ބާތުޑޭ

Loading

September 1, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ހަވީރު އޮފީހުންގެޔަށް ދަމުން ކުއްލިއަކަށް އަހަރެން ބޭނުންވީ މިރޭ އެންމެ މަގްބޫލް ރެސްޓޯރެންޓުން މީރު ސެލެޑް އެއްކާލުމަށެވެ. އެހެންކަމުން ރެސްޓޯރަންޓާ ވަރަށް ކައިރިވެފައި ވުމާއި އެކު މަޑުމަޑުން ދުއްވާލާފަގޮސް ސްކޫޓީ ރެސްޓޯރަންޓް ކައިރިއަށް މަޑު ކޮށްލީމެވެ.

އެތެރެޔަށް ވަދެ ކައުންޓަރު ކައިރިޔަށް ގޮސް ސެލެޑަށް އޯޑަރު ދިނުމަށްފަހު ތައްޔާރުވަންދެން ގޮނޑިއެއްގައި އިށީދެލިތަނާ ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި ބޫތުގައި ތިބި ބައްޕައަކާ ކުޑަފިރިހެން ކުއްޖެކެވެ.

އެތަނަށް ދެވުނީތީވެސް ކުއްޖާ ވަރަށް އުފަލުން އިންހެން ހީވެއެވެ. އިރުކޮޅަކުން ކުއްޖާބުނާއަޑުއިވެއެވެ. ބައްޕާ އެއްޗެއް ގެންނަމާތޯއެވެ. ބައްޕަ ވަރަށް ލޯބިން ދަރިފުޅާ ދިމާއަށް ބަލާލުމަށް ފަހު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ބައްޕަ އެވަގުތު ވެއިޓަރަށް ގޮވާލާފަ ދެތިން ޕޭންކޭކްއާއި ކުޑަހޮޓް ޗޮކްލެޓް ތައްޓެއް ހިމެނޭ ޑިޝްއަކަށް އޯޑަރު ދިނެވެ. އެއީ އެތަނުގެ މެނޫގައިވާ އެންމެ އަގުހެޔޮ ކެއުމެވެ.

އެމީހުން ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައި އަހަރެން އިންދާ ބައްޕަ ދަރިފުޅު ކައިރީ ބުނާ އަޑުއިވުނެވެ. ބައްޕަ ބަނޑުހައެއް ނުވެއެވެ.ދަރިފުޅު ކާލާށެވެ. އިތުރަށް ބައްޕަ ވާހަކަ ކުރިޔަށް ގެންދަމުން ބުންޏެވެ. ބައްޕަގެ ވަޒީފާ އިން ލިބޭ މުސާރަވެސް ކުޑަކުރީމަ ލާރިވެސް ނެތީއެވެ. މިއަދަކީ ދަރިފުޅުގެ ބާތުޑޭވީމަ ކޮންމެހެންވެސް ދަރިފުޅުގެ ބާތުޑޭ ހަދިޔާއެއްގެ ގޮތުން ގަދަކަމުން ލާރި ސޭވް ކޮށްގެން ރެސްޓޯރަންޓަށް ގެންދިޔައީ ކަމަށް ބުންޏެވެ. މިހެން ބުނެ ޖީބުން ކުޑަ ފޮއްޓެއްނަގާ މޭޒުމަތީ ބެހެއްޓިއެވެ. އޭގައި ލާރިކޮޅެއް ހުރި ނަމަވެސް ވަނީ ހަމައެކަނި ޕޭންކޭކް އަށް ކިރިޔާ ވާވަރަށެވެ.

ވެއިޓްރު ޕޭންކޭކްތަށި ގެނައުމުން ކުއްޖާ ކާތަން ބަލަން ބައްޕަ އިންގޮތް ފެނިފަ އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.

އަހަރެން ސިއްރު ސިއްރުން ވެއިޓަރަށް ގޮވާލާފަ ބުނީމެވެ. ބައްޕަ އަތަށް މެނޫ ގެންގޮސްދީފަ ބުނާށެވެ. މިރެސްޓޯރެންޓްގެ ފަރާތުން ބާތުޑޭ ބޯއީ އަށާ ބައްޕަޔަށް ބޭނުން ކެއުމެއް ދޭ ގޮތަށް ނިންމައިފިއެވެ. އެ ދެކެއުމަށްވާ ފައިސާ އަހަރެން އޮންލައިންކޮށް ޓްރާންސްފާ ކޮށްދޭނަމެވެ. މިހެން ބުނެ އަހަރެންގެ ފޯނުނަމްބަރު ދިނީމެވެ. އަދި އަހަރެންގެ އޯޑަރު އަދިވެސް ނުނިމޭތީ އަނެއްކާވެސް އިރުކޮޅަކު މަޑުކޮށްލީމެވެ.

އަހަރެން މިކަންތައް ކުރިގޮތް ކުއްޖާއަށް ނޭގުނު ނަމަވެސް ބައްޕައަށް އިނގުނުކަން އަހަރެންނަށް ފާހަގަ ވިއެވެ. އަދި އަހަރެންގެ އޯޑަރު ނިމުމުން ހިފައިގެން އެތަނުން ނިކުންނަން ހިނގައިގަތްވަގުތު އަހަރެންގެ ލޮލަށް ބަލާލުމަށްފަހު ޝުކުރިއްޔާއޭ ބުނުމުގެ ގޮތުން މަޑުމަޑުން ބައްޕަ ބޯޖަހާލިއެވެ. އެބޯޖަހާލުމުން އެއްހާސް ލަފްޒުން ޝުކުރު އަދާ ކުރުމަށް ވުރެ އަހަރެންގެ ހިތަށް އަސަރު ކުރިއެވެ. އޭނާގެ ދަރިފުޅުގެ ބާތުޑޭ އޭނާއަށް ފާހަގަ ކޮށް ނުދެވުނު ހާލުގައި އަހަރެން އެކަން ކޮށްދިނުމުން އޭނަޔަށް ވީ ވަރަށް ވެސްބޮޑުކަމަކަށެވެ.

އަހަރެން އެނބުރި ކުއްޖާޔަށް ބަލާލިއިރު އޭނާ އުފަލުން ގޮސް ހީވަނީ ފޮޅިފައި އިން މަލެއް ހެންނެވެ. ހީހީފައި ބައްޕައާ ވާހަކަދައްކަމުން ގެންދިޔައެވެ. ހަމަގައިމުވެސް މިއީ އޭނާ ހަނދާންހުންނާނެ އުފަން ދުވަހަކަށް ވާނެއެވެ. އަދި އެކަން ހާސިލް ކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން އަހަރެންނަށް ލިބުނީތީ ހެއްދެވިފަރާތަށް އަހަރެން ޝުކުރުވެރިވީމެވެ.

މިފަދަ ކުޑަކުޑަ ހެޔޮކަމެއްގެ ސަބަބުން އެކުޑަކުޑަ ކުއްޖާގެ ދުވަހުގައި ކުލަޖައްސާލަދެވުނީތީ އަހަރެން ގެއަށް ދިޔައީ ވަރަށް އުފަލުން ހުރެއެވެ.   

Loading

Leave a Reply

ފަހުގެ އަޕްޑޭޓް