ނިމުނު ޞަފަރު މަހުގެތެރޭގައި ފަންސާސް ދެމިލިއަން, އަށްސަތޭކަ ތޭވީސްހާސް, ނުވަސަތޭކަ ފަސްދޮޅަސް ދެ މީހުން މާތްވެގެންވާ ހަރަމް ފުޅަށާއި މަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރި ކަމަށް އެ ދެމިސްކިތުގެ ކަންކަން ބަލަހައްޓާ އިދާރާއިން ހާމަ ކޮށްފިއެވެ.
މީގެ ތެރެއިން އެކާވީސް މިލިއަން ހަތަރުސަތޭކައަށް ވުރެގިނަ މީހުން މަސްޖިދުލް ހަރާމްއަށް ޒިޔާރަތްކޮށް އެ މިސްކިތުގައި ނަމާދު ކޮށްފައި ވެއެވެ. އަދި 51ހާހަށް ވުރެގިނަ މީހުންނަށް ގެފުޅު އަރިހުގައިވާ ޙިޖްރު އިސްމާއިލް ކިއުނު ތަންކޮޅުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބުނު ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ޙިޖްރް އިސްމާއިލްއަކީ މާތްވެގެންވާ ގެފުޅުގެ އުތުރު ފަރާތުގައިވާ ގުދު ފާރުބުރިއާ ގެފުޅާ ދެމެދުގައިވާ ސަރަހައްދަށް ކިޔާނަމެކެވެ. ގެފުޅުގެ އޭރިޔާއިން ބޭރުގައި ވީނަމަވެސް ޙިޖްރް އިސްމާއިލް އަކީ ގެފުޅުގެ އިމުގެތެރޭގައި ހިމެނޭ ބައެއް ކަމަށް ވެއެވެ. ޠަވާފް ކުރާ މީހުންނަކަށް ގުދުފާރު ކޮޅާ، ގެފުޅާއި ދޭތެރޭން ނުއެއްދެވޭނެއެވެ. ނަމަވެސް އެ ތަންކޮޅުގައި ނަމާދުކޮށް ދުއާކުރުން ހުއްދަވެގެން ވެއެވެ.
ހަރަމްފުޅު އަދި މަސްޖިދުލް ނަބަވީގެ ކަންކަން ބަލަހައްޓާ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޞަފަރު މަހު ހަތް މިލިއަން ފަސްސަތޭކަ ތިރީސްހަތްހާސް މީހުން އުމްރާ ވެފައިވާއިރު، މަސްޖިދުއްނަބަވީ އަށް ވިހިމިލިއަން ހަސަތޭކަބާވީސްހާހެއްހާ މީހުން ޒިޔާރަތްކޮށް އެ މިސްކިތް ކޮޅުގައި ނަމާދު ކޮށްފައިވެއެވެ. މީގެ ތެރެއިން ރަސޫލާގެ މަގާމުފުޅު، ރައުދާއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އެއްމިލިއަން އެއްލައްކަ އަށްޑިހަ ހާހަށްވުރެގިނަ މީހުންނަށް ލިބިފައި ވެއެވެ. ރައުދާ އަކީ ކީރިތި ރަސޫލާ ފަސްދާނުލެވިފައި އޮންނެވިތަނާ، އެކަލޭގެފާނުގެ މިމްބަރާ ދެމެދުގައިވާ ސަރަހައްދެވެ.
އިސްލާމީ ތާރީޚްގައި ޞަފަރު މަހަށް ޚާއްސަކަން ދެވޭ މުހިންމު ދެ ސަބަބެއް ވެއެވެ.
އިސްލާމް ދީން އައުމުގެ ކުރިން އަރަބިން ގަބޫލު ކުރަމުން އައީ ޞަފަރު މަހަކީ ބަދު ނަސީބު ކަންކަން މެދުވެރިވާނެ މަހެއްގެ ގޮތުގައެވެ. އެހެން ކަމުން އެ މަހު ކައިވެނި ކުރުމާއި ދިގު ދަތުރު ތަކުގައި ފުރުމާއި އައު ވިޔަފާރިއެއް ފެށުން ފަދަ ކަންކަން އަރަބިން ނުކުރާ ކަމަށް ވެއެވެ. ނަމަވެސް އިސްލާމް ދީން އައުމާއިއެކު މިފަދަ ހުރިހާ ގަބޫލު ކުރުންތައް ވަނީ ބާތިލް ކުރައްވާފައެވެ. ކީރިތިރަސޫލާ ﷺ އަންގަވާފައިވަނީ ކޮންމެ ކަމެއްވެސް ހިނގަނީ ﷲ އެކަމެއް ވުމަށް ނިންމެވުން ކަމުގައެވެ. އެހެން ކަމުން ބާތިލް ގަބޫލުކުރުންތައް ދޫކޮށް ހަމައެކަނި ﷲ އަށް ވަކީލުކުރުމަށް ޞަފަރު މަސް މުސްލިމުންނަށް ހަނދާން ކޮށްދެއެވެ.
މުސްލިމުންނަށް ޞަފަރު މަސް ޚާއްސަވާ ދެވަނަ ސަބަބަކީ ކީރިތި ރަސޫލާ ﷺ ސުވަރުގެ ވަދައިގެންނެވުމުގެ އާލާސްކަންފުޅު ފެށުނީ އެ މަހުގައި ކަމަށްވާތީއެވެ. ޞަފަރު މަހު އާލާސްކަންފުޅުފެށި، އަވަހާރަވެފައި ވަނީ ޖެހިގެން އައި ރަބީއުލްއައްވަލް މަހުއެވެ.
މައުލޫމާތު: ސައޫދީ ގެޒެޓް އަދި އިންޓަރނެޓް
![]()
