12ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށް ޓްރަމްޕް ނެރުނު އަމުރަށް މިއަދު އަމަލުކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

12 ގައުމަކަށް ނިސްބަތްވާ މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. ހޯމަ ދުވަހު ޖީއެމްޓީ ގަޑިން ފަތިހު 4 ޖަހާއިރު(ރާއްޖޭގަޑިން ހެނދުނު 10 ޖަހާއިރު) އަމަލު ކުރަންފަށާ އަމުރު ނެރެފައިވަނީ އެމެރިކާއަށް ބޭރުގެ ޓެރަރިސްޓުން ވަނުން މަނާކުރުމަށް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.


އެމެރިކާއަށް ”ޓްރެވެލް ބޭން“ އިއުލާން ކުރެވުނު ގައުމުތަކުގެތެރޭގައި ހިމެނެނީ، އަފްޣާނިސްތާން،މިޔަންމާ،ޗާޑް،ރިޕަބްލިކް އޮފް ކޮންގޯ،އީކުއެޓޯރިއަލް ގިނީ،އެރިޓްރިޔާ، ހެއީޓީ،އީރާން، ލީބިޔާ،ސޮމާލިޔާ،ސޫދާން އަދި ޔަމަން އެވެ. މިގައުމުތަކުގެ އިތުރު ހަތް ގައުމެއްގެ ރައްޔިތުންނަށް ”ޕާޝިއަލް“ ނުވަތަ ވަކި މިންވަރަކަށް ވަނުން މަނާ ކުރެވޭނެ ކަންވެސް ވަނީ އަންގާފަ އެވެ.އެ ހަތް ގައުމަކީ ބުރުންޑީ،ކިއުބާ،ލާއޯސް،ސިއެރާ ލިއޯން،ޓޯގޯ،ތުރުކްމެނިސްތާން އަދި ވެނެޒުއެލާއެވެ.
ރިޕަބްލިކަންޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ޓެރަރިސްޓުންގެ ބޮޑު އިންސައްތައެއް،އެއްކޮށް މަނާކޮށްލެވުނު 12 ގައުމަށް ނިސްބަތްވާ ކަމުގައެވެ. އަދި އެގައުމުތަކުގެ ގިނަ ރައްޔިތުންނަކީ ވިސާ-ސެކިއުރިޓީ މައްސަލަ ތަކުގައި އެއްބާރުލުން ނުދޭ،އަދި ”ޓްރެވެލާ އައިޑެންޓީޓީ“ ވެރިފައި ނުކުރާ، އަދި ކްރިމިނަލް ރިކޯޑްތައް ނުބެލެހެއްޓުމުގެ އިތުރުން އެމެރިކާއަށް ވަނުވަށް ދެވޭ ވިސާ ހަމަވާފަހުންވެސް ތިބޭ މީހުންކަމަށް ފާހަގަ ވެފައިވާ ކަމުގައެވެ.
މިދިޔަ އާދީއްތަ ދުވަހުވެސް އިޒްރޭލަށް ތާއީދުކޮށް ކުރި މުޒާހަރާއަކަށް މިސްރުގެ ރައްޔިތަކު ގެސޮލީން ބޮމެއް އެއްލާފައިވާކަން ފާހަގަ ކުރައްވާ ޓްރަމްޕް ވިދާޅުވީ މިފަދަ ގޮތަކަށް ވަކި ގައުމުތަކަށް އަމާޒުކޮށް ”ބޭން“ އިއުލާން ކުރަންޖެހުނީ މިފަދަ ސަބަބު ތަކާ ހެދި ކަމުގައެވެ. ނަމަވެސް މިސްރު ޓްރެވެލް ބޭން އަކު ނުހިމެނެއެވެ.
ޓްރަމްޕް ގެ ވެރިކަމުގެ ފުރަތަމަ ދައުރުގައިވެސްވަނީ މުސްލިމުންގެ މެޖޯރިޓީ އޮންނަ 7 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކޮށްފައެވެ.
މިއަދުން ފެށިގެން އެމެރިކާއަށް އެތެރެވުން މަނާކޮށްލެވުނު ރައްޔިތުން ނިސްބަތްވާ ގައުމުތަކުގެ ވެރިން ގެންދަވަނީ މިކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ޗާޑްގެ ރައީސް އިދްރީސް ޑެބީ ވިދާޅުވީ އެމެރިކާގެ ރައްޔިތުން ޗާޑް އަށް އެތެރެ ވުމަށް ވިސާ ނުދިނުމަށް އޭނާގެ ސަރުކާރަށް އަންގަވާފައި ވާނެ ކަމުގައެވެ.“ޓްރަމްޕަށް ދޭނެ އަގުބޮޑު މަތިންދާބޯޓުތަކާއި ބިލިއަނުން ޑޮލަރު ޗާޑަށް ލިބިފަނެތް ނަމަވެސް ޗާޑްގެވެސް އިއްޒަތަކާއި ޝަރަފެއް ވާކަމަށް“ އިދްރީސް ޑެބީވިދާޅުވެފައިވެއެވެ.
އެމެރިކާގައި ވަޒަންވެރިވުމަށް އުންމީދު ކުރަމުން އައި ގިނަ އަދަދެއްގެ އަފްޣާނިސްތާނުގެ ރައްޔިތުންވެސް ވަނީ އެނބުރި ގައުމަށް ދާން ޖެހިއްޖެ ނަމަ ތާލިބާނުންގެ ފިއްތުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް