ކޯވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިޢުލާން ކޮށްފިއެވެ.
ޑިސެމްބަރު 4 ވަނަ ދުވަހު ޢަމަލުކުރަން ފަށާ މިއައު އުސޫލުގައި އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ ފުރަބަންދު ކަރަންޓީނުގެ މުއްދަތައް ގެނެސްފައިވާ ބަދަލެވެ. މިގޮތުން ފަތުރުވެރިން ފިޔަވައި، މާލެއިން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ، ނުވަތަ ރާއްޖެއިން ބޭރުން އަންނަ ފަރާތެއް ނަމަ ކަރަންޓީނު ވާން ޖެހޭ މުއްދަތު ވަނީ 10 ދުވަހަށް ކުރު ކޮށްފައެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ ކޯވިޑަށް ޓެސްޓް ކުރުމަށް ފަހު ނަތީޖާ ނައްސި ވީމައެވެ. މި އުސޫލަށް އަމަލުކުރަން ޑިސެމްބަރު 4 ގައި ފެށޭނަމަވެސް، އޭގެ ކުރިން ކަރަންޓީން ވީ ފަރާތްތައް 14 ދުވަހުގެ މުއްދަތު ހަމަ ކުރަން ޖެހޭނެއެވެ. އަދި ކުރިޔެކޭ އެެއްފަދައިން ފައްސިވާ ފަރާތަކާއި ބައްދަލު ވެގެން ނުވަތަ ފައްސިވެގެން ކަރަންޓީނު ކުރާނެ މުއްދަތަކީ 14 ދުވަހެވެ.
މީގެ އިތުރުން އެއަރޕޯޓް ހުންނަ ރަށްރަށުގަޔާއި، މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޚާއްސަ ހުއްދައިގެ ދަަށުން ރަށްރަށަށް ދާ ފަރާތްތަކަށް ފަތުރު ކުރެވޭނީ 72 ގަޑިއިރު ނުވާ ކޯވިޑަށް ނައްސި ނަތީޖާ އަކާއި އެކުގައެވެ.
މިބަދަލާއި އެކު ސްކޫލް ކުދިންގެ ޗުއްޓީއާއި ދިމާކޮށް ރަށްރަށަށް ދާ ފަރާތްތަކަށް ލުއިތަކެއް ލިބިގެން ދާނެއެެވެ.