އެމީހަކަށް ލިބެން އޮތް އެއްޗެއް، އެހެންމީހަކަށް އަތެއް ނުލެވޭނެއެވެ.

Loading

Facebook
Twitter
WhatsApp

ކޮންމެވެސް ރަށެއްގައި ވަރަށް ވިސްނުންތޫނު މޮޅު ފިރިހެން ކުއްޖަކު އުޅުނެވެ. ފުރާވަރަށް އަރަމުންދާ މިކުއްޖާގެ ނަމަކީ ބްރަޔަން އެވެ. އޭނާ ކްލާހުގެ ގިނަ ކުދިންނަށްވުރެ ހުރިހާ ގޮތަކުންވެސް މޮޅުވެފައި ހުޝިޔާރެވެ.


ބްރަޔަން އަކީ ސްކޫލްގައި ކިތަންމެ މޮޅު ކުއްޖަކަށް ވެފައި ސްކޫލްގައި އޭނާއަށް ތައުރީފް ކުރާ މީހުން ތިބި ނަމަވެސް ގެޔަށް ދިއުމަށްފަހު އޭނާގެ ދިރިއުޅުން ބިރުވެރި ހުވަފެނެއް ފަދަ ހާލަތަކަށް ބަދަލުވެއެވެ. ބްރަޔަންގެ ހުންނަނީ ދޮންމަންމައެކެވެ. ދޮންމަންމަގެ ދެފިރިހެން ކުދިން ތިބޭއިރު އެކުދިންނާ ބްރަޔަން، ދޮންމަންމަ ވަރަށް ބޮޑަށް ތަފާތު ކުރެއެވެ.
ބްރަޔަން ދަނީ ދޮންމަންމަގެ ދަރިންނާ އެއްސްކޫލް އަކަށް ނަމަވެސް ސްކޫލް ޔުނީފޯމުން ފިޔަވާ އެކުދިންނާ އެއްގޮތް އެއްވެސް ކަމެއްނޯވެއެވެ.ދޮންމަންމަ އޭނާއާއި މެދު ކަންތައް ކުރާ އިހާނެތި ގޮތުންނެވެ.ދޮންމަންމަ އެއްގޮތަކަށްވެސް ބްރަޔަން އަށް ލޯތްބެއް ނުދެއެވެ.ސަމާލުކަމެއް ނުދެއެވެ.އަދި ބައެއްފަހަރު ކާއެތިކޮޅުވެސް ނުދެއެވެ.
ރެސްޓޯރަންޓަކަށް ކާން ދިޔަނަމަވެސް ބްރަޔަންގެ ކުރިމަތީގައި އެކުދިން ބުނާ މީރު ކެއުންތައް ގެނެސްދޭނެއެވެ.ނަމަވެސް ބްރަޔަން ބައިންދާފަ އިންނަނީ ހުސްތައްޓެއް ދީފައެވެ.ލަދުގަނެ ރޮވޭހާލުގައެވެ. އޭނާޔަށް ލިބެނީ އެކުދިން ނުކައި ދޫކުރާ ބައިތަކެވެ.
އެއްދުވަހަކު ސްކޫލް ޕްރިންސިޕަލް އިއުލާނެއް ކުރިއެވެ. ޕްރިންސިޕަލް ބުނި ގޮތުގައި މާދަމާ އެސްޓޭޓްގެ ގަވަނަރު އެސްކޫލްއަށް ޒިޔާރަތް ކުރައްވާނެއެވެ.މިޒިޔާރަތުގައި ކުދިންނާ ތިން ސުވާލުކުރައްވާނެއެވެ. އެސުވާލުތަކަށް ރަގަޅު ޖަވާބުދެވޭ ކުއްޖަކަށް ފުލް ސްކޮލަޝިޕް އަކާއި ފައިސާގެ ބޮޑު އިނާމެއް ދެވޭނެއެވެ.އަދި ސުވާލު ކުރާނީ ފުރަތަމަ ބަރިންކަމަށާ ފުރަތަމަ ސްކޫލް އަށް ދާކުދިންނަށް ފުރަތަމަ ބަރިން ފުރުސަތު ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
މިއަޑުއިވިފަ ހުރިހާކުދިން އުފަލުން އަތްތިލަބަޑިތަޅައިގަތެވެ.ބްރަޔަން ވެސް ވަރަށް އުފާވިއެވެ.އޭނާއަށް ފުރުސަތު ލިބިއްޖެ ނަމަ ކާމިޔާބް ކުރެވޭނެކަން އޭނާޔަށް ޔަގީންވެއެވެ.
