އިޒްރޭލުން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ރޭ ދިން ވަރުގަދަ ހަމަލާ ތަކުގައި އީރާނުގެ އެންމެ ބޮޑު ނިއުކްލިއަރ ސައިޓަށް ހަމަލާ އަރާފައިވާކަން އދގެ ނިއުކްލިއަރ ”ވޮޗްޑޯގް“ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އޭޖެންސީން ވަނީ ކަށަވަރު ކޮށްދީފިއެވެ. ހަމަލާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ޔުރޭނިއަމް ފައްކާކުރާ މައިފެސިލިޓީ ނަތާންޒް ހިމެނޭކަން ވަނީ ޔަގީން ކުރެވިފައެވެ.
އެހެން ކަމުން ހަމަލާއަށްފަހު ރޭޑިއޭޝަލް ލެވެލްގެ ކަންތައް ޗެކްކުރަމުން ގެންދިއުމަށާއި، އީރާނުގައި ތިބި އެ އޭޖެންސީގެ އިންސްޕެކްޓަރުންގެ ރައްކާތެރިކަން ޔަގީން ކޮށްދިނުމަށް އެޓަމިކް އެނާޖީ އޭޖެންސީން،އީރާނުގެ ކިބައިން އެދިފައިވެއެވެ.
މިހަމަލާ އަމާޒުކޮށްފައިވަނީ ބައެއް މިލިޓަރީ ކޮމާންޑަރުންނަށް ކަމަށާ ރިވޮލިއުޝަނަރީ ގާޑްގެ ވެރިޔާ ހުސެއިން ސަލާމީގެ އިތުރުން މަދުވެގެން ދެ ނިއުކްލިއަރ ސައިންޓިސްޓުން މަރުވެފައިވާ ކަމަށް އީރާނުގެ ސްޓޭޓް ޓީވީން ބުނެފައިވެއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑް އަކީ ހަތިޔާރު އެޅި ބާރުތަކުގެ މުހިންމު ގޮތްޕެކެވެ. އަދި މިހަމަލާގެ ސަބަބުން ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު ވެސް މަރުވެފައިވާ ކަމަށްވެސް ސްޓޭޓް ޓީވީން ބުނެފައިވެއެވެ.
އީރާނުން ވަނީ މި ހަމަލާ ދިނުމުގައި އެމެރިކާ ބައިވެރިވާކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް އެމެރިކާއިން ވަނީ މިކަން ދޮގު ކޮށްފައެވެ. ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހަމަލާގެ ޚަބަރު ކުރިން އެނގިވަޑައިގެންނެވި ކަމަށާ ނަމަވެސް ހަމަލާ ދިނުމުގައި އެމެރިކާގެ ބައިވެރިވުމެއް ނޯންނާނެ ކަމުގައެވެ.
މިހަމަލާއަށްފަހު އީރާނުގެ ރައްދު ހަމަލާތައް ވަރަށް އަވަހަށް އަންނާނެކަމަށްބަލާ އިޒްރޭލުގައި މިހާރުވަނީ ސްޓޭޓް އޮފް އިމަރޖެންސީ އިއުލާން ކޮށްފައެވެ.އަދި އީރާނަކީ އިޒްރޭލުގެ ދެމިއޮތުމަށް ސީދާ ހުރި ނުރައްކަލެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައި ވެއެވެ. މީގެ އިތުރުން މިހަމަލާއަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ”ހިތް“ ނުވަތަ އެންމެ އެތެރެ ހަލާކުކޮށްލުމަށް ދިން ހަމަލާއެއް ކަމަށް ބުނެފައި ވެއެވެ. އަދި މިފަދަ ހަމަލާއެއް ނުދީފި ނަމަ އީރާނުން ދާދި އަވަހަށް ނިއުކްލިއަރ ހަތިޔާރު އުފައްދާނެ ކަމަށް ވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.
މިހަމަލާއަށްފަހު އީރާނުގެ ހަތިޔާރު އެޅި ބާރު ތަކުގެ ތަރުޖަމާންވަނީ މިހަމަލާ އަށް އިޒްރޭލު އަދި އެމެރިކާއިން ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމުގައި ބުނެފައެވެ.
އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އިޒްރޭލުން ހަމަލާ ދިނުމާއި ގުޅިގެން އީރާންގެ އެތެރޭގައިވެސް މިލިޓަރީ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ. އަދި އީރާން/އީރާގް ހަނގުރާމަށްފަހު މިކަން މިހާމައްޗަށް ގެންދިޔަތަން ނުފެންނަ ކަމަށް ޚަބަރުތައް ބުނެއެވެ.
އީރާނުގެ ވައިގެ ސަރަހައްދު ރަސްމީކޮން ވަނީ ބަންދު ކޮށްފައެވެ. ހަމައެއާއެކު ސެކިއުރިޓީ ކަންކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން އޮތުމާއިއެކު އަވަށްޓެރި އިރާޤަށް ދަތުރުކުރާ ގިނަ ފްލައިޓްތައްވެސް ކެންސަލް ކުރަމުންދާކަމަށް ޚަބަރުލިބެއެވެ.
އިޒްރޭލުން ނުވަތަ އެމެރިކާއިން އީރާނަށް ހަމަލާއެއްދީފިނަމަ މެދުއިރުމަތީގައި، ޚާއްސަކޮށް އީރާޤުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އަންނަނީ ބެލެމުންނެވެ.
މިފަހަރުގެ ހަމަލާ ދީފައިމިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭގޮތުން އެމެރިކާއާއި އީރާނުން ބާއްވަމުންގެންދާ ވާހަކަތަކުގެ ހަވަނަ ބުރަށް ދާން ދެދުވަހަށް ވެފައި ވަނިކޮށެވެ.ވާހަކަތައް ބާއްވާ ގޮތަށް އޮތީ މަސްކަޓްގައި އާދީއްތަ ދުވަހުއެވެ.
އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އިޒްރޭލުން ހަމަލާ ދިނުމާއި ގުޅިގެން ދުނިޔޭގެ އެހެން ގައުމުތައް ހިމެނޭހެން ބައިނަލް އަޤްވާމީ އެކިފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.އަދި ދެ ގައުމުންވެސް ވީ އެންމެ ބޮޑަކަށް ފަހަތަށް ޖެހުމަށް އދން ގޮވާލާފައި ވެއެވެ.
One Response
އެމެރިކާ ދުވަހަކު ވެސް ތެދު ހަދާތަ