ލިބުނު ތިން ދަރިން ވެސް މަންމަ ބަލާ ބޮޑުކުރީ އިންތިހާދަރަޖައިގެ ލޯތްބާއި އޯގާތެރިކަމާއި އެކު އެވެ.ކުދިން ބޭނުންވެގެން ބުނި ކޮންމެ އެއްޗެއް ހޯދާދީގެންނެވެ. ބޭނުން ކޮންމެ ކަމެއް ކޮށްދީގެންނެވެ. ކުދިން ބޮޑެތިވެ ކިޔަވާނިމި އަމިއްލަ ގެގަންނަންވެސް އެދެމަފިރިން ވަނީ އެހީތެރި ވެދީފައެވެ. ނަމަވެސް އޭނަޔަށް ކުދިންގެ ލޯތްބާއި އޯގާތެރިކަން ބޭނުންވި ދުވަހު ކުދިން އެއްގޮތަކަށްވެސް އެކަން ހަނދާނެއް ނެތެވެ.
މަރިޔާގެ ގެ މިހާރުގެ އުމުރަކީ 78 އަހަރެވެ. މީހުންގެ ލޯތްބާއި އޯގާތެރިކަން އެންމެ ބޭނުންވާ އުމުރެވެ. 51 އަހަރުވަންދެން ކައިވެނި ކޮށްގެން އުޅުނު ފަހުން ލޯބިވާ ފިރިމީހާވެސް ދާދި ފަހުން ވަނީ މަރުވެފައެވެ.ފިރިމީހާ ނެތުމުން ގޭތެރެހީވަނީ ފަޅު ގަބުރުސްތާނެއް ހެންނެވެ. ހުނުމުގެ އަޑެއް، ވާހަކަ ދައްކާ އަޑެއް އަދި ފިޔަވަޅެއްގެ އަޑެއްވެސް ނެތި ހަތަރުފަރާތުގައިވަނީ ހިމޭން ކަމާއި މާޔޫސްކަމެވެ.
މިފަދަ ހިމޭން ކަމުގެ ތެރޭގައި އުޅެން އުނދަގޫވެ، ދަރިއެއްގެ މަދަދު ލިބޭނެ ކަމަށް އުންމީދުކޮށް، އަމިއްލަ ހަށިގަނޑާ ފުރާނަޔަށް ވުރެލޯބިވާ ދޮށީ ފިރިހެން ދަރިފުޅަށް އެންމެފުރަތަމަ ގުޅިއެވެ. އަދި އެގޭގައި ދުވަސްކޮޅަކު ހުރެލަން ދެވިދާނެތޯ ސުވާލު ކުރިއެވެ. ދަރިފުޅު ޖަވާބުގައި ބުންޏެވެ.މިގޭގަ މިހާރުވެސް މިއުޅެނީ ތަން މަދުވެގެންނެވެ. އެހެންވީމަ މަންމަ ހުންނާނެ ތަނެއް މިގެއަކު ނެތެވެ.އަދި ސާރާ ކުރެން އަހާލަންވީނޫންތޯ އެހިއެވެ.
ދޮށީ ފިރިހެން ދަރިފުޅަށް ކުރި ކޯލް އަށްފަހު، ހުރި އެންމެ އަންހެން ދަރިފުޅު ސާރާ އަށް މަންމަ ގުޅިއެވެ.އަދި ގޭތެރެ ފަޅުކަމުން އެކަނި އިންނަން އުނދަގޫ ވާ ވާހަކަ އާއި އެގޭގައި ދުވަސް ކޮޅަކު އިނދެލަން ގެންދެވިދާނެތޯ ސުވާލު ކުރިއެވެ. ސާރާ ޖަވާބުގައި ބުންޏެވެ.ކުދިންގެ ސަކަރާތް ބޮޑުކަމުން މަންމަގެ ބޮލަށް އުނދަގޫވާނެއެވެ. އެހެން ނޫނަސް ކުދިންގެ ކަންތައް ބަލާފަ އޭނާޔަށް އިތުރު ބުރައެއް ނުއުފުލޭނެކަމަށް ބުންޏެވެ. ލިބުނު ޖަވާބުން މާޔޫސްވެ އެންމެ ހަގު ފިރިހެން ދަރިފުޅަށް ފޯނު ކުރިއެވެ. ކުޑަކުއްޖާ ގެ ކިޔެވުމުގެ ފަހު މަރުހަލާގައި ބައްޕަ ބަލިވެ އެނދު ގައި އޮތުމުން އެކުއްޖާޔަށް ކިޔަވާދިނީވެސް މަންމަގެ ގަހަނާ ވިއްކައިގެންނެވެ.
ކުޑަދަރިފުޅުވެސް މަންމަ ގެންދަން ދެކޮޅު ހެދިއެވެ. މިދުވަސްކޮޅުގެ ގޮތުން އެކަން ވާކަށް ނެތް ކަމަށް ބުންޏެވެ. އަދި މަންމަ މުސްކުޅިން ބަލަހައްޓާ ތަނަކަށް ދާންވީ ނޫންތޯ ކުޑަކުއްޖާ ސުވާލު ކުރިއެވެ.
ފޯނު ބޭއްވުމަށްފަހު މަންމަ މާޔޫސް ކަމުގެ ވަޅުގަނޑަކަށް ވެއްޓުނެވެ. ދަރިންނަށްޓަކާ އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ.ހުރަސް ނުކުރަނީ ކޮން ކަނޑެއްހެއްޔެވެ. ކުދިންގެ ކިޔެވުމަށް ޚަރަދު ކުރާނެ ވަރަށް ބައްޕަ ކުރާ މަސައްކަތުން އެކަނި ފައިސާ ނުލިބޭތީ މަންމަ އައީ ތިން ވަޒިފާ އަދާ ކުރަމުންނެވެ. އައު ހެދުމެއް ނުގަނެ އެތައް އަހަރެއްވެސް ވެއަތުވެގެން ހިނގައިދާނެއެވެ. އަރަނީ ބައު ފައިވާން ތަކަކަށެވެ.
ތިން ވަޒީފާ އާދާކޮށްފަ ގެޔަށް އައިސްފަވެސް ކުއްޖަކު ބަލިވެއްޖެ ނަމަ އުގަށް ލައިގެން ރޭގަނޑު ހަތަރުދަމުވެސް އިނދެއެވެ. އަރާމު ކޮށްލަން ޖައްސާލާކަށް ބޭނުމެއް ނުވެއެވެ. ދަރިފުޅުގެ އަރާމު ނިދި އޭނާގެ އަމިއްލަ ނިންޖަށްވުރެ މާ މުހިންމެވެ.
ތިން ދަރިންގެ ފަރާތުންވެސް ލިބުނު ޖަވާބަށްފަހު މަންމަ މަޑުމަޑުން ފޯނުގެ އަތްގަނޑު އޭގެ ތަންމަތީގައި ބޭއްވިއެވެ. މިއިން ދުވަހަކު އޭގައި އަތްލަން ނުޖެހޭނެކަން އެމަންމަޔަށް އިހުސާސު ކުރެވުނު ކަހަލައެވެ. އެޔަށްފަހު ފިނިފިނި ބަދިގޭގައި ކުޑަ ސުޕް ކޮޅެއް ހޫނު ކޮށްލައިގެން އެކަނި އިނދެ ބޯލިއެވެ. ކަރުނަ ފޮހެމުން ފޮހެމުންނެވެ.
މިވާހަކަ އިން ދަސްވާ ފިލާވަޅަކީ މައިންބަފައިން މުސްކުޅިވާ ދުވަހު ދޫކޮށްނުލާށެވެ. އެމީހުން އުފުލި ބުރަ ހަނދާން ނެތިކޮށްނުލާށެވެ.އެމީހުންނަށް މިއަދު މާގިނަ އެއްޗެތި ތަކެއް ދޭކަށް ނުޖެހޭނެއެވެ.އެމީހުންނަށް ހަމައެކަނި ބޭނުންވާނީ ލޯތްބާއި އޮގާތެރިކަމެވެ.އަދި އެމީހުންނާއި އެކު ހޭދަކޮށްލާނެ ވަގުތު ކޮޅެކެވެ.
މުސްކުޅި މައިންބަފައިންގެ ހިތުގައި ދަރިންނާމެދު ހިތްހަމަ ނުޖެހުމެއް އުފެދިއްޖެ ނަމަ އެދަރިން ނަށް އެކަމުގެ ބަދުނަސީބު ކުރިމަތިވާނެ ކަން ޔަގީނެވެ.