މުޅި ޣައްޒާ ސިޓީ ހިޞޯރު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާ އޮޕަރޭޝަން ފަށައިފި

Loading

Facebook
Twitter
WhatsApp

މުޅި ޣައްޒާސިޓީ ހިޞޯރު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާ އޮޕަރޭޝަންގެ ފުރަތަމަ ބުރު ބުރާސްފަތި ދުވަހު ފެށުމާއި ގުޅިގެން އެސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ މިލިއަނެއްހާ މީހުން އެސަރަހައްދު ދޫކޮށް ދާންފަށައިފިއެވެ.

ޣައްޒާ ސިޓީ އިސްތިޢުމާރުކޮށް، އެ ސަހަރުގައި ދިރިއުޅެމުންދާ މިލިޔަނެއްހާ ރައްޔިތުން އަޅުވެތި ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ އެ ރަށުގެ ރަށްބޭރަށް އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ގިނަ އަދަދަކަށް ޖަމާކޮށްފައެވެ. އަދި، ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކޮށްގެން އެ ރަށުގެ ޢާންމުން ދިރިއުޅޭ ގެދޮރާއި ހަސްފަތާލުތައް ފަދަ ޢުމްރާނީ ވަސީލަތްތަކަށް ނިރުބަވެރި ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަން ވަނީ ފަށާފައެވެ.

ޔަހޫދީ ފައުޖުން ކުރިން ބުނެފައިވަނީ ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ އޮޕަރޭޝަން ފެށުމުގެ ގޮތުން، 60,000އެއްހާ ރިޒަރވް ސިފައިން ހަނގުރާމައިގެ މައިދާނަށް ނިކުތުމަށް އަމުރު ކޮށްފައިވާނެ ކަމުގައެވެ. އަދިކުރިން ބުނީ ސެޕްޓެންބަރު މަސް ފެށުމާ އެކު، އެ މީހުންގެ އަސްކަރީ އޮޕަރޭޝަން ފަށާނެ ކަމުގައެވެ. އަދި، ޔަހޫދީ ފައުޖުގައި ޚިދުމަތް ކުރަމުންދާ އެކްޓިވް ސިފައިން ރުކުރުވާލުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމުގައި ޔަހޫދީ ފައުޖުން ބުނެފައި ވެއެވެ.

ޣައްޒާ ސިޓީ ހިޞޯރު ކުރުމަށް ޔަހޫދީ ފައުޖު ތަކުން ވަރުގަދަ ހަމަލާތަކެއް ފެށުމާއި އެކު އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްވަނީ މިފަދަ ހަމަލާތަކެއްގެ ނަތީޖާއަކަށްވާނީ އަދަދު ނޭގޭހާ ގިނަބަޔަކު މަރުވެގެން ދިއުންކަމަށް ވިދާޅުވެ، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ބައިނަލްއަގްވާމީ މުޖްތަމިއުއިން ހުރަސްއަޅަމުން ދިޔަނަމަވެސް މުޅި ޣައްޒާސިޓީ ހިފުމަށް ކޮށްފައިވާ ޕްލޭން ކުރިޔަށް ގެންދާނެ ކަމަށް އިޒްރޭލްގެ ވެރިންވަނީ ތަކުރާރުކޮށް ބުނެފައެވެ.

ޣައްޒާސިޓީގެ ޒައިތޫން އަދި ސަބްރާ ނެއިބަހުޑްގައި ދިރިއުޅެމުން އައި މީހުން ކިޔާދިން ގޮތުގައި ބުރާސްފަތި ދުވަހާ ބުރާސްފަތިވިލޭރޭ މުޅިރޭގަނޑާއެކު މެދުނުކެނޑި ވަރުގަދަ ހަމަލާތައް ދީފައި ވެއެވެ.ޖެޓް މަތިންދާބޯޓުތަކުން ދިންހަމަލާތަކާއެކު ބާރުގަދަ ގޮވުންތައް ގޮވާ، ގެތައް ހެލެމުން ދިޔަކަމަށާ އެހީއަށް އެދި ލަވާހަޅޭކުގެ އަޑާއެކު އެމްބިއުލައިންގެ އަޑުވެސް ނުކެނޑޭކަމަށް އާންމުން ބުނެފައި ވެއެވެ. ހަމަލާތައް ކައިރިވަމުން ކައިރިވަމުން ދިޔަނަމަވެސް ދާނެ ވަކިއެހެން ތަނެއް ނެތް ކަމަށް މީހުން ބުނެފައި ވެއެވެ.

އަސްކަރީ ހަމަލާތައް ވަރުގަދަކުރުމުގެ ކުރިން އިޒްރޭލުން ގެންދިޔައީ ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުން ބަންދުކޮށްލައިގެން އާންމުން ބަނޑަށް ޖައްސާލުމުގެ ކެމްޕެއިނެއް ހިންގަމުންނެވެ. މިއާއެކު މިހާތަނަށް 266 މީހުންނާއި ކުދިން ވަނީ ބަނޑަށް މަރުވެފައެވެ

Loading

One Response

  1. ޝަހީމޫ، ގައްޒާގައި އެތިބި ސުންނީ މުސްލިމުންނަށް ކާއެތިކޮޅެއްދީ އިޙުސާންތެރިވުމަށް ސަޢޫދީގައި ދަންނަވާބަލައްވާށެވެ. ދިވެހީންނަށް ކާންދިނުމުގެ ބަދަލުގައި އެމީހުންގެ އެ އަރަބި ސުންނީ ގާޒާގެ އަހުލުވެރިން މަރާ ސުންނާފަތި ކުރާއިރު ރަން އިލޮށިން ކަދުރުކައިގެން ތިބާމެން ތިބޭކަށް ނުވާނެނޫންތޯއެވެ. އަހަރެންވެސް މެއެވެ. އަޅެ، ހެޔޮނުވާނެއދޯ؟

Leave a Reply

ފަހުގެ އަޕްޑޭޓް