ބީރު ދަރިފުޅު ދޫކޮށްލާފައި ދިއުމަށް އަންހެނުން އެދުނެވެ.

Loading

Facebook
Twitter
WhatsApp


(ދެވަނަބައި )
އަހަރެން ގެޔަށް ދިޔައިރު ޖެހިގެން ހުރިގޭ ދައްތަ އައިސް ގޭދޮރުމަތީ ހުއްޓެވެ.އެއީ އަހަރެންނަށް ވަރަށް ހެޔޮ މީހެކެވެ.ހަމަ ޔަގީނުންވެސް އޭނާ އެއައީ އަހަރެންގެ ހިތާމައިގައި ބައިވެރިވުމަށެވެ. އަހަރެން އޭނާއަށް ހިނިތުންވެލީމެވެ.އެވަގުތު އޭނަ ވަރަށް ދެރަވެލާފައި ބުންޏެވެ.“އެކޮއި އެކަނި ތިޔަފަދަ ކުއްޖަކު ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟“ އަހަރެންގެ އަންހެނުންނެކޭ އެއްފަދައިން އޭނަވެސް ހާސްވީއެވެ. ”އަހަރެންނަށް އެއްގޮތަކަށްވެސް ނޭގެއެވެ.އެކަމަކު ކެތްތެރިކަމާއެކު ހިއްވަރުކުރާ ބައްޕައަކަށް އިރާދަކުރެއްވިއްޔާ އަހަރެންވާނަމެވެ.“ އޭނާގެ ސުވާލުގެ ޖަވާބުގައި އަހަރެން ބުނީމެވެ.
ދަރިފުޅު ގެޔަށް ގެނެސް ފުރަތަމަ ހޭދަވި ދެތިން މަސްދުވަހު އުޅެންޖެހުނީ ހަމައެކަނި ދަރިފުޅު ދިރިބޭއްވޭތޯ ކުރަންޖެހޭކަންތައް އެންމެ ދަގަޅަށް ކުރެވޭތޯ ބެލުމަށެވެ.އަހަރެން މުޅިން އަލަށް ލައްކަ ގިނަ ކަންތައް ކުރަން ދަސްކުރީމެވެ.އެއްއަތުން ބުއްފުޅިޖައްސައިގެން އެއްއަތުން ނެޕީ ބަދަލުކުރަންވެސް ދަސްކުރީމެވެ.ނަމަވެސް ނިދިހަމަޔަށް ނުލިބޭތީ އަބަދު ހުންނަނީ ބޮލުގަ ރިއްސާގޮތް ވެފައެވެ.މީގެ އިތުރުން އެކަނިވެރިކަންވަނީ އަހަރެން ވަށާލާފައެވެ.
އަވަށުތެރޭގެ ބައެއްދަންނަ ރައްޓެހިން ސިއްރު ސިއްރުން ބުނެލާ އަޑުއިވެއެވެ.އޭނާގެ އަންހެނުން ދިޔަދިނީ ކީއްވެގެން ހެއްޔެވެ.އެވަރުގެ ކުޑަކުއްޖަކު ފިރިހެނަކަށް އެކަނި ބެލޭނެ ހެއްޔެވެ. އަހަރެންގެ އަންހެނުން ދިޔައީ އަމިއްލަ ޒިންމާ ނުއުފުލަން ވެގެންކަން އެމީހުންނަކަށް ނޭނގޭނެއެވެ.
އަލީ އަށް ރޭގަނޑު ރޮވޭ ވަގުތު ތަކުގައި އަހަރެންގެ ހިތަށްވެސް މާޔޫސްކަންވެރިވެއެވެ. ހަދާނެގޮތް ހުސްވާ ފަހަރުތައްވެސް އާދެއެވެ.ނަމަވެސް ދަރިފުޅު އުރާލުމަށްފަހު މެޔާލާ ބޮނޑިކޮށްލަމެވެ. އަދި ކަންފަތް ކައިރީ ބުނެލަމެވެ.ދަރިފުޅާ ނުރޯށެވެ.ބައްޕައާއި ދަރިފުޅަށް މިދުވަސް ފަސްދީ އަދި ދެވޭނެއެވެ.ބައްޕަ މިކަމަށް ހިތާއި ފުރާނައިން ވައުދުވަމެވެ.“ އަހަރެންގެ އަޑު ދަރިފުޅަކަށް ނީވޭނެއެވެ.ނަމަވެސް އަހަރެން އިހުސާސްތައް،އަހަރެންގެ ހިތުގެ ވިންދު އެދަރިފުޅަށް އިވޭ ކަހަލައެވެ.މަޑުމަޑުން ހުއްޓާލައެވެ.
