ކުޑަކުދިންގެ ސްކޫލެއްގެ ގްރެޖުއޭޝަން ދުވަހަށް،ބެލެނިވެރިންނަށް ޚާއްސަކޮށްގެން ޝުކުރުގެ ލަވަޔެއް ހުށައަޅައިދިނުމަށް ޓީޗަރަކު ކުދިން ކޮޅެއް ތައްޔާރު ކުރިއެވެ. ފަރިތަ ކުރާތާ އެތައް ހަފްތާއެއްފަހުން ގްރެޖުއޭޝަން ދުވަސް އަތުވެއްޖެއެވެ.
ލަވަ ހުށައަޅާ ދިނުމަށް ފަރިތަކުރި ކުދިން، ރީތިކޮން ނަލަހެދިގެން ސްޓޭޖް މަތީގަ އެތުރިލައިގެން ތިއްބެވެ. ކުދިންގެ ހުށައަޅާދިނުން ބަލާލަން ކެތްމަދުވެފައިވާ ބެލެވެރިން ވަދެ ހޯލް ވަނީ ފުރާލާފައެވެ.
މިޔުޒިކް ފެށުމާއިއެކު ހުރިހާ ކުދިން އެކީގައި ލަވަ ކިޔަމުން ހަރަކާތުން ލަވަ ހުށައަޅާދެމުން ގެންދިޔައެވެ.ހުރިހާކަމެއްވެސް ރަނގަޅަށް ކުރިޔަށް ދަނިކޮށް އެތަނުން އެއްކުއްޖަކު ކުއްލިއަކަށް ލަވަކިއުން ހުއްޓާލިއެވެ.ލަވަކިއުން ހުއްޓާލުމަށްފަހު އަތުން ހަނައަޅާ އަދި ތަފާތު ހަރަކާތްތައް ކުރަމުން ގެންދަން ފެށިއެވެ.އޭރު އެހެން ހުރިހާ ކުދިން ގެންދިޔައީ ލަވަކިޔަމުން ހުށައަޅާދެމުންނެވެ.
ތަފާތު ހަރަކާތްތައް ކުރަމުން ގެންދާ ކުއްޖާގެ ސަމާލުކަން ހޯދުމަށް، ސްޓޭޖްގެ އަރިމަތީގައި ހުރެގެން ޓީޗަރު މަސައްކަތް ކުރަމުން ގެންދިޔައެވެ. އެގޮތަށް ހަރަކާތްކުރުން ހުއްޓާލާ އެހެން ކުދިންނާއެކީ ކުރިޔަށް ގެންދިއުމަށް އަންގަމުން ގެންދިޔައެވެ. އެހެންނަމަވެސް އެކުއްޖާ ޓީޗަރު އަންގާގޮތެއް ނުހަދައެވެ.
އެއްކުއްޖަކު ތަފާތު ގޮތަކަށް ލަވަޔަށް ހަރަކާތްކުރަމުން ގެންދާތީ އެހެން ކުދިންނަށްވެސް އެކަމުން އުނދަގޫވާން ފެށިއެވެ.އަދި އަނގަ އޮޅޭގޮތްވެސް ވާން ފެށިއެވެ. މިހެން ވުމުން ބައެއް ބެލެނިވެރިން ހޭން ފެށިއިރު އަނެއްބައި ބެލެނިވެރިންގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ ކުލަވަރެވެ.
ތަފާތުކޮށް ހަރަކާތްތެރިވަމުން ދިޔަ ކުއްޖާ، ކުރީ ގޮނޑިބަރީގައި އިން ޕްރިންސިޕަލްގެ ސަމާލުކަމަށްވެސް އައިސް ޕްރިންސިޕަލްގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ފެންނަން ފެށިއެވެ.އަދި ޓީޗަރަށް ގޮވާގެނެސްފަ ބުންޏެވެ. މިސްކޫލްގައި އެގޮތަށް ކަންތައްތައް ވިޔަ ދީގެން ނުވާނެއެވެ.އަދި އެކުއްޖާ ޖެހޭނީ ވަގުތުން ސްކޫލުން ކަނޑާލާށެވެ. ޓީޗަރު ވެސް
ހަދާނެގޮތް ހުސްވެ،އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
މިވާހަކަތައް ކުރިޔަށް ދިޔައިރު ވަރަށް އުފަލުން އިން އެއް ބެލެނިވެރިޔަކު އެންމެންނަށް ފާހަގަވިއެވެ. އޭނާގެންދިޔައީ ވަރަށް ބޮޑަށް ހެވިފައިނދެގެން ވަރަށް ބާރަށް އަތްތިލަބަޑިޖަހަމުންނެވެ. އޭނާގެ ދަރިފުޅަށް ސަޕޯޓް ކުރުމުގެ ގޮތުންނެވެ.
ލަވަ ނިމުމުން ރުޅިއައިސްފައިހުރެ ޓީޗަރު ކުދިން ކައިރިޔަށް ގޮސް، ތަފާތު ގޮތަކަށް ހަރަކާތްކުރި ކުއްޖާޔާ ދިމާލަށް ބާރަށް ބުންޏެވެ.އެހެން ކުދިންނާ އެއްގޮތަށް ލަވަނުކީ ކީއްވެގެން ހެއްޔެވެ. ތަފާތު ގޮތްތަކެއް ހެދީ ކީއްވެގެން ހެއްޔެވެ.
