އީސްޓް އަރަފާތު ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޑިޕާޓްމަންޓުން ހައްޖުގެ އަޅުކަމުގެ ތެރޭގައި 14 އިމަޖެންސީ އޮޕަރޭޝަން ކޮށްފިއެވެ.
ކެތީޓަރ ލެއްވުމުގެ ޕްރޮސީޖަރތައް ކޮށްފައިވަނީ އެ ހޮސްޕިޓަލުން ބޭނުން ކުރަމުން އައި މޯބައިލް ޔުނިޓް އެއްގައެވެ. ނުވަތަ އެކިތަންތަނަށް ގެންދެވޭގޮތަށް ހަދާފައިވާ ކާޑިއެކް ޔުނިޓެއްގައެވެ. މިޔުނިޓް ގައި ހައްޖުގެ ފުރަތަމަ ދުވަހުންފެށިގެން މިފަދަ 14 އިމަޖެންސީ އޮޕަރޭޝަން ކޮށްފައި ވެއެވެ.
މިދުވަސް ތަކުގައި ކާޑިއެކް އެރެސްޓް އެއްކުރިމަތިވި އިންޑޮނީޝިޔާގެ މީހަކުވަނީ ހެލިކޮޕްޓަރުގައި ޠާއިފް އަށް ގެންގޮސްފައެވެ.
މޮބައިލް ޔުނިޓް ބޭނުން ކޮށްގެން، ބަލިވާ މީހަކު ހުރިތަނެއްގައި ފަރުވާ ދެވޭގޮތް މެދުވެރިވުމުން ބަލިމީހުން ޚާއްސަ ހޮސްޕިޓަލް ތަކަށް ގެންދަން ނުޖެހި ވަގުތުން ފަރުވާ ދެވުނު ކަމުގައި މައްކާގެ ”ހެލްތު ކްލަސްޓާ“ އިން ބުނެފައި ވެއެވެ. ކެތީޓަރ ލެއްވުމުގެ ޕްރޮސީޖަރ ތައް ކުރިޔަށް ގެންގޮސްފައިވަނީ މައްކާގެ ކިންގ އަބްދުﷲ މެޑިކަލް ސިޓީ އާވެސް ގުޅިގެން ކަމަށް ސައޫދީ ޕްރެސް އޭޖެންސީން ބުނެފައި ވެއެވެ.
ހިތުގެ ބަލިތަކަށް ޚާއްސަ މޮބައިލް ޔުނިޓްގައި ޚާއްސަ ކާޑިއޮލޮޖީ ޓީމެއް މަސައްކަތް ކުރެއެވެ.އޭގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންނާ، ނަރުހުންނާ ހޭނައްތާ ޑޮކްޓަރުން ގެ އިތުރުން ޓެކްނިކަލް ސްތާފުން ހިމެނެއެވެ.
ހައްޖުވެރިންނަށް ކުރިމަތިވާ އިމަޖެންސީ މައްސަލަ ތަކުގައި ހަރަކާތްތެރިވާނެ ”އެއާ މެޑިކަލް އިވެކިއުއޭޝަން ޓީމް“ ތަކެއްވެސް އައީ ހަރަކާތްތެރި ވަމުންނެވެ. މިފަދަ ޓީމަކުން ވަނީ ކާޑިއެކް އެރެސްޓެއް ކުރިމަތިވި އިންޑޮނީޝިޔާގެ ރައްޔިތަކު މައްކާގެ އަލްނޫރު ހޮސްޕިޓަލުން ޠާއިފްގައި ހުންނަ ކިންގ އަބްދުލް އަޒީޒް ސްޕެޝަލިސްޓް ހޮސްޕިޓަލަށް ހެލިކޮޕްޓަރުގައި ގެންގޮސްފައެވެ.
ވައިގެ މަގުން ވަގުތުން ބަލިމީހުން އުފުލާނެ އިވެކިއުއޭޝަން ޓީމްތައް ތައްޔާރަށް ތިބުމުން ފަރުވާ އަވަސްވެ އަދި ފުރާނަ ގެއްލުމުގެ ފުރުސަތު ކުޑަވެގެން ގޮސްފައި ވެއެވެ.
ހައްޖުވެރިންނަށް ދޭ އައު ޚިދުމަތެއްގެ ގޮތުން މިއަހަރު އަލަށްވަނީ ޑްރޯން މެދުވެރިކޮށް ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ފޯނުކޮށް ދިނުމުގެ ޚިދުމަތެއްވެސް ފަށާފައެވެ. މިކަން ފާއިތުވި ދެއަހަރު ޓެސްޓް ކޮށްފައިވާ ކަމަށް ސައޫދީ ހެލްތު މިނިސްޓަރ ފަހަދް އަލް ޖަލާޖަލް ވަނީ ވިދާޅުވެފައެވެ. މިގޮތުން ބަލާފައިވަނީ ފިނިކުރާ ނިޒާމަކާއެކު އުފައްދާފައިވާ ޚާއްސަ ޑްރޯންތައް ރައްކާތެރިކަމާއެކު ޖައްސާ އަދި އުދުއްސާ ލެވޭ ތަންތަން ކަނޑައެޅުމަށް ކަމަށް މިނިސްޓްރ ވިދާޅުވިއެވެ.
އިމަޖެންސީ ސިއްހީ ކަންކަމުގައި ޑްރޯން ބޭނުން ކުރުމަކީވެސް ސައޫދީ ވިޝަން 2030 ޕްރޮގްރާމްގެ ދަށުން ތައާރަފް ކުރި ކަމެކެވެ.