ނަސީބު ދިމާރި ގޮތުން ދަރިފުޅުލިބި މާގިނަ ދުވަހެއް ނުވެ،އަހަރެންގެ ބައްޕަގެ މުދާ ބަހައިގެން އަހަރެންނަށް އެޕާޓްމަންޓެއް ލިބުނެވެ. އެތަން އަހަރެން ވިއްކާލީއެވެ.އެހެން ކަމުން އަހަރެންނަށް ފައިސާގެ ދަތިކަމެއް ނެތެވެ.
އަހަރެންގެ ހުރިހާވަގުތެއް އަހަރެން ހޭދަކުރަނީ ދަރިފުޅު ފެންނަ ހަމައިގައި އޭނާއާއި އެކުގައެވެ. ތާކަށް ދާނަމަ ދަނީ ކުދިންލާކަހަލަ ޗައިލްޑް ކެރިއަރ އަކަށް ލައިގެން ގޮވައިގެންނެވެ.
ދަރިފުޅު އަލީ ފުރަތަމަ އަހަރެންގެ މޫނަށް ބަލާ ހީނލި ދުވަސް އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ.ދަތެއްނެތް ހިރުގަނޑު ފެނިގެން ދިޔަ ވަގުތުކޮޅާ، އަހަރެން ނުނިދާ އުޅުނު ހުރިހާ ރެޔަކާ ނުބައްދަލެވެ.
ދަރިފުޅުބޮޑުވަމުން އައިއިރު، އޭނާގެ ހަޔާތުން ބައެއް އުނިކަން އޭނާއަކަށް ނޭނގޭނެއެވެ.އޭނާގެ ދުނިޔެއަކީ އަބަދުވެސް ހިމޭން ދުނިޔެއެކެވެ.
އަހަރެންގެ ހަޔާތުން އައި ހަމަ ކޮންމެ ދުވަހަކުވެސް އިތުރު ”ބަހުރުވައެއް“ އަހަރެންނަށް ދަސްވެއެވެ. އަޑާ ނުލާ ބޭނުންކުރާ ބަހުރުވައެވެ. މިބަހުރުވައިގަ ހިމެނެނީ ދަރިފުޅުބަލާލާގޮތް، އަތަށް ގެންނަ ހަރަކާތްތައް އަދި މޫނުމައްޗަށް ގެންނަ ބަދަލުތަކެވެ. އޭނަގެ މޫޑަށް އަންނަ އެންމެ ކުޑަ ބަދަލުގެ މާނަ އަހަރެން ދެނެގަންނަން ދަސްކުރީމެވެ. ހަމައެއާއެކުއެކީ އަގައިން އެންމެ ލަފްޒެއްނުބުނެ އަހަރެން ބުނާ ވާހަކަތައް ދެނެގަންނަން އޭނާ ދިޔައީ ދަސްކުރަމުންނެވެ.
އަލީގެ އުމުރުން ފަސްއަހަރުވީ އިރު އޭނާއަކީ އިސްކޮޅާ ރޫފައެއްވަރު، ވަރަށް އުފަލުން ހުންނަ، އެންމެންދެކެ ލޯބިވާ،އެންމެން އޭނާދެކެލޯބިވާ،ވަރަށް ”ސްމާޓް“ ކުއްޖަކަށް ވަނީ ވެފައެވެ. ބޮލުގެ އިސްތަށިކޮޅުގެ ކުލަ މުށިކުލައިގައިވާ އިރު،އިސްތަށިކޮޅު ބުޅިއެވެ. އޭނާގެބޯ އަހަރެން ބަހައްޓަނީ ކުޑަކޮށް ދިގު ކޮށްލާފައެވެ. މިހާރު އަހަރެން ބޭރަށް ދާން ބޭނުންނަމަ ޖެހިގެން ހުންނަގޭގައި ބަހައްޓާފަވެސް ދަމެވެ. އެއްވެސް މައްސަލައެއް ނުޖެހި އެގޭގައި އުޅެއެވެ.
