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ ހަމަ އެކަނި ބަހަނާއެކެވެ.
ނޭޕާލްގައިވެސް އިންސްޓަގްރާމް އާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކަކީ އެތައް މިލިއަން މީހުން މައުލޫމާތު ހޯދުމަށާ ވިޔަފާރީގެ ބޭނުންތަކަށް އަދި މުނިފޫހި ފިލުވުމަށް ބޭނުން ކުރަމުން އަންނަ ޕްލެޓްފޯމް ތަކެވެ. ނަމަވެސް މި ޕްލެޓްފޯމް ތަކުގައި ”ފޭކް“ ހަބަރުތަކާއި ”ހޭޓް ސްޕީޗް“ ނުވަތަ ނަފްރަތު އުފެދޭފަދަ ކޮންޓެންޓް އަދި ”ފްރޯޑް“ ތައް ފަތުރާ ކަމަށް ބުނެ ސަރުކާރުން ޕްލެޓްފޯމް ތައް ބަންދުކުރިނަމަވެސް އެކަމުގެ ނަތީޖާ ވަނީ މާގޯސްވެގެން ގޮސްފައެވެ.
ހޯމަ ދުވަހު މަގުތަކަށް ނިކުތް ޒުވާނުންނާއި އާންމުން ބުނި ގޮތުގައި އެމީހުން ނިކުތީ ސަރުކާރުން އެގައުމުގައި ހުރި ޑިމޮކްރެޓިކް އިދާރާތަކުގެ ބާރު ކަނޑުވާލާ، ގޮއްމުށުގެ ވެރިކަމެއްގެ ސިފަ ދައްކަމުންދާތީ އެކަމާ ދެކޮޅަށެވެ. ނިކުތް މީހުންގެ އަތުގައިވާ ބޯޑުތަކުގައި ”ކޮރަޕްޝަން ހުއްޓުވާ“ އަދި ”ފުދިއްޖެ ފުދިއްޖެ“ ފަދަ ލިއުންތައް ލިޔެފައި ވެއެވެ.
ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ދިރިއުޅުއްވާ ގެޔަށް ވެސް ބަޔަކު ގާއުކާ ގެއްލުންތަކެއް ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ގިނަ ބަޔަކު ބުނި ގޮތުގައި ޒުވާނުން އެއްވީ ސޯޝަލް މީޑިޔާ ބަންދުކޮށްގެން ނަމަވެސް އެންމެންގެ ވެސް ފޯކަސް ހުރީ ގައުމުގަ އަށަގަނެފައިވާ ކޮރަޕްޝަންގެ މައްސަލަ އަށެވެ. ގައުމު އަނބުރާ ބޭނުން ކަމަށާ ކޮރަޕްޝަން ހުއްޓުވަން ޖެހޭ ކަމަށް އެމީހުން ގޮވަމުން ގޮސްފައި ވެއެވެ.
ސަރުކާރާ ދެކޮޅަށް އެއްވި މީހުން ރޫޅާލުމަށް ފުލުހުން ވޯޓަރ ކެނަން، ރަބަރު ބުލެޓް އަދި މުގުރު ފަދަ ހަތިޔާރު ބޭނުން ކޮށްފައި ވެއެވެ.
ޕްރައިމިނިސްޓަރ އޮލީ ވަނީ އާންމުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަކީ ބައެއްގެ އަމިއްލަ ފައިދާއަށް ހިންގި ކަމެއްކަމަށް ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ އެހީ ވެދެއްވާނެ ކަމަށާ އަނިޔާވި މީހުންނަށް ހިލޭ ބޭސް ކޮށްދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ
![]()
