މިއަހަރުގެ ހައްޖުގެ އަޅުކަން ފެށިގެން ކުރިޔަށްދާއިރު ،ހައްޖުވެރިން އުފުލުމަށް 62 އެއާ ކެރިއަރުން 71 ގައުމެއްގެ 238 މަންޒިލަކުން 3،314 ދަތުރު ކޮށްފައިވާ ކަމަށް ހައްޖު ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސިސްޓަމް ގެ ތަރުޖަމާން ސާލިހް އަލް ޒުވައިދް ހާމަ ކުރައްވައިފިއެވެ.
ހައްޖު މީޑިއާ އޮޕަރޭޝަންސް ސެންޓަރ ގައިބޭއްވި ނޫސްވެރިންގެ ކޮންފަރެންސެއްގައި ވާހަކަފފުޅު ދައްކަވަމުން ސާލިހް އަލް ޒުވައިދް ވިދާޅުވީ ހައްޖުވެރިންނަށް މަރުހަބާ ކިއުމުގެ ކަންތައް ކުރިޔަށް ގެންދިޔައީ އެންމެ މަތީ ފެންވަރުގައި ކަމަށެވެ.އެހެން ކަމުން މީހުން ތޮއްނުޖެހި އަވަސް އަވަހަށް ހޮޓާތަކަށް ފޮނުވާލެވިފައި ވެއެވެ.
ހައިސްޕީޑް ރެއިލް ދަތުރު ތަކާބެހޭ ގޮތުން އޭނާ ވިދާޅުވީ މުޅި ހައްޖު ސީޒަނަށް 2މިލިއަން ފަސިންޖަރުން އުފުލުމަށް ޓާގެޓް ކޮށް މިއަހަރު 4،700 ދަތުރު ރާވާފައިވާ ކަމަށާ އެއީ މިދިޔަ އަހަރަށް ވުރެ 4000،000 ސީޓް އިތުރު އަދަދެއްކަމަށެވެ.
ހައި ސްޕީޑް ރޭލު، ކިންގ އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން މައްކާއަށް ކުރާ ދަތުރު ތަކުގެ އަދަދުވެސް 75 ޕަސެންޓް އިތުރު ކޮށް ގަޑިއަކު ދަތުރެއް އޮޕަރޭޓް ކުރާނެ ކަމަށް އޭނާ ހާމަ ކުރައްވާފައި ވެއެވެ.
އޭނާ ވިދާޅުވީ އާދީއްތަ ދުވަހާ ހަމަޔަށް 700،000 ފަސިންޖަރުން ”ހަރަމައިން“ ހައިސްޕީޑް ރޭލުގައި އުފުލާފައިވާ ކަމަށާ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ހައްޖުވެރިން އުންމީދު ކުރާ ފެންވަރަށް ޚިދުމަތް ދެމުން ގެންދާނެ ކަމުގައެވެ.
މީގެ އިތުރުން ”މަޝާއިރު“ ރޭލުގައިވެސް ކުރިޔަށް އޮތް 7 ދުވަހު ދެހާހަށް ވުރެގިނަ ދަތުރު ކުރާނެ ކަމުގައި ވިދާޅުވިއެވެ.
ސާލިހް އަލް ޒުވައިދް އިތުރަށް ހާމަ ކުރެއްވި ގޮތުގައި މަގުތައް ފިނިކުރުމުގެ ޓެކްނޮލޮޖީ ގެ ބޭނުންވެސް 82 އިންސައްތަ ވަނީ ފުޅާކޮށްފައެވެ. އަދި މުވާސަލާތީ ޓެކްނޮލޮޖީ އަށް ބަލާއިރު މައްކާ އަދި މަދީނާގައި 99 އިންސައްތަޔަށް ފޯޖީ އަދި ފައިވް ޖީ ގެ ޚިދުމަތް ލިބެމުން ދާނެ ކަމުގައި ވިދާޅުވިއެވެ.