މިވީ މުއްދަތުގައި އަހަރެން ވަނީ ސައިން ލެންގުއޭޖް ފުރިހަމަޔަށް ދަސްކޮށްފައެވެ.އަދި އަލީވެސް އަތުގެ ހަރަކާތުން މުއާމަލާތު ކުރަމުން ގެންދަނީ އޭނާއަކީ ތަފާތުކުއްޖެއްކަމުގެ ކުޑަވެސް ޝަކުވާއެއް ނެތި ކަހަލައެވެ.އަބަދުވެސް އޭނާހުންނަނީ އުފަލުންނެވެ.
ދަރިފުޅު ރޭގަނޑު ނިދުމުން އަހަރެން އެކި ސްކޫލްތަކަށް ގުޅާ އޭނާ އަށް ސްކޫލަކުން ޖާގަލިބޭތޯ އަހަރެން ދިޔައީ މަސައްކަތް ކުރަމުންނެވެ.ނަމަވެސް ހަމަ އެންމެ ތަނަކުންވެސް އެކަމަށް އެއްބަހެއް ނުވިއެވެ. ކޮންމެ ތަނަކުންވެސް ބުނަނީ އެކަހަލަ ކުދިންނަށް ކިޔަވާދޭން ޖެހޭނީ ޚާއްސަ ގޮތަކަށް ކަމަށާ އެކަމަށް ސްކޫލްތައް ތައްޔާރު ނޫން ކަމަށެވެ.
އަހަރެން ގޮތް ހުސްވެ، އެއްދުވަހަކު ޕްރިންސިޕަލްއެއް ކައިރީ ބުނީމެވެ.ދަރިފުޅާއެކީ އަހަރެން ސްކޫލް އަށް ގޮސް އިނދެފާނަމެވެ.އަދި ޓީޗަރު ކިޔާދޭ އެއްޗެއް އަހަރެން ދަރިފުޅަށް ބުނެދެމުން ގެންދާނަމެވެ.ނަމަވެސް ޕްރިންސިޕަލް އެއްބަހެއް ނުވިއެވެ.އަދި ދަރިފުޅު ޖެހޭނީ މައިރަށުގައި ހުންނަކަހަލަ ނުއިވޭ ކުދިންނަށް ޚާއްސަ ބޯޑިންގ އަކަށް ފޮވަން ކަމަށް ބުންޏެވެ.
އަހަރެން އުންމީދު ކަނޑާނުލާ ހިއްވަރާއެކީ މަސައްކަތް ކުރަމުން ގެންދިޔައިމެވެ. ދަރިފުޅަށް އަމިއްލަޔަށްވެސް ކިޔަވާދެވޭތޯ އައީ ބަލަމުންނެވެ.
މިހެން އުޅުމުގެތެރޭ އަނެއްކާވެސް އަހަރެންގެ މައްސަލަޔަށް ހައްލެއް ހޯދާދިނީ ގުދްރަތުންނެވެ. ވަޒީފާ އަދާނުކޮށް ހުރެވޭގޮތްވެސް ވީފަދައިންނެވެ.
އަވަށުގަ ހުންނަ ބޮޑުފިހާރަޔަށް އަލީ ގޮވައިގެން ދިޔަ ދުވަހަކު، އެތަނަށް ގޮސްއުޅުނު ބޭރުގެ ޓީޗަރަކާ ބައްދަލް ވިއެވެ. ދެމީހުން ތައާރަފް ވިއިރު އޭނަ ބުނި ގޮތުގައި އޭނާއަކީ އަވަށު ސްކޫލަށް އަލަށް އައި އެލިމެންޓަރީ ޓީޗަރެވެ.އަދި އޭނާއަކީ އަޑުނީވޭ ކުދިންނާއި މީހުންނަށް ކިޔަވާ ދިނުމުގެ މާހިރެއް ކަމަށްވެސް ބުންޏެވެ.
އަހަރެން ވީ އުފަލުން ހުރެވުނު ތަނެއްވެސް ނޭގެއެވެ. އަލީގެ ވާހަކަ ކިޔާދީ އަހަރެންނަށް ކުރިމަތިވެގެން އުޅޭ މައްސަލައިގެ ކުރު ތަފްސީލެއް ދިނީމެވެ. އޭނާ އަހަރެންނަށް ހިއްވަރު ދިނެވެ.އަދި މައްސަލަ މިހާހަމައިން ހައްލުވީ ކަމަށް ބުންޏެވެ.
އެދުވަހުން ފެށިގެން ދަރިފުޅު އަލީ އަށް ކިޔަވާ ދިނުމުގެ ކަންތަކާ ޓީޒަރު އީމާން ހަވާލުވިއެވެ. އަދި އަލީ ވެގެން ދިޔައީ ވަރަށްވެސް ތޫނުފިލި، ފަސޭހައިން ފިލާވަޅުތައް ދަސްވާ ކުއްޖަކަށެވެ.
”ރެގިއުލަރ ސްކޫލް“ ގައިވެސް މޮޅު ކުއްޖެކެވެ. މީގެ އިތުރުން އަޑުނީވުނު ނަމަވެސް ކޮމްޕިއުޓަރުގެ މަސައްކަތަށް އަލީ ވަރަށްވެސް ހުޝިޔާރެވެ. އަދި އައިޓީ އާއި ކޯޑިންގ ފަދަ ދާއިރާ ތަކުގައި އޭނާ އާދަޔާޚިލާފަށް ހުޝިޔާރެވެ.
އަލީ ކިޔަވަން ފެށި ފުރަތަމަ އަހަރު އޭނާވަނީ މުޅި ސްކޫލުންވެސް ފާހަގަ ކޮށްލެވޭ ވަނަތަކެއް ހޯދާފައެވެ. އޭނާގެ އުމުރަށް ވުރެ ބޮޑެތި ކުދިންނާ ވާދަ ކޮށްގެންނެވެ.
އަހަރުމެންގެ ހަޔާތުން ހުރިހާކަމެއްވެސް ރަނގަޅުވަމުން އަންނަ ކަހަލައެވެ. އީމާން މައިސިޓީ އަށް ދިޔަ ދުވަހު ޚާއްސަ ހިއަރިންގ އެއިޑް އެއްގެނެސް ދިނެވެ.އޭތި އެޅުވުމުން ރީތިކޮށް ހުރިހާ އަޑުތަކެއް ނީވުނު ނަމަވެސް ވަރަށް ބާރު އަޑެއް އިވިއްޖެނަމަ އޭނާއަށް އިހުސާސް ވެއެވެ. ޓެކްނޮލޮޖީ ކުރިއަރައިގެން ދާވަރަކަށް އިރާދަކުރެއްވިއްޔާ އަދި ރަނގަޅު އެއްޗެއް ނެރޭނެ ކަމަށް ބުނެ އީމާން އަހަރެންނަށް ހިއްވަރު ދިނެވެ.
މިދުވަސް ތަކުގައި އީމާން އަހަރުންގެ ގެޔަށް އައުން ވަނީ އާދައިގެ ކަމަކަށް ވެފައެވެ. މިގޮތަށް އައި އެއްދުވަހަކު ދެމީހުން ބޭރު ގަސް ދޮށުގައި ކޮފީއަކަށް އިންސާފް ކުރަމުން ދިޔަ ވަގުތެއްގައި އީމާން ބުންޏެވެ. ”އަހުމަދު ކަހަލަ ބައްޕައަކާ އަހަރެންނާ އަދި ދިމައެއް ނުވެއެވެ.“
”ކޮންކަހަލަ ބައްޕަ އެއްހެއްޔެވެ؟“ އަހަރެން ކުޑަކޮށް ހައިރާންވެފައި ބުނީމެވެ.
”ހަގީގީ ބައްޕައެކެވެ.ފަސޭހަ މަގު އިޚްތިޔާރުނުކޮށް، އަދި މަސްއޫލިއްޔަތު ތަކުން އެކަހެރި ނުވާ ބައްޕައެކެވެ.“ އޭނަ ބުންޏެވެ.
އީމާން އަށް ގާތުން އަހަރެންގެ ހާލަތު ފެންނަމުން ދިޔަހިނދު އޭނަގެ ހިތުގައި އަހަރެންގެ މައްޗަށް ވަނީ އޯގާތެރިކަމާއި ކުލުނު އުފެދިފައެވެ. މިއިހުސާތައް އޭނާގެ ހިތުގައިވަނީ ލޯތްބަށް ބަދަލުވެފައެވެ. އޭނަ އިސްވެ އަހަރެން ގާތުގައި މިވާހަކަ ބުންޏެވެ.އަދި އަހަރެން ގަބޫލުނަމަ އަހަރެންނާއި އަލީއާއި އެކު ހަޔާތެއް ފެށުމަށް އޭނާ ތައްޔާރަށް ހުރި ކަމަށް ބުންޏެވެ. އަހަރެން ވަރަށް އުފަލުން ގަބޫލު ކަމަށް ބުނީމެވެ.
