އީރާނުން ބާރު ދުވެލީގައި ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރާމާހެދި އެމެރިކާއިން އީރާނާއެކު ކުރިއަށްގެންދާ ވާހަކަތަކުގެ 2 ވަނަބުރު ރޯމްގައި މިދިޔަ ހޮނިހިރު ދުވަހު ނިމިއްޖެ ކަމަށް އެމެރިކާއާއި އީރާނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ރޯމުގެ ކަމިލުއްޗިއާ އަވަށުގައި ހުންނަ އޮމާން އެމްބަސީގައި ބޭއްވުނު ކްލޯސްޑް-ޑޯރ މަޝްވަރާތައް ހޮނިހިރު ދުވަހުގެ މެންދުރު ކުރިން ފަށާފައިވާކަމަށް އެމެރިކާގެ އޮފިޝަލަކު ވަނަވަރުތައް ސިއްރުކުރުން ޝަރުތުކޮށް މައުލޫމާތު ދީފައިވެއެވެ. ނޫސްވެރިންނަށްވެސް އެތެރެއަށް ވަނުމުގެ ފުރުސަތެއް ނުދެއްވައެވެ.
މަޝްވަރާތައް ކުރިއަށްދާއިރު މެދުއިރުމަތީގެ ހާލަތު ދަނީ ނުބައިވަމުންނެވެ.
މަޝްވަރާތަކުގެ ކުރިމަގު އޮތްގޮތެއް އެނގޭނީ ރައީސް ޓްރަމްޕްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޚާއްސަ އެންވޯއި ބިލިއަނަރ ސްޓީވް ވިކްޓޯފް އާއި އީރާން ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއަށް އެއްބަސް ވެވުނު ގޮތެއްގެ މައްޗަށެވެ. އެތައް ޒަމާނެއްގެ ދުޝްމަނީއާއެކުވެސް މަޝްވަރާތައް ބޭއްވިގެންދިއުމަކީ ކާމިޔާބީއެއް ކަމަށް ބެލެވިދާނެއެވެ. މަޝްވަރާތަކުގައި މިފަހަރުވެސް މެދުވެރިއެއްގެ ދައުރު އަދާކުރެއްވީ އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރް ބިން ހަމަދް އަލް ބުސައިދީ އެވެ.
ދެވަނަބުރުގެ ވާހަކަތައް ރޯމް ގައި ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ ކަމަށާއި އަދި މިއަންނަ ހަފުތާގައި އިތުރު ބައްދަލުވުމެއް ބާއްވަން އެއްބަސްވެވިފައިވާކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވެއެވެ. އަދި މި މަޝްވަރާތައް އިންތިޒާމްކޮށްދެއްވި ފުރިހަމަކަމަށްޓަކައި އޮމާން އާއި އިޓަލީ ސަރުކާރަށް ޝުކުރުވެރިވާކަމަށްވެސް ބުނެފައިވެއެވެ.
ބައްދަލުކުރެއްވުމަށްފަހު ޚާރިޖީ ވަޒީރު އަރާގްޗީ ވިދާޅުވީ ހަގީގީ މައްސަލައަށް މަޝްވަރާކުރުމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި ޓެކްނިކަލް ބޭފުޅުންގެ މަސައްކަތާއިގެން ކުރިއަށް ދިއުމުގެ ވާހަކަތައް ވެސް ދެކެވުނު ކަމަށެވެ.
ދެވަނަ ބުރުގެ މަޝްވަރާތައް ފެށުމުގެ ކުރިން އެމެރިކާގެ އެންވޯއި ވިކްޓޯފް ބުނެފައިވަނީ އީރާނުން ނިއުކްލިއަރ މަޝްރޫއު އެއްކޮށް ހުއްޓާލަން ޖެހޭނެކަމަށެވެ. އޭނާގެ ވާހަކައަށް ޖަވާބުދާރީ ވުމުގެ ގޮތުން އީރާނުގެ ސުޕްރީމް ލީޑަރ ގެ ޚާއްސަ މުޝީރު ވިދާޅުވެފައިވަނީ އީރާނަކީ ލީބިޔާ ނޫންކަމަށާއި އީރާނުން ޔުރޭނިއަމް ފައްކާކުރުން ނުހުއްޓުވޭނެ ކަމަށާއި އަދި އީރާނުން ފައްކާކޮށްފައިހުރި ޔުރޭނިއަމް އެހެން ގައުމަކަށްވެސް ނުގެންދެވޭނެ ކަމަށެވެ. އީރާނުން މަޝްވަރާއަށް އައީ ގަބޫލުކުރެވިދާނެ ފަދަ އެއްބަސްވުމަކަށް އައުމަށެވެ. އެމެރިކާއަށް އަމާން ދިނުމުގެ ވިސްނުމުގައެއް ނޫންކަމަށެވެ.
އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރް ބިން ހަމަދް އަލް ބުސައިދީ މެދުވެރިއެއްގެ ގޮތުގައި ހުންނެވުމާ އެކު އީރާނުގެ ޚާރިޖީ ވަޒީރު އަރާގްޗީއާއި އެމެރިކާގެ އެންވޯއި ވިކްޓޯފް ގެ ބައްދަލުކުރެއްވުމުގައި މިހާތަނަށް އެއްބަސްވެވިފައިވަނީ ތިންވަނަ ބުރެއްގެ މަޝްވަރާތައް އޮމާނުގެ މަސްކަތުގައި ބޭއްވުމަށާއި އަދި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލުމާއި ސުލްހަވެރި ބޭނުންތަކަށްޓަކައި ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ފުރިހަމަ މިނިވަންކަން އީރާނަށް ލިބިފައި އޮތުމަށާއި އަދި އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިހުރި އެންމެހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމުގެ މައްޗަށް ބިނާކޮށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. އަދި އެ މަޝްވަރާތަކުން ނެރެވޭ ނަތިޖާއެއްގެ މައްޗަށް ވެވޭ އެއްބަސްވުމަކަށް ދެގައުމުންވެސް އަމަލުކުރުން ލާޒިމް ވާނެއެވެ.
މަޝްވަރާތައް ކުރިއަށްދާ ގޮތުގެ މައްޗަށް ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ވައިޓް ހައުސް ގައި ރިޕޯރޓަރުންނަށް މައުލޫމާތު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އުންމީދު ކުރަނީ މި މަޝްވަރާތަކަށްފަހު އީރާނަކީ އަމާންވެއްޓެއް ލިބިފައިވާ ފުދުންތެރި އަދި ކާމިޔާބު ގައުމަކަށް ވެގެންދާނެ ކަމަށެވެ. އަދި ބޭނުންވާގޮތަކީވެސް އެއީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މަޝްވަރާތަކާ ގުޅިގެން އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބާޣެރީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަޝްވަރާތަކުގައި ގިރާކުރަންޖެހޭ ގިނަ ހުރަސްތަކެއް ހުރިކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެކަމަކު އީރާނުގެ އީމާނަކަން ބިނާވެފައި އޮންނާނީ ކުރިމަތިވާ ހުރަސްތައް ގިރާކުރުމުގައި ގައުމުގެ ލާބަޔާއި މަންފާ އިސްކުރުމާއެކު ޒިންމާދާރު އަދި ތަހުޒީބު ސިޔާސަތެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.