އެދެވަހު ދޮންމަންމަގެ ކުދިން ގެޔަށް ދިއުމަށްފަހު މަންމަ ކައިރީ މިވާހަކަ ބުނުމުން އޭނަވެސް ވަރަށް އުފާވިއެވެ.އަދި ފަތިހުފަތިހާ ތެދުވެގެން ތައްޔާރުވެގެން ކުރީ ބަރިޔަށް އެރޭވަރަށް އަވަހަށް ސްކޫލް އަށް ދިއުމަށް އޭނާގެ ދަރިންނަށް ނަސޭހަތްތެރި ވިއެވެ.ބްރަޔަން ވެސް މިފޯރީގައި ބައިވެރިވެވޭތޯ އުޅުމުން މޫނުހަދައިގަނެފައި އޭނާ ބުނީ ބްރަޔަން އަށް ސްކޫލް އަށް ދެވޭނީ ހުރިހާ ތަށިތައް ދޮވެފަ ގޭތެރެ ކުނިކަހާ މޮޕްކޮށް ހަދާ ނިމުމަށްފަހު ކަމުގައެވެ.
އަނެއް ދުވަހު އިރު ހަމަ އެރިތަނާ ދޮންމަންމަ އޭނާގެ ދެކުދިން އެންމެ އައު ޔުނީފޯމް ލައްވާ ސައިދީ ތައްޔާރު ކުރުމަށްފަހު ސްކޫލްއަށް ފޮނުވިއެވެ.ބްރަޔަން އެވަގުތު ގެންދިޔައީ ތަށިތައް ދޮވެ ކުނިކަހާ މޮޕް ކުރަމުންނެވެ. އޭރު އޭނަގެ ލޮލުން ކަރުނަ ފައިބަމުން ދެއެވެ.
މަސައްކަތް ނިންމުމަށްފަހު ދުވަމުން ތެޅެމުން ފޮޅެމުން އޭނާއަށް ސްކޫލްއަށް ދެވުނުއިރު އެސެމްބްލީ ހަދާތަން އޮތީ ކުދިންގޮސް ފުރި ބާރުވެފައެވެ. އޭރު ގަވަނަރުވެސް ވަޑައިގެންފިއެވެ.ޕްރިންސިޕަލްގެ މަރުހަބާޔާއި އެކު ތަން ފުރާ ތިބި ކުދިންތަކާދިމާލަށް ބައްލަވާލެއްވުމަށްފަހު ގަވަނަރު ވިދާޅުވިއެވެ. އަހަރެން މިއަދު ގަސްތުކުރަނީ ފަހަތު ބަރިން ފެށުމަށެވެ.އެވަގުތު ހުރިހާކުދިން ހައިރާން ވިއެވެ.
ގަވަނަރަށް، ބްރަޔަން އާދަޔާ ޚިލާފް ގޮތަކަށް ފާހަގަވިއެވެ. އެހާހެނދުނާވެސް ވަރުބަލިވެފައިވާ ކަމެވެ.އެހެން ނަމަވެސް ގަޑިއަށް އާދެވޭތޯ މަސައްކަތް ކުރިތަނެވެ. އެއްވެސް ނާސްތާއެއްވެސް ކޮށްފައި ނުވާކަން އޭނާގެ މިލާފައިވާ މޫނުން ހާމަވެއެވެ. އެވަގުތު ސީދާ ބްރަޔަން އަށް އިޝާރާތް ކޮށްލެއްވުމަށްފަހު ގަވަނަރު ވިދާޅުވިއެވެ. ސުވާލުތަކަށް ޖަވާބު ދިނުމަށް މިކޮޅަށް އަންނަނާށެވެ. ހުރިހާ ކުދިން ފުންނޭވާއެއް ލިއެވެ. ގަވަނަރު ސުވާލުކުރަން ފެއްޓެވިއެވެ. ފުރަތަމަ ސުވާލު،އެންމެ ކުޑަ ދިރޭމަޚްލޫގަކީ ކޮބާހެއްޔެވެ.ބްރަޔަންޖަވާބުދިނެވެ. ސެލްއެވެ.ގަވަނަރު ބޯޖަހާލިއެވެ. ދެވަނަ ސުވާލު، ރޭލެއް ގަޑިއަކު 80 ކިލޯމީޓަރު ބާރުމިނުގައި ސްޓޭޝަނަކުން ނައްޓާލިއިރު ،އެހެން ރޭލެއް ދެވަނަ ސްޓޭޝަނަކުން ގަޑިއަކު 100 ކިލޯމީޓަރު ބާރުމިނުގައި ނައްޓާލިއެވެ. ދެރޭލު ދެމެދުގައިވާ ދުރުމިނަކީ 360 ކިލޯމީޓަރެވެ.