ގދ. ތިނަދޫ ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފިއެވެ.
ހެލްތު މިިނިސްޓްރީން ބުނީ މި ސަރޖަރީ ހަދާފައި ވަނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕްގައި ކަމަށެވެ.
މި ޓީމުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެއެވެ.
އެގޮތުން މި ޓީމުގައި ހަރަކާތްތެރިވާ ޑރ. އަބުދުﷲ އުބެއިދު ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރެވުމަކީ މުހިންމު ކުރިއެރުމެއް ކަމަށެވެ. ”ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އިތުރު ސާރޖަރީ ކުރިއަށް ގެންދާނެ“ ކަމަށް ޑރ. އުބެއިދު ވިދާޅުވިއެވެ.
ލެޕްރޮސްކޯޕިކް ސަރޖަރީ އަކީ އޮޕަރޭޝަން ކުރަންޖެހޭ ހާލަތުގައި އެންމެ ކުޑަކޮޮށް ކަފައިގެން ކެމެރާ ހަރުކޮށްގެން ބަލައިގެން ކުރާ ސަރޖަރީތަކެވެ. މިއީ ރައްޔިތުންނާއި ގާތުން ސިއްހީ ޚީދުމަތް ފޯރުކޮށް ދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ހިންގާ ކޭމްޕެކެވެ.
މިމަހުގެ 24 އިން 26 ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ގެ ޓީމެއް ބައިވެރިވާނެ އެވެ. މި ޓީމްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެއެވެ.