މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރަޢީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމުޙޫރިއްޔާގެ އޮފީހުގައެވެ. މިއީ އެ މަނިކުފާނު ރާއްޖޭއަށް ވަޑައިގަންނަވާ ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ.
ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.