ޢަރަބީން ކައިގެން ތިބިއްޔާ ދިވެހިންވެސް ތިބޭނީ ކައިގެން ކަމަށާއި ޕީޕީއެމް ވެރިކަމެއްގައި ޢަރަބީންގެ ތެޔޮހޮޅިތައް އަތްފޯރާ ފަށުގައި ދިވެހިންނަށް ލިބިދީފާ އޮންނާނެކަމަށް ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢިދު ވިދާޅުވި އަޑު އަޅުގަނޑެކޭ އެެއްފަދައިން ތިޔަބޭފުޅުންވެސް ވާނީ އަޑުއައްސަވާފައެވެ.
އެފަދަ ވައުދުތަކާއިއެކު ވެރިކަން އެމްޑީޕީ އަތުން ފުރޮޅި ކުރީގެ ރައީސް ޔާމީނުގެ ޕީޕީއެމް / ޕީއެންސީ އަށް ލިބުމާއިއެކު އެ ވެވުނު ވަޢުދުތައް ފުއްދުމުގެ ޓީމަށް ޝަހީމް ބައިވެރި ކުރެއްވި އެވެ. އެގޮތުން އިސްލާނިކް މިނިސްޓްރީ ޝަހީމާއި ޙަވާލު ކުރެވުނެވެ.
ޢިލްމުވެރިންނަކީ މުސްލިމް އުންމަތަށް ނަޞޭހަތް ދެއްވާ އަދި މުސްލިމުންގެ ކިބައިގާ ރަނގަޅު އާދަތައް ހަރުލެއްވުމަށް ގަދައަޅާ މަސައްކަތް ކުރައްވަން ޖެހޭ ޢިއްޒަތްތެރި ބައެއްކަމުގައި ފެށުނީއްސުރެން ދިވެހި މުޖުތަމަޢު ގަބޫލުކުރިއެވެ. މިއީ ދެބަސްވެވެން ނެތް ޙާގީގަތެކެވެ.
ރިޔާސީ އިންތިޚާބު 2023 ގައި ވެރިކަން ކާމިޔާބު ކުރުމަށްޓަކާ ޝަޙީމް ޢަރަބިން ކައިގެން ތިބިއްޔާ ދިވެހިން ވެސް ތިބޭނީ ކައިގެން ކަމަށާއި ޢަރަބި ގައުމުތަކުގެ ތެޔޮހޮޅިތަށް ކާށިދޫ ކަނޑުނެރެން ޖެހުނަސް އެކަންވެސް ކޮށްދެނެކަމަށް ހަރުއަޑުން ވަރަށް ޖޯޝާއެކު ވަޢުދުވެފައި ވެއެވެ.
އަޞްލަށް ބަލާއިރު އެބުނި ބުނުން ދެގޮތަކަށްމާނަ ނެގެއެވެ. އެއްގޮތަކީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ ރައްޔިތުންގެ ރުހުން ހޯއްދެވުމަށްޓަކާ ގަސްތުގައި ދޮގުހެދީއެވެ. އަނެއްގޮތަކީ ދިވެހި އުންމަތަށް ދޮގުހަދަން ދަސްކޮށްދިނުމުގެ ނިޔަތުގައި ދޮގަކީ އަމިއްލަ އެދުމެއް ފުއްދުމަށްޓަކައި ބުނެލުމަކުން ދީނީ ގޮތުންވެސް މާބޮޑަށް ހާސްވާނާވީ ކަމެއް ނޫންކަމެކެވެ. މިހެން ދަންނަވަން ޖެހުނީ ކުރިން ދެންނެވިހެން ދިވެހި މުޖްތަމަޢުގައި ޢިލްމުވެރިންނަކީ ރައްޔިތުންނަށް ކަންކަން ދަސްކޮށްދޭން ތިއްބަވާ ތެދުވެރި ބޭފުޅުން ކަމަށް ވީތީއެވެ.
ޚަބަރުތައް ބުނާގޮތުން ޝަޙީމް މިހާރު ވަނީ ޢަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމަށް ވާދަ ކުރެއްވުމަށްޓަކާ އެޕާޓީއަށް ވަނުމަށް ރައީސް މުއިއްޒުގެ ސިޔާސި ރޭވުމުގެ މަތީން ފޯމްހުށަހަޅުއްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނުގެ ލަފާފުޅާއެކު އެ ފޯމް ގަބޫލު ކުރައްވާފައެވެ. އަދި 2026 ގައި އަދާލަތު ޕާޓީ ރިޔާސީ ޕްރައިމެރީގައި ބައިވެރިވެ އެ ޕާޓީގެ ރައީސްއަށް ވުމަށްޓަކައެވެ.
ޝަހީމް އަދާލަތާއި ގުޅުމާއެކު ލަހެއްނުވެ އަދާލަތު ޕީއެންސީގެ ކޯލިޝަން ޕާޓްނަރަކަށް ވުމަށް ވެސް ވަނީ ލީޑަރޝިޕްގައި މަޝްވަރާ ކުރެވި އެއްބަސްވުމަށް އާދެވިފައެވެ.
ބައެއް ގާތް އަޚުން ލަފާކުރާ ގޮތުގައި އެ މަނިކުފާނު އެގޮތަށް އަދާލަތާއި ގުޅެން ނިންމެވީ އެ ހެއްދެވުނު ބޮޑު ދޮގުތަކުގެ (ޢަރަބިންނޭ ، ތެޔޮހޮޅިއޭ) ސަބަބުން ލަދުވެތިވެ ވަޑައިގެން ތަޢުބާވުމުގެ ގޮތުން ކަމަށެވެ. އެހެނީ މިފަދަ ދޮގުގެ މާހައުލުގައި އުޅެވިފައިވާ ކުރީގެ ޕީޕީއެމްގެ ނަރީޝް ވެސް ވަނީ ތައުބާވެ ދެން ދޮގުހެކި ދެވެން ނެތްކަމަށް މީޑިއާގައި ބަޔާން ދެއްވާފައެވެ. ތަޢުބާ ވުމަކީ ރަނގަޅު ސިފައެއް ވެސް މެއެވެ.
އެހެނަސް ގައުމެއްގެ ރައްޔިތުންގެ ކުރިމަތީގައި އެވަރުގެ އުންމީދީ ވާހަކަފުޅުތަކެއް ވިދާޅުވެ އެވާހަކަފުޅު ރައްޔިތުން ގަބޫލުކޮށް ޕާޓީއަށް ވެރިކަން ލިބި އަދި ތިމާއަށް މިނިސްޓަރު ކަންވެސް ލިބިދިނުމުން ރައްޔިތުންގެ ކުރިމަތީގައި ބޮޑުވި ޙަރާމް ދޮގު ތަކަށްވެ ބޭޒާރުވީ ހިސާބުން ރައްޔިތުންގެ ކުރިމަތީގައި އެ ހެއްދެވި ބޮޑު ދޮގުތަކަށް މާފަށްއެދި ތައުބާވުމަކީ ކުރައްވަން ޖެހޭނެ ކަމެއްކަމުގައި ދެކެމެވެ.
އެ މަނިކުފާނު ޢަދާލަތު ޕާޓީއަށް ބަދަލުވަނީ ކެބިނެޓުން ވެސް އިސްތިއުފާ ދެއްވުމެއް ނެތި ކަމުގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ރައީސްގެ ރުހުމާއެކު ހެދޭ ޑީލްތަކުގައި މާބޮޑު ފިކުރެއް އޮންނާކަށް ނުޖެހޭނެއެވެ.
ހަމަ ޔަގީނުންވެސް ޢަރަބީން ތިބީ ގާޒާގައި ގަތުލުއާންމު ހިންގަމުން ދާއިރުވެސް، ތިންއިރު ހަމަޔަށް ކައިގެން ނުހަނު ރަނގަޅު ސިއްޙަތުގައެވެ. އެހެނަސް ދިވެހީން ތިބީ އެއް އިރުކައިގެން ދެއިރު ކާނެއް ކާއެއްޗެއް ނުލިބިފައެވެ.
މާޒީވެ ދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ޝަހީމަށް ރައްޔިތުންގެ ނިކަމެތި ޙާލަތު ވަޒަން ކުރެވުނީ ކަމަށްވެސް ވެދާނެއެވެ. އެމަނިކުފާނު ޢަދާލަތު ޕާޓީއާއި ގުޅިވަޑައިގެންފިނަމަ އެއީ މިސަރުކާރު ބަދަލު ސިޔާސަތާއި ބަދަލު ކުރުމުގެ ވިސްނުންފުޅުގައި ކުރައްވާކަމެއް ކަމުގައިވެސް ބަޔަކު ދެކެއެވެ.
ކޮންމެއަކަސް ޝަޙީމަކީ ގިނަބައެއްގެ ލޯތްބާ އިޙުތިރާމް އިރެއްގައި ލިބިވަޑައިގެން ހުންނެވި ބޭފުޅަކެވެ.
އެހެން ކަމުން ރައްޔިތުން ކުރަމުންދާ އިޙުތިރާމާއި ގަދަރު ވެއްޔާމޮޑެވި ރައްޔިތުންގެ ކުރިމަތިގައި އެމަނިކުފާނުގެ އަބުރުފުޅު ކިސަޑުގައި ދެމޭތަން ބައްލަވަން މަގާމުގެ ދަހިވެތި ކަަމުގައި ހުންނަވާފާނެކަމަށް ގަބޫލުކުރަން ވަރަށް އުނދަގުލެވެ. ރައްޔިތުން ގޮވަނީ މިސަރުކާރުގައި ތެދުހައްދަވާ ބޭފުޅަކު ނެތް ކަމުގައެވެ. އެހެންކަމާއެކު ރައްޔިތުންގެ ލޯތްބާ އިޙުތިރާމާއި ކުރާގަދަރު ދޫކޮށް ދޮގުވެރިއެއްގެ ޓެގު އެޅުވިގެން މަގާމު ދިފާޢު ކުރައްވަފާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެނަސް އެ މަނިކުފާނަކީވެސް އިންސާނަކަށް ވީހިނދު ދުނިޔޭގެ ލައްޒަތާއި އަރާމުގެ ދަހިވެތިކަމުގެ ރޯނުގައި ވެސް ޖެހެވިދާނެތާއެވެ.
ކޮންމެއަކަސް މިފަދަ ޢިލްމީ ގާބިލް ބޭފުޅަކު ރައްޔިތުން ލޯތްބާ އިޙުތިރާމަށްވުރެ ފައިސާއާއި މަގާމަށް އިސްކަން ނުދެއްވުމީ އަހުރެން އެދުމެވެ.
އެހެން ކަމާއެކު ރައްޔިތުންގެ ކުރިމަތީގައި އިތުރުފުހެއްދެވި ސަބަބު ބަޔާންކޮށް ދެއްވުމަށްފަހު މާފަށްއެދި ހެއްދެވި ފަރާތައް ތައުބާވެ ތައުބާ ގަބޫލު ދެއްވުމަށް ދުޢާ ކުރައްވާށެވެ.
ހަމަޔަގީނުންވެސް ޝަހީމް ހެއްދެވީ ބޮޑުވެގެންވާ ދޮގުތަކެއްކަން ރައްޔިތުންނަށް މިވަނީ ބޮޑުތަނުން ފަޅާއަރާފައެވެ. ޝަޙީމެވެ! މަށާއި އަދި ދިވެހިރައްޔިތުންވެސް މިއަދު މިތިބީ ވަރަށް ބޮޑަށް ހާލުގައި ޖެހި ޒަރޫރީ ބޭނުންތައް ނުފުއްދިފައެވެ.