ސްރީލަންކާގެ ކޮލޮމްބޯއިން ފުރައިގެން އިންޑިޔާގެ މުމްބާއި އަށް ދަތުރު ކުރި ތެޔޮ އުފުލާ ބޯޓެއްގައި ރޯވެ އަނދަމުން ދާތީ ކެރަލާގެ އައްސޭރިފަށާ ދުރަށް ބޯޓު ޓޯވ ކުރުމުގެ މަސައްކަތް އިންޑިޔާގެ ކޯސްޓް ގާޑުން ފަށައިފިއެވެ.
ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްފައިވާ ކާގޯ އުޅަދު މިވަގުތު ހުރީ ކެރަލާޔާ މާދުރުނޫން ހިސާބެއްގައި އެރޭބިއަން ކަނޑުތެރޭ ކަމަށް ވެއެވެ. އަދި ކެރަލާގެ އައްސޭރި ފަށާ އިތުރަށް ކައިރި ވެއްޖެ ނަމަ އެހިސާބުގެ ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށްބަލާ، ބޯޓު ޓޯކޮށް ދުރަށް ގެންދިއުމުގެ މަސައްކަތް އިންޑިޔާގެ ޑިފެންސް މިނިސްޓްރީއާވެސް ގުޅިގެން ކުރިޔަށް އެބަގެންދެއެވެ.
”އެމްވީ ވޭންހައި 503“ ގެ ނަމުން ނަންދީފައިވާ ބޯޓުގައި ހުރީ 2،128 ޓަނުގެ ފިއުލް އަދި ތިމާވެއްޓަށް ގެއްލުން ލިބޭނެ ފަދަ މާއްދާތަކެއް އަޅާފައިވާ އެތައްސަތޭކަ ކޮންޓެއިނަރު ކަމަށް ވެއެވެ.
ބޯޓުގައި ރޯވުމުގެ ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު އިންޓާނަލް ކޮންޓެއިނަރެއްގައި ހިނގި ގޮވުމަކަށް ފަހުއެވެ. އިންޑިޔާގެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާން ނިއްވުމަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިވަގުތު ބޭރަށް ހުޅުގަނޑު ފެންނަން ނެތް ނަމަވެސް އެތެރޭގެ ޑެކް ތަކާ އަދި ފިއުލް ޓޭންކް ތަކާ ކައިރި ހިސާބުތަކުގައި އަދިވެސް ދަނީ އަނދަމުންނެވެ.
ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 18 މީހުން ސަލާމަތް ކުރެވިފައި ވީނަމަވެސް އަދިވެސް 4 މީހުން ފެނިފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.މީހުން ހޯދުމުގެ މަސައްކަތް ޑައިވަރުންނާއެކު މެދުނުކެނޑި ކުރަމުން ދިޔަނަމަވެސް މިވަގުތު އެންމެ އިސްކަމެއް ދެނީ އަލިފާންގަނޑު ނިއްވުމަށާ ”މެރީން ޑިޒާސްޓާ“ އެއް ހުއްޓުވުމަށް ކަމަށް ކޯސްޓްގާނުން ބުނެފައި ވެއެވެ.
![]()