ޓީޗަރު ބާރަށް މިހެން ބުނުމުން ކުއްޖާ ވަރަށް ދެރަވެފައި އިސްޖަހާލިއެވެ. އަދި މަޑުމަޑުން ބުންޏެވެ.އަޅުގަނޑު އެގޮތަށް ހެދީ އަޅުގަނޑުގެ މަންމަ އައިސް އިންދާ ފެނުމުންނެވެ. ޓީޗަރަށް މިވީގޮތެއް ނޭގުނެވެ. އަދި ބުންޏެވެ. އެގޮތަށް ކަންތައް ކުރުމުން މަންމަ ވަރަށް އުފާވާނެ ހެއްޔެވެ. އެހެން ކުދިންނާއެއްގޮތަށް ލަވަނުކީމަ މަންމަ އުފާވާނެ ހެއްޔެވެ.
ކުއްޖާ ކުޑަ ހިނިތުންވުމަކާއެކު އަނެއްކާވެސް އަމިއްލަ ނަފްސް ދިފާއު ކުރެވޭތޯ މަސައްކަތް ކުރިއެވެ.އަޅުގަނޑުގެ މަންމައަކީ މަންމަނެކެވެ.މަންމަ އަށް ވާހަކައެއް ނުދެއްކެއެވެ.އަދި އަޑެއްވެސް ނީވެއެވެ.އަޅުގަނޑު ލަވަ ހުށައަޅާދިނީ ސައިން ލެންގުއޭޖުންނެވެ.ލަވައިގެ ރީތި އިބާރާތްތައް މަންމަޔަށް އެނގޭނީ އޭރުން ކަމަށް ވާތީއެވެ. އަދި އެހެން ބެލެނިވެރިންނެކޭ އެއްގޮތަށް މަންމަވެސް އުފާވާނީ އޭރުން ކަމަށްވާތީއެވެ.
ކުއްޖާ މިހެން ބުނުމުން ޓީޗަރުގެ މޫނުމަތިން ރުޅިވެރިކަން ފިލާ ހައިރާން ކަމުގެ އަސަރު ފެނުނެވެ.އެއަށްފަހު ކަންތައްކުރެވުނު ގޮތާއިމެދު ދެރަވެ ދެލޮލުން ކަރުނަ ފައިބައިގެން ދިޔައެވެ.އަދި ކުއްޖާ ކައިރީ ކުޑަކަކޫ ޖަހާލުމަށްފަހު ކުއްޖާ ގައިގައި މަޑުމަޑުން ބައްދާލާ ކުއްޖާގެ ކިބައިން މާއާފަށް އެދުނެވެ.
ކުއްޖާ ކަންތައް ކުރީ މަންމަވެސް ގްރެޖުއޭޝަން ދުވަހުގެ އުފަލުގައި ބައިވެރިކުރަން ކަން ޓީޗަރަށް ނުވިސްނުނީ ކަމަށް ބުންޏެވެ.އެއަށްފަހު ތެދުވެ ބެލެނިވެރިންނާ ކުރިމަތި ލައި ކުއްޖާ އެގޮތަށް ކަންތައް ކުރި ސަބަބުން ބެލެނިވެރިންނަށް އޮޅުން ފިލުވާ ދިނެވެ. އެވަގުތު ހިންދުކޮޅަކަށް މުޅިހޯލް ހިމޭން ވެގެން ދިޔައެވެ.އެއަށްފަހު ކުރިން ހީފަ މަލާމާތްކުރިން މީހުން ހިމެނޭ ގޮތުން އެންމެން އުކުގައި އަތްތިލަ ބަޑިޖަހަން ފެށިއެވެ.ވަރަށް ގިނަ މަންމައިން ނަށް ވަނީ ރޮވިފައެވެ.
ކުއްޖާ ޖަޖްކުރަން، ނުވަތަ ގޮތެއް ނިންމަން އަވަސްވެގަތް ޕްރިންސިޕަލްވެސް ވަނީ ވަރަށް ދެރަވެފައެވެ.އަދި ވީގޮތް ރަގަޅަށް ނުބަލާ ކުއްޖާއާ މެދު ފިޔަވަޅު އަޅަން ނިންމުނީތީ މައާފަށް އެދުނެވެ.މިކުޑަ ކުއްޖާވަނީ އޯގާތެރިކަމާއި އެހެން މީހުންގެ އިހުސާސްތަކަށް ކަމޭހިތުމަކީ ކޮބައިކަން އަހަރުމެން އެންމެނަށް ދައްކާދީފައި ކަމަށް ބެލެނިވެރިންނާ މުޚާތަބްކޮށް ޕްރިންސިޕަލް ބުންޏެވެ.
އަދި އެދުވަހުގެ ހަފްލާގައި އެކުއްޖާޔަށް ޚާއްސަ އެވޯޑެއް ދިނުމަށް ޕްރިންސިޕަލް ނިންމިއެވެ.ކުއްޖާ ސްޓޭޖް މައްޗަށް އަލުން އަރުވާ، ހާޒިރުވެ ތިބި ހުރިހާ ބެލެނިވެރިންގެ ކުރިމަތީގައި ކުއްޖާޔަށް ޚާއްސަ ސެޓްފިކެޓެއް ދިނެވެ.އެކުއްޖާއަކީ ދަރިއެއްގެ ފުރިހަމަ ނަމޫނާ އެއްކަމަށް ބުނަމުންނެވެ.
އެވަގުތު މުޅިހޯލުން ތަރުހީބުގެ އަތްތިލަބަޑީގެ އަޑު އަނެއްކާވެސް ގުގުމައިގެން ދިޔައެވެ.އެންމެ ބާރަށް އަތްތިލަބަޑިޖެހީ ކުއްޖާގެ މަންމައެވެ.މަންމަގެ ދެލޮލުން އޭރުވަނީ އުފާވެރިކަމުގެ ކަރުނަވެސް ފާއްދާލާފައެވެ.