(ހުރިހާ ބެލެނިވެރިންނަށް ޚާއްސަ ކުރެވިފައިވާ ލިއުމެއް)
ޓީޗަރަކު ގޭގައި އިނދެ އޭނާގެ ކްލާހުގެ ކުދިން ލިޔެފައިވާ މަޒްމޫން ތަކަށް މާކްސް ދެމުންގެންދިޔައެވެ. އޭރު އޭނާގެ ފިރިމީހާ ސޯފާގައި އޮށޯވެލައިގެން އޮވެ ފޯނާ ކުޅެމުން ގެންދިޔައެވެ.ފޯނުންގޭމް ކުޅެނީއެވެ.
ޓީޗަރު ހުރިހާ ލިއުންތަކަށް މާކްސް ދެމުންގޮސް އެންމެ ފަހު ލިއުމާއި ހަމަޔަށް ދެވުމާއިއެކު މަޑުމަޑުން ރޯން ފެށިއެވެ. ފިރިމީހާޔަށް މިތަން ފެނި ސުވާލުކުރިއެވެ. ތިޔަރޮނީ ކީއްވެގެން ހެއްޔެވެ. ޓީޗަރު ޖަވާބު ދިނެވެ. އިއްޔެ އަހަރެން ކްލާސް ކުދިނަށް މަޒްމޫނެއް ލިޔަން ހަވާލު ކުރީމެވެ.މައުޟޫއު އަކީ ”އަހަރެން އެންމެ އެދޭ ކަންތައް“ މިއެވެ.
ފިރިމީހާ ބުންޏެވެ.ރަގަޅެވެ.އެކަމަކު އެކަމާ ރޯންވީ ކީއްވެގެން ހެއްޔެވެ. އަންހެނުން ބުންޏެވެ.އެންމެ ފަހު ލިއުން ކިޔަމުން ދިޔައިރު އަހަރެންނަށް ހަމަ ރޮވުނީއެވެ. ފިރިމީހާ ސުވާލު ކުރިއެވެ.ތިޔަހާ އަސަރު ކުރީ އެކުއްޖާ ކީކޭ ލިޔެފަ އޮވެގެން ހެއްޔެވެ.
އޭނާގެ އަންހެނުން ކުއްޖާގެ މަޒްމޫން ކިޔަން ފެށިއެވެ.
”އަހަރެން އެންމެ ބޭނުންވަނީ ސްމާޓްފޯނަކަށް ވުމަށެވެ.އަހަރެންގެ މަންމައާއި ބައްޕަ އެމީހުންގެ ފޯނުދެކެ ވަރަށް ލޯބިވެއެވެ.އެމީހުން ފޯނަށް ސަމާލުކަން ދޭންޖެހޭވަރުން އަހަރެންނަށް ދޭ ސަމާލުކަން ކުޑަވެއެވެ.
ބައްޕަ ވަރުބަލިވެގެން އޮފީހުން އައިސް ހުންނައިރުވެސް ފޯނަށް ވަގުތު ދެއެވެ.ނަމަވެސް އަހަރެންނަށް ދޭނެ ވަގުތެއް ނޯވެއެވެ.މަންމައާއި ބައްޕަ މުހިންމު ކަމެއްގައި އުޅެނިކޮށް ވެސް ފޯނުކޯލްއެއް އަތުވެއްޖެނަމަ ވަގުތުން ފޯނު ނަގައެވެ. އެހެންނަމަވެސް އަހަރެންނަށް ރޮވެމުން ދިޔަނަމަވެސް ވަގުތުން އަހަރެންނަށް ސަމާލުކަމެއް ނުދެއެވެ.
އެމީހުން ފޯނު ބޭނުންކޮށްގެން ކުޅޭނެ ވަގުތު އެމީހުންނަށް ވެއެވެ.އެކަމަކު އަހަރެންނާއި އެކީ ކުޅޭނެ ވަގުތެއް އެމީހުންނަކަށް ނުވެއެވެ.
އެމީހުން ފޯނުން އެހެން މީހަކާ ވާހަކަ ދައްކަމުން ދާވަގުތު އަހަރެންނާ ވާހަކައެއް ނުދައްކައެވެ.އަހަރެން ބުނަމުން ގެންދަނީ މުހިންމު ވާހަކައަކަށް ވީނަމަވެސް އެވެ.
އެހެންވީމަ އަހަރެން އެންމެ އެދެނީ ސްމާޓްފޯނަކަށް ވުމަށެވެ.އޭރުން މަންމައާއި ބައްޕަގެ ސަމާލުކަން އަހަރެންނަށް ލިބޭނެތީއެވެ“
މަޒްމޫން އަޑުއެހުމަށްފަހު ފިރިމީހާއަށް ވެސް ހުރީ ވަރަށް އަސަރު ކޮށްފައެވެ. އަދި ސުވާލު ކުރިއެވެ.ތިޔަ މަޒްމޫން ލިޔުނީ ކޮން ކުއްޖެއްހެއްޔެވެ. މީގެ ޖަވާބުގައި އޭނާގެ އަންހެނުން ބުންޏެވެ. އަހަރުމެންގެ ދަރިފުޅެވެ.
ހަނދާން ކޮށްލުން މުހިންމު ބައެއް ކަންތައް:
އިލެކްޓްރޯނިކް ޑިވައިސް ތަކަކީ މުހިންމު،އަދި އަދި އެއާއި ނުލާ ނޫޅެވޭނެ ފަދައެއްޗިއްސަށް މިއަދުވަނީ ވެފައެވެ.ނަމަވެސް އެފަދަ އާލާތްތައް ބޭނުންކުރަންޖެހޭނީ އަހަރުމެންގެ ހަޔާތުގެ ކަންކަން ފަސޭހަ ކުރުމަށް އެކަންޏެވެ. އަހަރުމެން ލޯބިވާ މީހުންނަށް ދޭންޖެހޭ ވަގުތު، އެފަދަ ޑިވައިސްތަކަށް ދީހުސްކޮށްގެން ނުވާނެއެވެ.
ކުޑަކުދިންގެ ވަށައިގެން ހިނގާ ހުރިހާ ކަމަކަށް އެކުދިން ދާނީ ސަމާލުކަން ދެމުންނެވެ.މިގޮތުން އެކުދިން ކުރަމުން ގެންދާ ތަޖްރިބާ ތަކުގެ ސަބަބުން އެކުދިންގެ ހިތާއި ސިކުޑީގައި މުޅިއުމުރަށް ދެމިގެންދާ ކަންތައްތަކެއް ބިންވަޅު ނެގިގެންދެއެވެ.އެހެންކަމުން ވީ އެންމެ ބޮޑަކަށް ކުދިންނަށް މިއަދު ސަމާލުކަންދީ އެކުދިން ދައްކާވާހަތައް އަޑުއަހަމާތޯއެވެ.ކުދިންގެ ކިބައިގައި ރަގަޅު ސިފަތަކެއް އަށަގަންނާނީ އޭރުންނެވެ.
(ތަރުޖަމާއެއް)