އާދެ! ދިވެހިރާއްޖޭގައި 2008ގައި ތަޞްދީޤުކޮށް މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީގައި ކޮންތަނެއްގައި ލިޔެފައި އޮތުމުންތޯ ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ބާރު، ޤާނޫނު ހެދުމުގެ ބާރު އަދި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު ވަކިވެފައި ވަނީ! އެއްވެސް މާއްދާއެއްގައި މިތިން ބާރު ވަކިވެފައިވާކަމަށް ލިޔެފައިވޭތޯއެވެ؟ ތިން ބާރުވަކިވުމަކީ ޤަބޫލުކުރެވޭ ފަލްސަފާއެކެވެ. ނުވަތަ މޮޑެލް އެކެވެ. އެއީ އެއްބާރު އަނެއް ބާރުގެ މައްޗަށް ވެރިވެ ނުގަތުމެވެ. އިނގިރޭސިބަހުން ނަމަ ޗެކް އެންޑް ބެލެންސް ސިސްޓަމެއް އޮތުމެވެ. ފެހި ޤާނޫނުއަސާސީ ދިރާސާ ކޮށްލުމުން، ފެހި ޤާނޫނުއަސާސީގައި ތިން ބާރު މާއްދާ 5 (ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.) ، 6 (މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.) އަދި 7 (ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.) ގައި ލިޔެފައި އޮތަސް، ފެހި ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުގެ ސަބަބުން ބައެއް ބާރުތައް އަނެއްބައި ބާރު ކޮންޓްރޯލް ކުރާކަން އެނގޭނެއެވެ.
ޢާންމުކޮށް ކިޔާ ގޮތުން، ފެހި ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ވަނީ “ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީންނެވެ. “ މިހެންނެވެ.
ފެހި ޤާނޫނުއަސާސީ ގެ 157 މާއްދާގެ (ހ) ގައި ވަނީ “ ދިވެހިރާއްޖޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނެއް އޮންނާންވާނެއެވެ. “ އަދި ފެހި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައިވަނީ “ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ. (ހ) ރައްޔިތުންގެ މަޖިލިސްގެ ރައީސް. (ށ) ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު. (ނ) ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު. (ރ) ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު. (ބ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރަކު. (ޅ) ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު. (ކ) ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް. (އ) ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކު. (ވ) ބަންޑާރަނައިބު. (މ) ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު. ”
ފެހި ޤާނޫނުއަސާސީގެ 147 އަދި 148 ގެ (ހ)، މި މާއްދާތަކުގައިވާ ގޮތުން އުއްތަމަފަނޑިޔާރު އަދި ސްޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ނަމެއް ފޮނުވާނީ ޖުޑީޝަލް ސަރިވިސް ކޮމިޝަން އިން ފާސްވެގެންނެވެ.
ފެހި ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގައިވަނީ “ ދިވެހިރާއްޖޭގައި އުއްތަމަފަނޑިޔާރަކު ހުންނާންވާނެއެވެ. އުއްތަމަފަނޑިޔާރުގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ. “ އަދި 148 ގެ (ހ) ގައި ވަނީ “ ސުޕްރީމްކޯޓުގެ އެންމެހައި ފަނޑިޔާރުން ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ. ”
އެހެންކަމުން ކުރިން ބަޔާންކުރެވުނު ފެހި ޤާނޫނޫއަސާސިގެ 158 މާއްދާގައިވާފަދަ، ވެރިކަން ހިންގާ ބާރު އަދި ޤާނޫނު ހެދުމުގެ ބާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ތިން ބާރު ވަކިކުރެވޭ ގޮތަށް ޢަމަލު ކުރެވޭނެތޯ، ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާ ފިކުރު ހިންގާލުމުން އެކަން ނުކުރެވޭނެކަން އެނގޭނެއެވެ.
އިންޑިއާގައި އެއިރަކު އޮންނަ ސުޕްރީމް ކޯޓުގެ އެންމެ ސީނިއަރ 04 (ހަތަރެއް) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޮލީޖިއަމް އަކުން ދިރާސާ ކުރުމަށްފަހުގައި އުއްތަމަފަނޑިޔާރަށް ނަމެއް ހުށަހަޅައެވެ. ދެން އެ ނަމެއް އުއްތަމަފަނޑިޔާރު ގެ ފަރާތުން ޔުނިއަން ލޯ މިނިސްޓަރ އަށް ފޮނުވުމުން އެނަމެއް ފާސްކޮށް އިންޑިއާގެ ރައީސް ތަޞްދީޤު ކުރުމަށް ފޮނުވޭނެއެވެ. އަދި އިންޑިއާގެ އުއްތަމަފަނޑީޔާރަކީ އެއިރެއްގައި ހުންނަ އުއްތަމަފަނޑިޔާރު އުމުރު ހަމަވެ ރިޓަޔަރ ކުރުމުން، އެއިރެއްގައި ސުޕްރީމްކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން އެންމެ ސީނިއަރ މީހާއެވެ.
އިނގިރޭސިވިލާތުގައި މިނިވަން ކޮމިޝަނަކުން ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ނަމެއް ނަޒާހަތްތެރިކަމާއި ޢަދުލުވެރިކަމާއި މެދު ދިރާސާތަކެއް ކުރުމަށްފަހު ބޮޑުވަޒީރަށް ފޮނުވުމުން، ބޮޑުވަޒިރު އެނަމެއް ތަޞްދީޤު ކުރުމަށް ރަސްގެފާނަށް ފޮނުވައެވެ.
