ފިރިމީހާ އަހަރެން ދޫކޮށްލާފައި ދިޔައީ ކޮންމެފޮޓޯއެއްގައި ފިލްޓަރުއަޅުވާފައި ސޯޝަލްމީޑިޔާއަށްލާ އަންހެނަކާއެކުއެވެ.

Loading

Facebook
Twitter
WhatsApp

އޭރު އަހަރުމެންގެ ކައިވެންޏަށް ވަނީ 30 އަހަރު ވެފައެވެ.އެއްދުވަހަކު ކުއްލިއަކަށް އަހަރެން ފަލަމީހަކަށް ވެއްޖެއެވެ.ހުތުރު މީހަކަށް ވެއްޖެއެވެ. އަމިއްލަ އެތިކޮޅު ހިފައިގެން ފިރިމީހާ ހަމަ ކުއްލިއަކަށް ނައްޓާލީއެވެ. ވާހަކަ ދެއްކުމެއް ބައްދާލުމެއް އަދި ސަލާމް ކޮށްލުމެއް ކަމެއްވެސް ނެތެވެ. ބުނީ އެންމެ ޖުމްލަ އެކެވެ. ”ކަލޭ ތީ މިހާރު އަހަރެން ކައިވެނިކުރި މީހާއެއްނޫނެވެ. ކަލޭވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.އަހަރެންގެ ހިތުގަ މިހާރު ކަލޭގެ މައްޗަށް އެއްވެސް ލޯތްބެއް ނެތެވެ.“ މިހެންބުނުމަށްފަހު އެތިކޮޅު ހިފައިގެން އެދިޔަގޮތަށް ދިޔައީއެވެ.