އަދި ދެރޭލުދަނީ އެކަތި އަނެކައްޗާ ދިމާލަށެވެ. މިހެން ކަމަށްވާނަމަ ދެރޭލު އެކަތިއަނެކައްޗާ އަރާހަމަވާން ކިހާވަގުތެއް ނަގާނެހެއްޔެވެ. ބްރަޔަން ޖަވާބު ދިނެވެ. ދެރޭލުގެ ސްޕީޑް އެއްކޮށްލުން ލިބޭ ސްޕީޑަކީ ގަޑިއަކު 180 ކިލޯމީޓަރެވެ.ވަގުތު ބަލާނީ ދުރުމިން، ސްޕީޑުން ގެއްލައިގެންނެވެ. އެގޮތުން 360 ،180އިން ގެއްލާނީއެވެ.އޭރުން ޖަވާބަކަށް ވާނީ 2 ގަޑިއިރެވެ. ގަވަނަރު ބޯޖަހާލިއެވެ. ތިންވަނަ ސުވާލެއްގެ ގޮތުގައި ގަވަނަރު އެދިވަޑައިގެންނެވީ ވަރަށް ދިގު އިގިރޭސި ލަފްޒެއްގެ ސްޕެލިންގ ކިޔާދިނުމަށެވެ. ބަރަޔަން ޖެހިލުމެއްވެސްނެތި އެލަފްޒުގެ އަކުރުތައް ތަރުތީބުން ކިޔާލަދިނެވެ.އަދި އެލަފްޒުގެ މާނަވެސް ކިޔާދިނެވެ.
ބްރަޔަންގެ ޖަވާބުތައް އިވި މުޅިހޯލް އިރުކޮޅަކު ހިމޭންވެފަ އޮތުމަށްފަހު ހުރިހާކުދިން އެފަހަރާ ތަރުހީބުގެ ހަޅޭއް ލަވައިގަތެވެ.
ގަވަނަރު ހިނިއައިސްފަ ހުރެ ޕްރިންސިޕަލްއާއި ދިމާލަށް އެބުރުމަށްފަހު ވިދާޅުވިއެވެ. މިއަހަރު ހޮވާކުއްޖަކީ މިއީއެވެ. މީނާއަށް ފަސްލައްކަ ޑޮލަރުގެ ފައިސާގެ އިނާމަކާ އެކު ފުލް ސްކޮލަޝިޕެއް ދެވޭނެއެވެ.ބުނަންހެއްޔެވެ. ހަޔާތުގެ ސަފުގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް މިފަދަ ވިސްނުން ތޫނު ކުދިން ކުރިޔަށް ދާން ފުރުސަތު ދޭންޖެހޭނެއެވެ.
ބްރަޔަންވެސް ހުރީ ހުއްޓުން އަރާފައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާގެ މަތިން ބަޔަކު ހަނދާން ކުރާނެއެވެ.ކުރިން މީހުންނަށް އޭނާ ނުފެނުނު ނަމަވެސް އޭނާއަކީވެސް ހުރި ޒުވާނެއްކަން އެންމެނަށް މިހާރު ފެނިއްޖެއެވެ. އޭނާ ކުރި ކަމަކަށް ތައުރީފްވެސް ކޮށްފިއެވެ
ބްރަޔަންގެ ކާމިޔާބީފެނި، ބެލެނިވެރިންގެ ތެރޭގައި ބަލަން އިން ބްރަޔަންގެ ދޮންމަންމަގެ ދަތްދޮޅިވެއްޓުނު ކަހަލައެވެ.އޭނާމިހާތަނަށްވެސް އިހާނެތި ކުރަމުން އައި ކުއްޖާ މިހާރުވިވަނީ ދުނިޔޭގެ ކުރިމަތީގައި ތަރިޔަކަށްވެ،ވިދާލާފައެވެ. އެކަން ހުއްޓުވަން އޭނާޔަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
އެއްވެސްމީހަކީ ދަށް، ދެރަ މީހެއް ކަމަށް ބަލާ އެމީހަކަށް އިހާނެތި ނުކުރާށެވެ. މޮޅުމީހުން އަބަދު ކޮންމެހެން ފުރަތަމަ ބަރިން ނިކުންނާކަށް ނުޖެހެއެވެ.
އެންމެ އަލިގަދަ ތަރިވެސް ބައެއްފަހަރު ހިޔަނިގަނޑެއްގެ ބިއްދޮށުންވެސް ފާޅުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް