އެމެރިކާއާއި އީރާނުން މާދަމާ ފަށަން ގަސްދުކުރާ އީރާނުގެ ނިއުކްލިއަރ މަޝްރޫއުގެ ވާހަކަ ތަކުގައި އެމެރިކާއިން ކިތަންމެ ވަރަކަށް ފިއްތުން ކުރިމަތި ކުރި ކަމުގައި ވިޔަސް އީރާނުން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމް 3 ވަނަ ގައުމަކަށް ގެންދަން އީރާނުން އެއްބަސްވުން ވަރަށް ދުރު ކަމުގައި ޑީ ޕީ އޭ ގެ ޑިޕްލޯމެޓިކް އެޑިޓަރ ޕެޓްރިކް ވިންޓުއަރ ބުނެފިއެވެ. އެމެރިކާއިން ބުނެފައިވަނީ އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ރަޝިޔާފަދަ ގައުމަކަށްގެންގޮސްގެން ނަމަވެސް އޭގެ ފެންވަރު މަދަނީ ވިންގަނޑަށް ދަށްކުރަން ޖެހޭނެ ކަމަށެވެ.
އޮމާނުގެ މަސްކަތުގައި ބޭއްވުނު ނުސީދާ ބައްދަލު ކުރެއްވުމުގައި މަޝްވަރާތައް ފެށުމުގެ ކުރިންވެސް އެއީ ވާހަކަތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށް ބެލެވޭ އެންމެ ބިޔަ ހުރަސްފާރެއް ކަމަށް ބެލެވުނެވެ.
އީރާނުން ބާރު އަޅަމުން ގެންދަނީ އީރާނުން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމް ޔޫ އެން ގެ އިންސްޕެކްޓަރުންގެ ފާރަލުމުގެ ދަށުގައިވިޔަސް އީރާނުގައި ބެހެއްޓުމަށެވެ. މިއީ ކުރިއަށް އޮތް ތަނުގައި އަންނަ އެމެރިކާގެ ރިޔާސަތަކުން އެއްބަސްވުމަށް ބޭނުން ގޮތެއް ނުހެދޭގޮތަށް ބޭއްވުމަށާއި އަދި އީރާނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެގައުމުން ދޫ ދެވެން ނެތް މައްސަލއެއް ކަމަށެވެ.
މަޝްވަރާތައް މާދަމާ ރޯމްގައި ބާއްވަން ޚިޔާލު ކުރެވެމުންދާއިރު އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ވަނީ އެކަމަށް މަރްހަބާ ވިދާޅުވެފައެވެ. މަޝްވަރާތައް ބޭއްވޭ ތަން ބަދަލުވީ ނަމަވެސް މެދުވެރިއެއްގެ ބައި އަދާކުރާނީ އޮމާނުންނެވެ.
ފޮރިން ޕޮލިސީ ރިސާރޗް އިންސްޓިޓިއުޓުގެ މުހަންމަދު އަމެރްސީ ބުނެފައިވަނީ މިދުވަސްވަރު ޔޫރަޕްގެ ލީޑަރުންގެ ތެރެއިން ރައީސް ޓްރަމްޕް އެންމެ އިތުބާރު ކުރައްވާ ބޭފުޅަކީ އިޓަލީގެ ބޮޑުވަޒީރެވެ. އެހެންވީމާ ރޯމް އަކީ އެ މަޝްވަރާތަކަށް އެންމެ ރަނގަޅު މާހައުލު ކަމަށް ދެކޭ ކަމަށެވެ.
އީރާނުން މަޝްވަރާތަކަށް މި އަންނަނީ އިގްތިސާދީ ދަތި ކުރުމުގެ އިތުރު ފިޔަވަޅު ތަކާއި އަދި މިލިޓްރީންގެ ގަދަފަދަ ހަމަލާތަކުގެ އިންޒާރު ލިބިލިބި ހުރުމާއެކުގައިކަން ހަނދާންކުރަން ޖެހެއެވެ.
އެމެރިކާއާއިއެކު ކުރެވޭ މަޝްވަރާތަކުގައި އެ ގައުމުން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވަރަށްބޮޑަށް އީރާނުން ބާރު އަޅާނެއެވެ. މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ލިބިދާނެ ކަމުގެ އުންމީދުގައި ދުނިޔޭގެ ބިޔަ އިންޝޫރެންސް ކުންފުނިތަކުން މިހާރުވެސް ގެންދަނީ އީރާނުގައި އިންވެސްޓް ކުރުމުގެ ވާހަކަދައްކަމުންނެވެ.
ދެ ގައުމުގެ މަޝްވަރާތަކުގައި އީރާނުގެ ސަބަބުން މެދުއިރުމަތީގެ ގައުމުތައް ބައިބައިވެ ހަމަނުޖެހުން އުފެދޭކަމަށް ދެކޭ މައްސަލައާއި އީރާނާއި އސްރާއީލުގެ ދެކޮޅުވެރިކަމުގެ އެއްވެސް ވާހަކައެއް މަޝްވަރާތަކުގައި ހިމަނަން ރައީސް ޓްރަމްޕް ބޭނުންފުޅެއް ނުވާކަމަށް ވަނީ އަންގަވާފައެވެ. އަދި މިދިޔަ އަހަރު މޭމަހުން ފެށިގެން އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާދިނުމަށް ދައްކާ ހުއްޖަތާއި ކުރަމުންދާ މަސައްކަތްވެސް ވަނީ މިވަގުތަށް ހުއްޓުވާފައެވެ.
އީރާނުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ޓީމަށް ސުޕްރީމް ލީޑަރ އަންގަވާފައިވަނީ އުންމީދާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި އެކަމަކު އިތުބާރުކުރުން މަޝްވަރާތަކުން ނިމޭ ގޮތެއްގެ މައްޗަށް ދޫކޮށްލެއްވުމަށެވެ. ވާހަކަތައް ފޮނިވެފައި އެކުވެރި ވެއްޓެއްގައި ހިނގަމުން ދިއުމަކުން އޭގެ މައްޗަށް މުޅިވާހަކަތަކުގެ ނިމުން އަތުވެދާނެކަމަށް ބެލުން ބުއްދިވެރި ނުވާނެއެވެ. އަދި އެ މަޝްވަރާތަކުގެ ސަބަބުން ގައުމުގެ މުސްތަބަލަށް އެއްވެސް ސިފައެއްގައި ނޭދެވޭ ހިޔަންޏެއް އެޅިގެން ނުވާނެކަމަށް ވިދާޅުވިއެވެ.