ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރެވުނު ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގހާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.ރަނިލް އެޑްމިޓްކުރީ އޭނާ އިއްޔެ ގެންދެވުނު ވެލިކަޑަ ޖަލުގައި ހުންނަ ހޮސްޕިޓަލުގައި ކަމަށް ވެއެވެ.
ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުޕުލީ ލަންކާޕޫރާ ގެ އަމުރަކުން އޮގަސްޓް 26ހާހަމަޔަށް ވަނީ ރަނިލްގެ މައްސަލަ ރިމާޑް ކޮށްފަ، ނުވަތަ މެދުކަނޑާލާފައެވެ.
ހުކުރު ދުވަހު ވިކްރަމަސިންގހާ ހައްޔަރު ކުރެވުނީ 2023 ވަނަ އަހަރު ކިއުބާގައި އޮތް ސަމިޓް ބައްދަލް ވުމަކުން އެނބުރި ވަޑައިގެންނެވިއިރު އިގިރޭސި ވިލާތަށް ދަތުރު ކުރެއްވި މައްސަލައިގައެވެ. އޭރު އިގިރޭސި ވިލާތަށް ދަތުރު ކުރެއްވީ އަނބިކަނބަލުން ގެ ގްރެޖުއޭޝަން ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ވެއެވެ.
ރިމާންޑް އަޑުއެހުމުގަ ރަނިލްގެ ގާނޫނީ ވަކީލް ބުނެފައިވަނީ އިގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަކީ އިގިރޭސި ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރު ފުޅެއްކަމުގައެވެ.މިކަން މައްސަލަޔަކަށް ހަދައިގެން އުޅެނީ މިހާރުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓުން ހިންގި އިންޓާނަލް އިމްކުއަރީ އަކަށްފަހު ޒާތީ ގޮތުން ކަމުގައި ކަމަށް ގާނޫނީ ވަކީލު ބުނެފައި ވެއެވެ.އަދި ވިކްރަމަސިންގހާ އަކީ ފާއިތުވި ހަތްއަހަރުވެސް ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ވަޑައިގެންނެވި ބޭފުޅެއް ކަމަށާ ހިތުގެ ބަލީގެ އިތުރުން ހަކުރު ބައްޔާއި ޕްރެޝަރު މައްޗަށް ދިއުމުގެ ބައްޔަށްވެސް ފަރުވާހޯއްދަވަމުން ގެންދަވާކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އެހާބަލި ބޭފުޅަކު ޖަލުގައި ބެހެއްޓުމަކީ ރައްކާތެރި ގޮތެއް ނޫންކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ވަކީލު ބުނެފައިވާ ގޮތުގައި ރަނިލްގެ އަނބިކަބަލުންނަކީ ކެންސަރ ޕޭޝަންޓެއްކަން އިއްޔެ ހާމަވެފައިވެއެވެ. އެހެންކަމުން މިއީވެސް ރަނިލްއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތާމައެއްކަމަށް ބުނެފައިވެއެވެ.ރަނިލްއާއި އަނބިކަނބަލުންނަށް ބޭފުޅަކު ލިބިވަޑައިގެންފައިނުވާއިރު މިހިތާމަވެރި ދަނޑިވަޅުގައި އަނބިކަނބަލުންގެ އަރިހުގައި ހުންނެވުންވެސް ވަރަށް މުހިންމު ކަމަށް ބުނެފައި ވެއެވެ. އެހެން ކަމުން ކަފާލާތު އުސޫލުގެ ދަށުން ރަނިލް މިނިވަން ކޮށް ދިނުމަށް ވަކީލު އެދިފައި ވެއެވެ.
ރަނިލް ވިކްރަމަސިންގހާ ގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ރައީސްކަމުގައި ހުންނެވިއިރު ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅުތަކަކަށް ސަރުކާރުގެ ފައިސާ ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މިގޮތުން 10 މީހުންނާއެކު އިގިރޭސި ވިލާތަށް ކުރެއްވި ދަތުރަކަށް ލަންކާގެ 16.6 މިލިއަން ރުޕީސް ބޭނުން ކުރެއްވި ކަމަށް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ވަނީ ބުނެފައެވެ.
ރަނިލް ވިކްރަމަސިންގހާ ރައީސްކަން ކުރައްވާފައިވަނީ 2022ން 2024 އަށެވެ.އޭރު ރައީސް ކަމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސާ ގެ މައްޗަށް ކުރެވުނު ޚިޔާނާތުގެ ތުހުމަތު ތަކާއި ގުޅިގެން ގޮތަބަޔާ އާއި ދެކޮޅަށް ވަރުގަދަ އިދިކޮޅު ހަރަކާތެއްފެށި، ގޮތަބަޔާ ގައުމު ދޫކުރައްވާ ވަޑައިގެންނެވުމުންނެވެ. އޭގެ ކުރިން ވިކްރަމަސިނގހާވަނީ ބޮޑުވަޒީރުގެ މަގާމު ތަފާތު ހަ ފަހަރެއްގެ މަތިން ފުރުއްވާފައެވެ.
އުމުރުފުޅުން 76 އަހަރުގެ ވިކްރަމަސިންގހާ ރައީސް ކަމުގައި ހުންނެވި މުއްދަތުގައި ގައުމުން ބޭރަށް 23 ދަތުރު ކުރައްވާފައި ވެއެވެ.
1977 ވަނަ އަހަރު މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގެންނެވިފަހުން ރަނިލް ވިކްރަމަސިންގހާއަކީ ސްރީލަންކާގެ ސިޔާސީ މަޝްރަހުގައި އިސްކޮށް ގުނާލެވޭ ފަރާތެކެވެ. ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ހުންނެވި ވިކްރަމަސިންގހާ ނިސްބަތްވެ ވަޑައިގަންނަވަނީ ސްރީލަންކާގެ ތަނަވަސް އާއިލާއަކަށެވެ. ރައީސްކަމަށް އެތައްފަހަރަކު ވާދަ ކުރެއްވިނަމަވެސް އިންތިހާބެއް ކާމިޔާބް ކުރެއްވިފައެއް ނުވެއެވެ.
2024 ވަނަ އަހަރުގެ އިންތިޚާބްގައިވެސް ވާދަ ކުރެއްވިނަމަވެސް އެފަހަރުގެ އިންތިޚާބް ކާމިޔާބް ކުރެއްވީ މިހާރުގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކައެވެ..
![]()
