ސްރީލަންކާގައި މަރުވާ މީހުންގެ 70 އިންސައްތަ މީހުން މަރުވަނީ ހައިބްލަޑް ޕްރެޝަރ ނުވަތަ ލޭމައްޗަށްދާ ބައްޔާ އަދި މިބައްޔާ ގުޅުންހުރި ބަލިތަކުގައިކަން ހާމަވެއްޖެއެވެ.
އެގައުމުގެ ނޮންކޮމިއުނިކަބްލް ޑިޒީސް ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި މިނަތީޖާއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން 2021 ވަނަ އަހަރު ހަދާފައިވާ ސާވޭ އެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ނަތީޖާއެކެވެ. އެންޗީޑީގެ ޑިރެކްޓަރ ޑޮކްޓަރ ސަމީދީ ސަމަރަކޫން ވިދާޅުވެފައިވާ ގޮތުގައި އެފަހަރުގެ ސާވޭއިން ހާމަވެފައިވާ ގޮތުގައި ސްރީލަންކާގެ އާބާދީގެ 34.8އިންސައްތަމީހުން ނަށްވަނީ ލޭމައްޗަށްދާ ބަލިޖެހިފައެވެ. އަދި ބަލިހުރިކަން ދެނެގަނެވިފައިވާ މީހުންގެ 64 އިންސައްތަމީހުން އެކަމަށް އެއްވެސް ބޭހެއް ބޭނުން ކުރަމުން ނުދާކަމަށް ވިދާޅުވެފައިވެއެވެ.
ލޭމައްޗަށް ދާބަލީގެ ކުރީކޮޅު މާބޮޑު އަލާމަތްތަކެއް ނުފެންނަ ކަމަށާ، ބައެއް ހާލަތްތަކުގައި ފުރަތަމަ އިންޒާރަކަށްވެ ކަންބޮޑުވުން އުފެދެންފަށަނީ ހާޓް އެޓެކެއް ނުވަތަ ސްޓްރޯކެއް ޖެހޭ ހަމައިން ކަމަށް ޑޮކްޓަރ ސަމަރަކޫން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ލޭމައްޗަށް ދިއުމަކީ ކިޑްނީބަލިފަދަ ފުރާނަޔަށް ނުރައްކާވާ އެހެންބަލިތައް ޖެހުމަށްވެސް މަގުފަހިވާ ކަމެއްކަމަށް ވިދާޅުވެފައި ވެއެވެ.
ސްރީލަންކާގައި ޕަބްލިކް ހެލްތް ސްޓްރެޓެޖީތައް އެންމެ އެދެވޭ ގޮތުގައި ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި ގައިންގަޔަށް ނާރާ ބަލިތަކުގެ ހާލަތާބެހޭ ސާވޭއެއް ކޮންމެ ފަސްއަހަރަކުން އެއްއަހަރު ހަދައެވެ.