އެމެރިކާގައި ރައީސް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހުށަހަޅުއްވާ ނަމެއް ސެނެޓްގެ ސެނެޓް ޖުޑީޝަރީ ކޮމިޓީ އިން ދިރާސާކޮށް ސެނެޓުން ފާސްވެގެން ރައީސް ތަޞްދީޤު ކުރުމަށް ފޮނުވެއެވެ.
ފްރާންސްގައި ހައި ކައުންސިލް އޮފް ދަ ޖުޑީޝަރީ (މިކައުންސިލްއަކީ ފްރާންސްގެ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ކައުންސިލެއް) އިން ރައީސް އަށް ހުށަހަޅާ ނަމެއް ސްޕްރީމްކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެވެއެވެ.
{ 2019 ގައި އިހަށްދުވަހު އިސްތިއުފާ ދެއްވި ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއް ސުއޫދު ވިދާޅުވެފައިވަނީ ”ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރާން ޖެހޭ ކަމުގައެވެ.“ މިވަރުގެ ބޭފުޅަކު ފަހުން ފެނުނީ ސުޕްރީމްކޯޓުގެ ބެންޗްގައި އިންނެވި ތަނެވެ. 22 އޭޕްރީލް 2019 ގައި ރާއްޖެޓީވީން ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ، މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށް އަމުރެއް ނެރުމަށްފަހު އެމަހުގެ ފަސް ވަނަ ދުވަހު ހަމަ އެ އަމުރު ދިމާ އިދިކޮޅަށް ބަދަލުކޮށް އެ ފާރާތްތަކުގެ މައްޗަށް ނުފޫޒެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. ”ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުފެ ފަނޑިޔާރުން ހަމަ ހުރިހާ ފަނޑިޔާރުން ވަކިކުރުން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،“ ސުއޫދު ވިދާޅުވި އެވެ. ތިރީގައިވާ ލިންކުން މި ލިޔުންކޮޅުގެ މަޢުލޫމާތު އެނގޭނެއެވެ. }
އޭރު އޮތް އެމް.ޑީ.ޕީ ގެ ސަރުކާރުން ސުއޫދު ވިދާޅުވިގޮތަށް ސުޕްރީމްކޯޓުގައި ތިއްބެވި 05 (ފަހެއް) ފަނޑިޔާރުން އުއްތަމަ ފަނޑިޔާރު ޑރ. ޢަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދު ޣަނީ މުހައްމަދު ރައްޔިތުންގެ މަޖިލިސްމެދުވެރިކޮށް ވަކިކުރިއެވެ. އަދި ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީއަށް ސުޕްރީމް ކޯޓުން އޭރ ކަނޑައަޅާފައި ހުންނަވާ ފަނޑިޔާރު ޢަބްދުﷲ އަރީފު ވަނީ މަޤާމުން ވަކި ކުރުމުގެ ކުރިން އިސްތިޢުފާ ދެއްވާފައިވެއެވެ. މިކަން އެމް.ޑީ.ޕީން ކުރީމަ ރަނގަޅެވެ. އެހެން ބަޔަކު ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަކިކުރާން އުޅުމުން ކަޑައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ތިންބާރު ވަކިވެފައޭ ވެރިމީހާގެ އަތްދަށަށް ތިންބާރު އެއްކުރަނީއޭ ކިޔައިގެން ދިވެހީންގެ ބޮލަށް ބައެއް ސިޔާސީ މީހުން ޗިޕު ޖަހަނީ އަމިއްލަ މަންފާ އަށެވެ. 2019 ގައި އުފެދުނު މަޖިލީހުންވެސް އޭރު އޮތް ވެރިކަންކުރާ އެމް.ޑީ.ޕީ ޕާރޓީއަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލެވިފައިވާގޮތް ބަދަލު ކުރުމުގެ ފުރުޞަތު ލިބުނެވެ. އެކަމަކު އެދައުރުގައިވެސް ވެރިމީހާ ނުވަތަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަތުން ބާރުތަކެއް ގެއްލިދާނެތީ އެކަން ނުކުރީއެވެ. ދެން މިއަދުގެ އިދިކޮޅު ފަރާތްތަކުން ތިންބާރޭ، ތިނެއްޗޭ ކިޔަމުން މިކިޔަނީ ކީކޭތޯއެވެ؟ ތެދެކެވެ. ތެދެކެވެ. ތިމާ ރެމުންދާއިރު ގުއިފޯލި ނުފެންނާނެއެވެ. ފުރަތަމަ އިޞްލާހު ކުރާންވީ މުޅި ޤާނޫނުއަސާސީ އެވެ. ފެހި ޤާނޫނުއަސާސީ އެއްކޮށް އިޞްލާޙު ކޮށްގެން މެނުވީ ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވާ ސިޔާސީ ހަމަނުޖެހުން އަދި ކޮރަޕްޝަންގެ ޢަމަލުތައް ނުހުއްޓުވޭނެއެވެ.
ނިމުނީ
One Response
ކޮންމެ މީހަކު ކުރިޔަށް ކަޑަ ވަނީ ކަޑަ ކަމަކަށެވެ. ކުރިން އެޖެހި ސަކަރާތް ކަމުނުދިޔައީ މާތާދޯ ވެރިކަން ރައްޔަތުން ބަދަލުކުރީ. ވީމާ ކުރީގެ ސަކަރާތު ވާހަކަ ދައްކައި އެ ސަކަރާތް ޖެހުމަށް ލައިސެންސް ނުދެވޭނެ އެވެ. އިބްރާހިމަށް ވެސް މިކަން ގަބޫލުކުރެވެން ވާނެއެވެ.