އޭގެ ހަމަސް ދުވަސް ފަހުން އަހަރެންނާއި އީމާން ކައިވެނި ކުރިރޭ އެންމެ އުފަލުން ހުރީ އަލީ އެވެ. ވެޑިންގ އަނގޮޓި ލާފައިވާ ކުޑަ ދެފޮށިވެސް ގެނެސް ދިނީ އޭނަގެ އަތުންނެވެ.އަދި އެރެއިން ފެށިގެންވެސް އޭނާ އީމާން އަށް މަންމަ ކިޔަން ފެށިއެވެ. އޭރު އަލީގެ އުމުރުން 16 އަހަރެވެ.
ޖެހިގެން އައި ދުވަސްތަކުގައި ކުއްލިއަކަށް އަލީ އަހަރެންނާ ސުވާލެއް ކުރިއެވެ. ”އަހަރެންގެ އަސްލު މަންމަ އަކީ ކާކުހެއްޔެވެ؟އަސްލު މަންމަ ކޮބާހެއްޔެވެ؟“ އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަދި އަހަރެން ބުނީމެވެ.“މިހާރު ދެން އެކަން ބަލަނީ ކީއްކުރަން ހެއްޔެވެ؟“ އެހެންވީމަ އޭނާ އެކަމާވެސް އައީ ވިސްނަމުންތާއެވެ.
އިރުކޮޅަކު އިސްޖަހައިގެން އިނދެލުމަށްފަހު އަލީ ބުންޏެވެ. ”އަހަރެން ވަޒީފާ އަށް ދިއުމުގެ ކުރިން ހަމަ ބަލާލަން ބޭނުންވީއެވެ.“ އަހަރެން ބުނީމެވެ. އީމާންމަންމަ އާއި ވާހަކަ ދައްކާލުމަށްފަހު ތިޔަސުވާލަށް ޖަވާބު ދޭނަމެވެ.
އަހަރެންނާއި އީމާން ނިންމީ ހުރިހާ ތަފްސީލް ނުދިނުމަށެވެ. ޚާއްސަކޮށް އެމަންމަ ދަރިފުޅު ”އެއްލާލަން“ ނިންމި ވާހަކަ ނުބުނުމަށެވެ. އެހެން ކަމުން އަނެއްދުވަހު އަހަރެން ބުނީމެވެ. ދަރިފުޅުގެ އަސްލު މަންމަ، ބައްޕައާއި އެކީ އުޅެން ބޭނުންނުވާ ކަމަށް ބުނެ ދިޔައީއެވެ.މަންމަވެސް މީހަކާ އިނދެގެން އެބައުޅެއެވެ.މިހެން ބުނެ އައިޝާގެ ނަމާއި އެހެން ތަފްސީލް ދިނީމެވެ.
އަލީގެ އުމުރުން 16 އަހަރުގައި އޭނާޔަށް ވަނީ ވަރަށް ރަގަނޅު ވަޒީފާއެއް ލިބިފައެވެ. ސިޓީގެ ބޮޑު އައިޓީ ކުންފުންޏަކުން ވަނީ ރިމޯޓް ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ވަޒީފާއެއް ދީފައެވެ. ބޮޑު މުސާރަޔާ ހުންނާނެ ތަނަކާއެކީގައެވެ. ވަޒީފާ އަދާ ކުރުމަށް އޭނާޔަށް ޖެހެނީ ގެޔާ އަދި އަހަރެންނާ ދުރަށް ދާށެވެ.ނަމަވެސް މިހާރު އަހަރެންގެ ކަންބޮޑުވުމެއް ނެތެވެ. މިއަދު އޭނާ އަށް އެކަނިވެސް ކޮންމެ ތާކުވެސް އުޅެވޭނެއެވެ.އޭނާގެ އީމާން މަންމަ އާއި އަހަރެންގެ މަސައްކަތުން އެކަންވަނީ ހާސިލްވެފައެވެ.
އަލީ އާއި އޭނާގެ އަސްލުމަންމަ އައިޝާ ދިމާވާދުވަހަކުން ހަމަ ގައިމުވެސް އޭނާ ލަދުން ފިލަން ނުޖެހޭ ވަރުގެ ކުއްޖަކަށް އަހަރެންނަށް ވަނީ އޭނާހަދާދެވިފައެވެ. އޭގެ ބަދަލުގައި އޭނާއަކީ މިއަދު ކޮންމެ މަންމައަކާއި ބައްޕަ އަކުވެސް ފަޚުރުވެރިވާނެ ފަދަ ކުއްޖެކެވެ.
(ނިމުނީ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް