ފަންސުރާއި ފޮހޭ ރަބަރު

Loading

Facebook
Twitter
WhatsApp

ފަންސުރަކާއި ފޮހޭރަބަރެއް އެއްދުވަހަކު ބައްދަލް ވެގެން ފޮހޭ ރަބަރު ފަންސުރަށް ސަލާމް ގޮވާލާ ހާލުއަހުވާލު އަހާލިއެވެ.މީގެ ޖަވާބުގައި ފަންސުރު ވަރަށް ރުޅި އައިސްފަ ބުންޏެވެ.“އަހަރެންނަކީ ކަލޭގެ ރައްޓެއްސެއް ނޫނެވެ.އަހަރެންނާ ވާހަކަ ދައްކާނެކަމެއްނެތެވެ. އަދި ކީއްހެއްޔެވެ.އަހަރެން ކަލެޔަށް ނަފްރަތު ކުރަމެވެ.“


މިހެން ބުނުމުން ފޮހޭރަބަރަށް ވަރަށް އަސަރުކުރިއެވެ.އަދި ބުންޏެވެ.“އަހަރެންގެ ރައްޓެއްސެއްނޫނޭ ތިޔަބުނީ ކީއްވެގެން ހެއްޔެވެ.؟“ ޖަވާބުގައި ފަންސުރު ބުނެޏެވެ. ”ކަލޭ އަހަރެން ލިޔާ އެއްޗެތި ފޮހޭތީއެވެ.“
”އަހަރެން ފޮހެނީ ލިޔެވޭ ކުށްތަކެވެ.ފޮހެން ޖެހޭ އެއްޗިއްސެވެ.“ ރަބަރު ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. އެވަރުންވެސް އަދި ފަންސުރު ހިއްހަމައެއް ނުޖެހުނެވެ.އަދި ބުންޏެވެ. ”އެހެންވިޔަސް ފޮހުން އެއީ ރަގަޅު ގޮތެއް ނޫނެވެ. ދެން ރަބަރު ބުންޏެވެ. ”ފޮހުމަކީ އަހަރެންގެ މަސައްކަތެވެ.އަހަރެންގެ ވާޖިބެކެވެ.“
ފަންސުރު އަދިވެސް ކުރުނުކޮށް ވާހަކަ ކުރިޔަށް ގެންދިޔައެވެ.“ފޮހުންއެއީ ކަލޭގެ މަސައްކަތް ކަމުގައިވާނަމަ އެއީ ވަރަށް މާނައެއްނެތް މަސައްކަތެކެވެ.ފޮހުމަށް ވުރެ ލިއުން މާމުހިންމެވެ.“
ރަބަރު ބުންޏެވެ.“ލިޔެވޭ ކުށްތައް ފޮހުމަކީވެސް ރަގަޅަށް އެއްޗެއް ލިއުމަށް ވަރަށް މުހިންމުކަމެކެވެ.“
މިހެން ބުނުމުން ފަންސުރު އެއްޗެއް ނުބުނެ ވިސްނާލަން މަޑުކޮށްލިއެވެ. އަދި ހަމްދަރުދީ ފާޅުކުރަމުން ބުންޏެވެ.“ކަލޭގެ މަސައްކަތުގައި ކަލޭގެ ގައިން ބައެއް އުނިވެސް ވޭދޯއެވެ؟“ ރަބަރު ޖަވާބުގައި ބުންޏެވެ.“އާއެކެވެ. ނުރަނގަޅުކޮށް ލިޔެވޭ ތަންތަން ރަނގަޅުކުރުމަށް އެހީވެދޭ ކޮންމެ ފަހަރަކު އަހަރެންގެ ގައިން ބައެއް ގުރުބާން ކޮށްލަމެވެ.“ ފަންސުރު ބުންޏެވެ.“އަހަރެންވެސް މަޑުމަޑުން ކުޑަވަމުން ދެއެވެ.“
ރަބަރު ހީނލަމުން ބުންޏެވެ.“އާއެކެވެ. އަހަރުމެން އެހެން މީހުންނަށް ކަމެއް ކޮށްދޭން ބޭނުންނަމަ ކޮންމެވެސް އެއްޗެއް،އެއީ ގައިން ބައެއްނަމަވެސް ގުރުބާން ކުރަން ތިބެންޖެހޭނީ ތައްޔާރަށެވެ.“ އެއަށްފަހު ފަންސުރާ ދިމާލަށް ބަލާލަމުން އަނެއްކާވެސް ބުންޏެވެ.“އަދިވެސް އަހަރެންނަށް ނަފްރަތު ކުރަން ހެއްޔެވެ.؟“ މީގެ ޖަވާބުގައި ފަންސުރު ވަރަށް ދެރަވެލާފައި ބުންޏެވެ.“އަހަރުމެންނަށްޓަކާ އަމިއްލަ ހަށިގަނޑުން ގުރުބާންވާ ފަރާތަކަށް ނަފްރަތު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟“ މިހެންބުނެ ހިތުގެ ސާފުކަން ފާޅުކުރިއެވެ.
ކޮންމެ ދުވަހަކު އަޅުގަނޑުމެން ނިދިން ހޭލަނީ ހަޔާތުން އެއްދުވަސް މާޒީއަށް ދޫކުރަމުންނެވެ. ހަޔާތުގެ ދަތުރުގައި ކުރިޔަށްދާއިރު،ފަންސުރު ފަދައިން އެހެން މީހުންނަށްޓަކާ އުފާވެރިކަން ހޯދާދޭ ފަރާތަކަށް ނުވެވޭނަމަ، ރަބަރުފަދައިން އެމީހުންގެ ހިތާމަތައް ފޮހެދޭ ފަރާތަކަށް ވަމާތޯއެވެ.އުއްމީދު އައުކޮށްދޭ ފަރާތަކަށް ވަމާތޯއެވެ. އަދި ހަމަރަބަރު ފަދައިން މާޒީއަށްވުރެ މުސްތަގްބަލް ރަގަޅުކުރެވޭނެކަން ހަނދާން ކޮށްދޭ ފަރާތަކަށް ވަމާތޯއެވެ. ގައިން ބައެއް ގުރުބާން ކޮށްގެން ނަމަވެސް އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް