މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން) ހަމަޖައްސައިފިއެވެ.
އެގޮތުން މަސްވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި ބީއެމްއެލްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބެލުމަށްފަހު މާލީ އެހީތެރިކަން ލިބޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ. މިގޮތުން ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުންފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ވާސިލުވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އާއި ލުއި ލޯނަށް އެދި ހުށަހެޅޭނެ ކަމަށެެވެ.
އެ ލޯނަށް ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގޭނެކަމަށާއި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިޢާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބީއެމްއެލްއިން ހަމަޖައްސައިދޭނެ ކަމަށް ބުނެފައި ވެއެވެ.