އޭރު އަހަރެންގެ އުމުރުން 52 އަހަރެވެ. ދެމީހުން އެކުގައި 30 އަހަރު އުޅެވިފައި ވެއެވެ.ތިން ދަރިން ލިބިފައި ވެއެވެ.އަހަރުމެންގެ ހަޔާތުގައި ކުރިމަތިވި ދަތި އުނދަގޫ ވަގުތު ތަކުގައި އޭނާޔާ އެންމެ ކައިރީގަ އަހަރެން ހުރީމެވެ.އޭނާގެ ވަޒީފާ ގެއްލުނުއިރު، ވަރަށް ބޮޑަށް ބަލިވެގެން އުޅުނުއިރު،އޭނަގެ މަންމަ ބަލާނެ މީހަކު ނެތިގެން އުޅުނުއިރު، މިހުރިހާ ފަހަރަކުވެސް އަހަރެން އޭނާއާ އެންމެ ކައިރީގައި ހުރީމެވެ.އެހީތެރިވެދިނީމެވެ.އަމިއްލަ ކަންތައް ގޮތުގައި ދެކިގެންނެވެ.
އަހަރެންވެސް އޮފީހަކަށް ދިޔައިމެވެ.އެހެން ނަމަވެސް ފަތިހާތެދުވެ އެންމެނަށް ސައިހަދާ ސައިދީފަ، އަދި މެންދުރަށްވެސް ކައްކާފަ ނޫނީ އަހަރެން އޮފީހަކަށް ނުދަމެވެ. މިހާރު ހަމަ ކުއްލިއަކަށް އަހަރެން ފުދޭމީހަކަށް ނުވިއެވެ.
ފިރިމީހާ އަހަރެން ދޫކޮށްލާފަ ދިޔައީ އަހަރެންނަށްވުރެ ޒުވާން އަންހެނަކާ އެކީއެވެ.ލޫޅާފަތި، އަބަދު ފޯނު ހިފައިގެން އިންނަ، ކޮންމެ ފޮޓޯއެއްގައި ފިލްޓަރުލާފަ ސޯޝަލްމީޑިޔާ އަށްލާ ،ކުޑަކުޑަ އުނަގނޑެއް ލިބިފައިވާ ގަދަކަމުން ނަމަވެސް ބާރުބާރަށް ހޭ އަންހެނެކެވެ.އެހެން މީހަކަށް ކުދިންވެސް ތިބެއެވެ.
އެއްހަފްތާ ފަހުން އެމީހުން ބީޗްގައިނަގާފައިވާ ފޮޓޯއެއް އަހަރެންނަށް ސޯޝަލް މީޑިޔާއިން ފެނުނެވެ. ”މާރަގަޅު އައު މީހަކާއެކީގައި އައު ހަޔާތެއް ފެށީ“ ކަމަށް ފޮޓޯގެ ކެޕްޝަން ގައި ލިޔެފައި ވެއެވެ.
ފޮޓޯ ފެނުނުހަމައިން އަހަރެންގެ ނިދި އަހަރެންނާވަކިވިއެވެ. ކެއުން ހުއްޓުނެވެ.ލޯގަނޑުން ބަލާލުމުން އަހަރެންނަށް ފެންނަނީ ދުވަސްވުމުން އައިސްފައިވާ ބަދަލުތަކާއި ގައިގަޖަހާފައިވާ އިތުރު މަހެވެ.އަހަރެން ރުއިމެވެ.ކިތަންމެ ވަރަކަށްވެސް ރުއިމެވެ. އެއަށްފަހު އައީ ރުޅިއެވެ. އެއަށްފަހު ނޭގޭ ހިމޭން ކަމެއް އަހަރެންގެ މައްޗަށް ވެރިވިއެވެ.
އެއްދުވަހަކު އެއްޗެތި ތައް ހާވަމުންދަނިކޮށް އަހަރެން އެންމެ ޒުވާން އިރު އަމިއްލަ ނަފްސަށް ލިޔެފައިވާ ސިޓީ އެއް އަހަރެންނަށް ފެނުނެވެ. އޭގައިވަނީ އަހަރެން އެންމެ ވާން ބޭނުންވާ އަންހެނާ ސިފަކޮށްފައެވެ.އޭގައި ރީތި ސިފައެއްގެ ވާހަކައެއްނެތެވެ. ބަރުދަނުގެ ވާހަކައެއް ނެތެވެ. އޭގައިވަނީ ހަމައެކަނި ހާސިލް ކުރެވޭނެ، ހަގީގީ ކަންތައް ތަކެކެވެ: ”އަހަރެން ބޭނުމީ ހިއްވަރުގަދަ އޯގާތެރި، އެހެންމީހުންނަށް ދޭނެ ލޯބިން ހިތް ފުރިފައިވާ މީހަކަށް ވުމަށެވެ.އަހަރެންގެ ގެއަކީ މެހްމާން ދާރީ އަދާކުރާ ގެއަކަށް ހަދާނަމެވެ.ގެއިން އަބަދުވެސް ދުވަން ބޭނުންވަނީ އަވަން ގައި މީރު އެއްޗެތި ފިހެވޭ ވަހެވެ. އަހަރެންގެ އަޑަކީ އަބަދުވެސް އަހަރެންގެ ކުދިން ބޭނުން ޖެހިއްޖެ ކޮންމެ ވަގުތެއްގައި އެއަޑަކާ ދިމާލަށް އަންނަ އަޑަކަށް ހަދާނަމެވެ.“
އަހަރެންގެ ހަޔާތުގެ މަގްސަދު އަހަރެންނަށް ވިސްނުނީ އެހާ ހަމައިންނެވެ.އަހަރެންގެ ސިޓީގައިވާ އަންހެނާއަށް އަހަރެންވީމެވެ. އާކެވެ. އަހަރެންގެ ބޮލުގަ ނުރަ އެބަހުއްޓެވެ. އަހަރެންގެ ހަށިގަނޑު ޒުވާނެއް ނޫނެވެ. ނަމަވެސް އަހަރެންގެ ހިތް މިއަދު ވަނީ ރަގަޅު މަގާމުގައެވެ.އަހަރެންގެ ދެއަތުން އާއިލާއެއް ބިނާކުރީމެވެ. އުފާވެރި އާއިލާއެކެވެ. އަހަރެން ހުރީ ހިތްހަމަ ޖެހިގެންނެވެ. އަހަރެންގެ ”ސޯލް“ ވަނީ ފުރިހަމަ ވެފައެވެ.
ދިޔަތާ ދެމަސްދުވަސްނުވެ ފިރިމީހާ އެނބުރި އައެވެ. އަދި ބުންޏެވެ.“އަހަރެންނަށް މިސްޓޭކްއެއް ހެދުނީއެވެ.އޭނާޔަށް މީރު ސޫޕެއް ހަދަންވެސް ނޭގެއެވެ. އާއެކެވެ. އޭނަ ރީއްޗެވެ. އެކަމަކު އެއްވެސް ބޭނުމެއްނުހިފެއެވެ.އެތެރެ ހުހެވެ.“
އަހަރެން އޭނަޔާ ދިމާލަށް ރަގަޅަށް ބަލާލީމެވެ.އަދި މިކަންތައް ދިމާވިފަހުން ފުރަތަމަ ފަހަރަށް އަހަރެން ގާތަށް ހިނިއައެވެ. ހަގީގީ ހިނިތުންވުމެކެވެ. އަދި ބުނީމެވެ. އަހަރެންގެ ސޫޕްއަކީ މުޅިދުނިޔޭން ބެލިޔަސް ވަނަލިބޭވަރު ސޫޕް އެއްކަން އެނގޭދޯއެވެ. އެކަމަކު މިހާރު އަހަރެން ސޫޕް ހަދަނީ އަހަރެން އަމިއްލަޔަށް ބޯންވީމައެވެ. ނޫނީ އެސޫޕްގެ ރަހަ ބެލުން ހައްގު މީހުންނަށެވެ.“
އޭނާ އެދުވަހު ދިޔަގޮތަށް ދިޔައީއެވެ. އަހަރެން މަޑުކުރީއެވެ.އަހަރެންނާއި އެކުގައިވަނީ އަހަރެންނެވެ.އަހަރެން އުޅެނީ ޝަރަފްވެރި ދިރިއުޅުމެކެވެ. އަހަރެން ނަކީވެސް ލޯބި ހައްގުވާ މީހެއްކަން މިއަދު އެއްވެސް މީހަކަށް ސާބިތުކޮށްދޭކަށް ނުޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް