އެމީހުން ހީކުރީ އެމީހުން ދައްކާވާހަކަ މާމަޔަށް އަޑުނީވޭ ކަމަށެވެ. ނަމަވެސް މާމަ މަރުވި ދުވަހު ތިންމީހުން ތިބީ ހިމޭން ވެފައެވެ. ބަސްހުއްޓިފައެވެ.
މާމަ އެލްސީގެ އުމުރަކީ 87 އަހަރެވެ. މާމަ އުޅެމުން ގެންދިޔައީ ފިރިހެން ދަރިފުޅާ އޭނާގެ އަންހެނުން އަދި ފުރާވަރަށް އަރާފައިވާ އަންހެން ދަރިފުޅާއެކީގައެވެ.
މާމަޔަށް އެމީހުން ދީފައިވަނީ ގޭގެ އެންމެ ފަހަތުގައިވާ ކުޑަކުޑަ ކޮޓަރިއެކެވެ. ކިލައިން ފުރިފައިވާ އަދި ފާރުތަކުގައިފިނިހިފައިވާ ކޮޓަރިއެކެވެ.އެތަނުގައި ޓީވީއެއް ރޭޑިއޯ އެއް އެކައްޗެއްވެސް ނުހުރެއެވެ.އަދި އެތަނަށް އެއްވެސް ވަރަކަށް އެހެން މީހުން ވަދެ ނޫޅެއެވެ.
މާމަޔަށް ރަގަޅަކަށް ނުވެސް ހިނގެއެވެ. ވާހަކަވެސް ދައްކަން އުނދަގުލެވެ. އެހެން ކަމުން ގިނަ ދުވަސް ދުވަހު މާމަ އިންނަނީ އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ.
އެމީހުން ދެކެނީ މާމައަކީ ބޭނުމެއް ނެތް މީހެއްގެ ގޮތުގައެވެ.ބުރައެއްގެ ގޮތުގައެވެ. ފެންފޮދެއް ދޭން ބުނާ ކޮންމެ ފަހަރަކު ދަނބި ދަރިފުޅު ފެންގެނެސް ދޭނީ މޫނުމައްޗަށް ވައްތަރުތަކެއް ޖެއްސުމަށް ފަހުއެވެ. މާމަ ހިނގާއިރު ތުރުތުރުއަޅާތީ މާމަ ދަރިފުޅު މަލާމަތްކޮށްފަ ހީހަދައެވެ. ހިތުގައިޖެހޭ ބަސްތައް ބުނެލައެވެ. އަމިއްލަ ދަރިފުޅުވެސް މަންމައާއި ދިމާލަށް ގިނަފަހަރު ބަލާވެސް ނުލާ ދާކޮޅަކަށް ދާނެއެވެ.
ތިންމީހުން އެކަނިވާ ވަގުތު ތަކުގައި މާމައަކީ ބުރައަކަށް ވެގެން އެވާހަކަ ދައްކައެވެ. މާމަ މަރުވާނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް ބައްޕަ ބުނެއެވެ. ”ގަސްބުޑެއް“ ހެން އިންތާ އިންނަނީ ކަމަށް ބުނެއެވެ.އަދި މިހާރުވެސް ދިރުމެއްނެތް މީހަކަށް ކާންދޭންޖެހުމަކީ އިސްރާފެއްކަމަށްވެސް ބުނެއެވެ.
މިމީހުން ދައްކާ ހުރިހާ ވާހަކައެއް މާމައަށް ބަރާބަރަށް އިވޭކަމެއް އެމީހުންނަކަށް ނޭގެއެވެ.
އެއްދުވަހަކު ހެނދުނު މާމަ ނުހޭލައިގެން ޑޮކްޓަރު ގެނެސް ދެއްކިއެވެ. ޑޮކަޓްރުބުނީ މަންމަ އޮތީ މަރުވެފައި ކަމަށެވެ.
