47 ވިހަގަދަ ހަރުފަ ހިމެނޭހެން މަދުވަމުންދާ ”ރެޕްޓައިލް“ ތަކެއް އިންޑިޔާއަށް ވަގަށް އެތެރެކުރަން އުޅުނު އިންޑިޔާގެ ރައްޔިތަކު މުމްބާއީ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
ތައިލަންޑުން ފުރައިގެން ދަތުރުކުރި މިމީހާ ކަސްޓަމްސް އޮފިސަރުން ހައްޔަރު ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. އޮފިޝަލުން މައުލޫމާތު ދީފައިވާގޮތުގައި މިތަކެތި ރައްކާކޮށްފައިހުރީ ޗެކްޑް-އިން ލަގެޖް އަށް ދޫކޮށްލާފައިވާ ދަބަހެއްގައެވެ. އަތުލެވުނު ތަކެތީގެ ތެރޭގައި އޭޝިއަން ލީފް ޓަރޓްލްސް ކިޔާވައްތަރުގެ 5 އެއްޗާއި ދެވައްތަރެއްގެ 47 ވިހަގަދަ ހަރުފަ ހިމެނެއެވެ.މިތަކެތި ހިފަހައްޓާފައިވަނީ އިންޑިޔާގައި އަމަލު ކުރަމުން ގެންދާ،ދިރޭތަކެއްޗާބެހޭ ގާނޫނު ތަކުގެ ދަށުންނެވެ.
ކަސްޓަމްސް އޮފިޝަލުން ވަނީ ދަބަހަކަށް ލާފައިވާ ބޮޑު ތައްޓެއްގެ ތެރޭގައި ތިބި ހަރުފަތައް ދިރިދިރި ތިބި ފޮޓޯތަކެއް ހާމަކޮށްފައެވެ.
މިތަކެތި ގެނައީ ކޮންގައުމަކުން ކަމެއް ނޭގޭ ކަމަށް ވެއެވެ.
އިންޑިޔާއަށް ޖަނަވާރު އެތެރެކުރުމަކީ މަނާކަމެއް ނޫން ނަމަވެސް ވަކި ވައްތަރު ތަކެއްގެ ޖަނަވާރު،ޚާއްސަކޮށް ހިމާޔަތް ކުރެވިފައިވާ ވައްތަރު ތަކުގެ ޖަނަވާރު އެތެރެ ކުރުމާއި ބޭރު ކުރުމަކީ މަނާ ކަމެކެވެ. އަދި އެއްވެސް ބާވަތެއްގެ ދިރޭޖަނަވާރެއް އެތެރެކުރާނަމަ އެކަމަށް ޚާއްސަ ހުއްދަ ތައް ހޯދައިގެން މެނުވީ އިންޑިޔާއަށް ޖަނަވާރު އެތެރެ ނުކުރެވޭނެއެވެ.