ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ އެޗްޑީސީ ގުޅިގެން ’އުފާ ފެސްވިޓަލް‘ ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
އިޖުތިމާއީ އަދި އާއިލީ ތަަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ އެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެސް-2 ’ހިޔާ ޕާކު‘ ސަރަހައްދުގައި ކަމަށެވެ.
މި ހަވީރު ކުރިއަށްދާނީ 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ހަމައަށެވެ.
ރޮބޯމޭންގެ ހަރަކާތްތަކާއި، ފޯމް ޕާޓީ، ބައުންސިން ކާސަލް، ބައުންސިން ހޯސް ރައިޑިން، ބުލް ބޭޝް، އޯބީޒް ޝޫޓިން، ބަބުލް ހައުސް، ވެކް އަ މޯލް ފަދަ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ގިނަ ގޭމްތަކެއް ’އުފާ ފެސްޓިވަލް‘ ގައި ކުޑަކުދިންނައްޓަކައި ތައްޔާރުކުރެވިފައި ހުންނާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
އެތަނަށް ޒިޔާރާތްކުރާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބިގެންދިއުމުގެ އިތުރުން، ޓްރާންފޯމާސް އާއި ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައް ވެސް އެތަނުގައި އެ ދުވަހު ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެއެވެ.
ހަމައެހެންމެ، ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 ގައި ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ މޫވީ ނައިޓެއް ހުޅުމާލޭ ފޭސް -2 ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކުދިންނާއި އާއިލާތަކަށް ޚާއްސަކޮށްގެން ބާއްވާ މި މޫވީނައިޓަކީ އުރީދޫއާއި މިނިސްޓްރީއާއި ގުޅިގެން އިންތިޒާމުކޮށްފައިވާ ޚާއްސަ ހަރަކާތެކެވެ.