މި އަހަރު 100 ގައުމަކުން 1،300 މީހުންގެ ހައްޖު ދަތުރު ހިލޭ ހަމަޖައްސާދިނުމަށް،މާތްވެގެންވާ ދެހަރަމްގެ ވެރިޔާ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަމުރު ކުރައްވައިފިއެވެ. މިއީ ރަސްގެފާނުގެ މެހްމާނުންގެ ގޮތުގައި ކޮންމެ އަހަރަކުވެސް ހައްޖުވުމަށާ އުމްރާވުމަށް އަދި އެގައުމަށް ޒިޔާރަތް ކުރުމަށް ދެވޭ ފުރުސަތުގެ ދަށުން ހަމަޖައްސާދެވޭ ދަތުރެކެވެ. އަދި މިދަތުރުގެ ކަންކަން ކުރިޔަށް ގެންދާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް ދަޢުވާ އެންޑް ގައިޑަންސް ގެ ފަރާތުންނެވެ.
އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި، ޕްރޮގްރާމްގެ ޖެނެރަލް ސުޕަވައިޒަރ ޑޜ އަބްﷲ އާޠިފް އަލްޝައިޚް ވަނީ މިފަދަ ތަނަވަސް ފުރުސަތެއް ހުޅުވާލެއްވި ކަމަށްޓަކައި ރަސްގެފާނު ސަލްމާން އަށާ ބޮޑުވަޒީރު، އަދި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަށް ޝުކުރު އަދާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން އިސްލާމީ ދުނިޔޭގައި ސައޫދީއަރަބިއްޔާއިން އަދާކުރަމުންދާ ލީޑަރޝިޕްރޯލް ހާމަ ވެގެންދާކަމުގައެވެ.މިނިސްޓަރ އިތުރަށް ވިދާޅުވީ މެހްމާނުންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީގެ ހުރިހާ ވަސީލަތް ތައް ވަގުތުން ބޭނުން ކުރަންފަށާފައިވާ ކަމުގައެވެ.
ރަސްގެފާނުގެ މެހްމާނުންގެ ގޮތުގައި ގެންދެވޭ ފަރާތްތަކަށް ޚާއްސަ ޕްލޭން އެއް މިހާރު ހަދާފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ. މިޕްލޭންގެ ދަށުން އަޅުކަމުގެ ބައިތަކާ ،ސަގާފީ އަދި އެކަޑަމިކް ބައިތަކުގެ އިތުރުން މައްކާ އަދި މަދީނާގެ މުހިންމު ތާރީޚީ ތަންތަން ދައްކާލުމުގެ ފީލްޑް ވިޒިޓް ތަކެއް ހިމެނެއެވެ.