މާމަ ވަޅުލުމަށްފަހު މާމަގެ ކޮޓަރި ސާފުރަމުން ދިޔައިރު ބާލީސް ދަށުން މާމަ ދަރިފުޅަށް ކުޑަކުޑަ ރިކޯޑަރެއް ފެނުނެވެ.ކޮންއެއްޗެއްތޯ ބަލާލަން ޕްލޭއަށް ފިތާލިއެވެ.އޭނާއަށް އިވުނީ އަމިއްލަ އަޑެވެ.މާމަޔަށް މަލާމަތް ކުރާ އަޑެވެ.ހީފަ މަލާމަތް ކުރާއަޑެވެ.ދެރަވާ ކަހަލަ އެއްޗެތި ބުނާ އަޑެވެ. ދެން އިވެނީ އޭނަގެމަންމަޔާ ބައްޕަގެ އަޑެވެ.މަރުނުވެގެން ،ބުރަޔަކަށް ވެގެން އެވާހަކަ ދައްކާއަޑެވެ. މާމައެވަނީ އެމީހުން ދެއްކި ވާހަކަ ތަކެއް ރިކޯޑް ކޮށްފައެވެ.
ޓޭޕްގެ އެންމެ ފަހުބައިގައިވަނީ މާމަގެ އަމިއްލަ އަޑެވެ.ވަރަށް ބަލިބަލި އެހެނަސް ސާފު ބަހުން ބުނާއަޑު އިވެއެވެ.މިޓޭޕްގެ އަޑު ކަލޭމެން އަހަމުންދާނަމަ އަހަރެން މިވަނީ ކަލޭމެން އެދޭ ގޮތަށް މިދުނިޔެ އަޅާގޮސްފައެވެ. ކަލޭމެން ކީހާ އެއްޗިއްސަށާ ހެދި އިހާނެތި ގޮތްތަކަށް އަހަރެން ކަލޭމެންނަށް މައާފް ކޮށްފީމެވެ. ކަލޭމެން އަހަރެންނަށް ލޯބި ނުދިންނަމަވެސް އަހަރެން އަބަދުވެސް ކަލެމެން ދެކެލޯބިވީމެވެ. އަހަރެން ހަމައެކަނި ބެނުންވީ އަހަރެންނަކީ އަދިވެސް ކަލޭމެންގެ ހަޔާތުގައި މުހިންމު މީހެއް ކަމުގެ އިހްސާސް ކޮށްލުމަށެވެ. އެކަމަކު އެކަން ކޮށް ނުދިނީމުއެވެ.
އެވަގުތު އެކޮޓަރިތެރެ ހިމޭން ވެގެންދިޔައެވެ. ތިންމީހުން ތިބީ ބަސް ހުއްޓިފައެވެ.ލޮލުން ކަރުނަ ފައިބަން ފެށިއެވެ.އަދި މިކުރެވުނު ގޯސް ކަންތަކުގެ ބޮޑުކަން އިހުސާސްވިއެވެ.ނަމަވެސް އޭރު މިވަނީ ވަގުތު ފާއިތުވެފައެވެ.
މުސްކުޅި މައިން ބަފައިން ވާހަކަ ނުދައްކާ ތިބެދާނެއެވެ. ކަމަކާ ދެރަވިނަމަވެސް އެކަމާ އެއްޗެއް ނުބުނެ ތިބެދާނެއެވެ. ނަމަވެސް އެމީހުންގެ އިހްސާސް ކުރުމުގެ ހިއްސުތައް ބަރާބަރަށް މަސަކަތް ކުރާނެއެވެ.އެހެންކަމުން އެމީހުން ބޭނުންވާފަދަ ލޯތްބެއް އެމީހުންނަށްދީ އުމުރުގެ ފަހު ދުވަސްކޮޅު އެމީހުން އުފަލުގައި ބައިތިއްބާށެވެ.