ހެޔޮކަމެއްގެ ބަދަލު

Loading

Facebook
Twitter
WhatsApp

ފަގީރު މީހަކު އެއްދުވަހަކު އޭނާގެ އަންހެން ދަރިފުޅުގެ އަތުގައި ހިފައިގެން އަގުބޮޑު ރެސްޓޯރަންޓަކަށް ދިޔައެވެ. އޭނަގެ ހެދުން ވަނީ ބާވެފައެވެ. ނަމަވެސް މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.


ރެސްޓޯރަންޓަށް ގޮސް އެތަނުގެ މޭޒެއްކައިރީގައި އިށީނުމަށްފަހު ދަރިފުޅު އެންމެ ކާހިއްވާ ކެއުން ކަމަށްވާ ”މެކްއެންޑް ޗީޒް“ ގެ އެއްތައްޓަށް އޭނާ އޯޑަރު ދިނެވެ. އޯޑަރު ނެގި ވެއިޓަރު އަހާލިއެވެ. އިތުރު އެއްޗެއް ބޭނުން ތޯއެވެ. މީގެ ޖަވާބުގައި ފިރިހެން މީހާ ބުންޏެވެ. ނޫނެކެވެ. މިއަދު މީ ދަރިފުޅުގެ ޚާއްސަ ދުވަހެވެ. ދަރިފުޅު ސްކޫލްގެ ޕްރައިމަރީ ކްލާސްތައް ނިންމާލާއިރު އެންމެ މަތިން ފާސްވެއްޖެ ނަމަ މިތަނަށް ގެންނާނެ ކަމަށް އަހަރެން ވައުދު ވީމެވެ. މިތަނަށް އައުމަކީ އޭނާގެ ހުވަފެނެކެވެ. މިއައީ އެގޮތުގެ މަތީންނެވެ. އިތުރު އެއްޗެއް ގެންނާނެ ފައިސާއެއް އަހަރެންގެ އަތަކު ނެތެވެ.
މިހެން ބުނުމުން ވެއިޓަރު ވަރަށް ދެރަވެގެން ގޮސް އޭނަގެ ބޮސް، މެނޭޖަރު ކައިރީ ބުންޏެވެ. އަޅުގަނޑުގެ ކުޑަ ރިކުއެސްޓެއް އެބައޮތެވެ.އޭނދަ ފިރިހެން މީހާ އެއިނީ އެއްވެސް އެއްޗެއް ނުކައެވެ.ފައިސާނެތް ކަމަށް ބުންޏެވެ. އެހެން ވީމަ އަޅުގަނޑުގެ މުސާރައިން ކަނޑާގޮތަށް ނަމަވެސް އޭނަޔަށް ކާއެއްޗެއް ދެން ތޯއެވެ. މިހެން ބުނެ އެބައްޕަ ބުނި ވާހަކަތައް މެނޭޖަރަށް ކިޔާދިނެވެ.
މިވާހަކަތައް އަޑުއެހުމަށްފަހު ރެސްޓޯރަންޓުގެ މެނޭޖަރު ބުންޏެވެ. އަވަހަށް ދޭށެވެ. އަދި ވެސް އިތުރަށް އެމީހުން ބޭނުންވާ އެއްޗެއްއް ވިއަސް ދޭށެވެ.ފޮނި އެއްޗަކާ ބުއިމަކާވެސް ދޭށެވެ. އަދި ދަރިފުޅުގެ ކާމިޔާބީ ފާހަގަ ކުރުމަށް ގާތް އަވަށް ޓެރިންނަށް ބެހުމަށްޓަކާވެސް ބައެއް ކެއުންތައް ޕެކް ކޮށްފައި ދޭށެވެ.
ވެއިޓަރު ވަރަށް އުފަލުން މެނޭޖަރު ބުނި ގޮތަށް ކަންތައް ކޮށްފިއެވެ.
މީރު ކެއުންތައް ވެއިޓަރު ގެނައުމުން ބައްޕަ ވަރަށް ދެރަވެލާފައި ބުންޏެވެ. އަހަރެން އޯޑަރު ދިނީ އެންމެ ކެއުމަކަށެވެ. މިހުރިހާއެއްޗިއްސަށް ދޭނެ ފައިސާއެއް އަހަރެންގެ އަތަކު ނެތެވެ. މިހެން ބުނުމުން ވެއިޓަރު ބުންޏެވެ.އެކަމާ ހާސްނުވާށެވެ. މިކެއުންތަކަކީ މިތަނުގެ ފަރާތުން ދަރިފުޅަށް ދޭ ހަދިޔާއެކެވެ.ދަރިފުޅު އެހާމަތިން ފާސްވީތީ އެކަން ފާހަގަ ކުރުމަށެވެ.
ބައްޕައަށް އެވަގުތު އުފަލުން ރޮވުނެވެ. އަދި ދެބަފައިންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ.އަދި އެދުވަހުގެ ހަނދާންތަކަކީ އަބަދަށްޓަކައި ހިތުގައި ބިންވަޅު ނެގުނު ހަނދާންތަކަކަށް ވިއެވެ.
އޭގެ އަހަރު ތަކެއް ފަހުން އަންހެން ކުއްޖާ ކިޔަވާ މޮޅުވެ ކޮލެޖް އަދި ޔުނިވަރސިޓީން ވެސް އެންމެ މަތިން ފާސްވިއެވެ. އަދި ސަރުކާރުގެ އިސްމަގާމެއް އޭނާޔަށް ލިބުނެވެ. ބޮޑު ޑިސްޓްރިކްޓެއްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ގެ މަގާމެވެ. ނަސީބު ކަންތައް ދިމާކުރި ގޮތުން އޭނާޔާ ހަވާލު ކުރެވުނީ އެއްކަލަ ރެސްޓޯރަންޓް ހުންނަ ޑިސްޓްރިކްޓެވެ.
އެއްދުވަހަކު އޭނާ އެތަނަށް ގުޅާލުމަށް ފަހު ބުންޏެވެ. މިއަދު އަހަރެން ތިޔަތަނަށް މެންދުރުގެ ކެއުމަށް އެބަދަމެވެ. މިޚަބަރުލިބި އެފަދަ މަތީ ބޭފުޅަކު ވަޑައިގަންނަވާތީ ތަން ޒީނަތްތެރިކޮށް އޭނާޔަށް މަރުހަބާ ކިޔަން ތައްޔާރު ވިއެވެ.އަދި ބައެއް އަވަށް ޓެރިންނަށްވެސް ޚަބަރު ލިބި ޑިސްޓްރިކްޓް މެނޭޖަރު ބަލާލުމަށް ރެސްޓޯރަންޓް ދޮށަށް އެއްވިއެވެ.
އައު ޑިސްޓްރިކްޓް މެނޭޖަރު ރެސްޓޯރަންޓަށް ވަދެގެން އައިއިރު މެނޭޖަރަކަށް އެއީ ކާކުކަމެއް ނޭގުނެވެ. ނަމަވެސް އޭނާ މެނޭޖަރާ މުޚާތަބްކޮށް ބުންޏެވެ. އަޅުގަނޑު ނޭގުނު ދޯއެވެ.އަޅުގަނޑު މީ މީގެ އަހަރު ތަކެއް ކުރިން ބައްޕަޔާއެކު މިތަނަށް އެންމެ ކެއުމެއް ކާން އައި ކުއްޖާއެވެ.
އޭނާ އިތުރަށް ބުންޏެވެ. އެދުވަހު މެނޭޖަރު އަޅުގަނޑާމެދު ކަންތައް ކުރެއްވި ގޮތުން ލިބުނީ ހަމައެކަނި މީރު ކެއުންތަކެއް ނޫނެވެ.އެދުވަހު އަޅުގަނޑަށް އުންމީދެއް ލިބުނެވެ. ހަޔާތުގަ އިތުރަށް ކުރިޔަށް ގޮސް އެދޭކަންތައްތައް ހާސިލް ކުރުމުގެ ހުވަފެން ދެކެންފެށީ އެދުވަހުއެވެ.ތިމާޔަކީ ފަގީރު އާއިލާއަކުން އައި މީހަކަށް ވިއަސް ކޮންމެ ކަމެއްވެސް ހާސިލް ކުރެވިދާނެކަން ހިތަށް ވަނީ އެދުވަހު އެވެ.އަދި ވަކިން ޚާއްސަކޮށް މީހަކު ކާމިޔާބު މީހަކަށް ވުމަށްޓަކާ ނުވަތަ ކާމިޔާބު މީހަކަށް ހެދުމަށްޓަކާ އެންމެ މީހަކުގެ އޯގާތެރިކަންވެސް ފުދޭކަން އަޅުގަނދަށް ދަސްވީ އެދުވަހުއެވެ.
އަޅުގަނޑު މިއަދު މިތަނަށް މިއައީ މެނޭޖަރަށް ޚާއްސަ ޝުކުރެއް އަދާކޮށް އެދުވަހުގެ ހަނދާންތައް އާކޮށްލުމަށެވެ. މިކަމުގައި ހުރިހާ ސްޓާފުންވެސް ބައިވެރިވުމަކީ އަޅުގަނޑުގެ އެދުމެކެވެ.ނަމަވެސް މިއަދު ހުރިހާ ކެއުމަކަށް އަގު ދައްކާނީ އަޅުގަނޑެވެ.
މިވާހަކައިން ދަސްވާ ފިލާވަޅަކީ ފަގީރަކަށް ވީތީ އެކަކާދޭތެރޭވެސް ދަށްކޮން ނުހިތާށެވެ. ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ.މިއަދު ފަގީރަކަށްވީތީ ސަމާލުކަން ނުދިން މީހާއަކީ މާދަމާ ކޮންމެ ފަދަ މަގާމެއްގައި ހުންނާނެ މީހަކަށްވެސް ވެދާނެއެވެ.
ތިމާއަކީ ކޮންކަހަލަ މީހެއްކަން ދައްކާދޭނީ، އާރެއް ބާރެއްނެތް،ތިމާޔަށް ވުރެވެ ދަށް ފަންތީގެ މީހުންނާމެދު ކަންތައް ކުރާ ގޮތުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް