ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ މޮސްކޯ އާއި އެމެރިކާއިން ކުރަމުންގެންދާ މަޝްވަރާތަކާ ގުޅިގެން ކާރސްކް ސަރަހައްދުގައި ތާށިވެފައިތިބި އެތައްހާސް ޔޫކްރެއިން ސިފައިންގެ ފުރާނައަށް ގެއްލުން ލިބިގެން ހިނގައިދާފަދަގޮތަކަށް ހަމަލާ ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ޕޫޓިންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ޔޫކްރެއިންގެ ސިފައިން ތިބީ ރަޝިޔާގެ ސިފައިން ބާރުގެ ދަށުން ނިކުމެވިދާނެ ގޮތެއް ނެތިފައިކަންވެސް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. ދަ ޓުރުތު ޕްލޭޓްފޯމްގައި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު ރަޝިޔާއާއެކު ދެކެވުނު ވާހަކަތައްވެސް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ކުރެވެމުން މިދާ ބޭނުމެއް ނެތް ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ އުންމީދު ލިބިވަޑައިގެންފައިވާ ކަމަށެވެ. ރައީސް ޓްރަމްޕް މިމޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ ނޭޓޯގެ އާންމު ސެކްރެޓަރީ މާރްކް ރުއްޓޭ އާއެކު އޯވަލް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވެވި ބައްދަލު ކުރެއްވުމެއްގައެވެ.
ރައީސް ޓްރަމްޕްގެ މި އެދިވަޑައިގަތުމާގުޅޭގޮތުން ރައީސް ޕޫޓިން ވިދާޅުވެފައިވަނީ ޔޫކްރެއިން ސިފައިން ހަތިޔާރު ބެހެއްޓުމަށްފަހު އަމާން ދީފިނަމަ ރައީސް ޓްރަމްޕްގެ އެދިވަޑައިގަތުމާއެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ. އަދި ބައިނަލް އަގްވާމީ ގާނޫނުތަކާއި ރަޝަން ފެޑެރޭޝަންގެ ގާނޫނުތަކާ ޚިލާފަށް އެމީހުންނާ ދޭތެރޭ އެއްވެސް އަމަލެއް ނުހިންގަވާނެ ކަމަށެވެ. އަދި އެއިން އެއްވެސް މީހެއްގެ ފުރާނައަށް ގާނޫނީ އިމުގެތެރެއިން މެނުވީ އެއްވެސް ގެއްލުމެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ރައީސް ޓްރަމްޕްގެ ޚާއްސަ އެންވޯއި ސްޓީވް ވިޓްކޯފް އާއެކު ބޭއްވި ބައްދަލުވުންތަކުގައި ރައީސް ޕޫޓިން ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓުމުގެ ވާހަކަތައް ފެށުމުގެ ކުރިން ޔޫކްރެއިންގެ ހުރިހާ ސިފައިން އެ ސަރަހައްދުން ފައިބަން ޖެހޭނެކަމަށެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތް ކުރެވެމުންދާއިރު ޔޫކްރެއިން ސިފައިން ކާރސްކް ޖަޒީރާއިން ނިކުމެވޭނެގޮތެއް ނެތިފައިތިބި ކަމަށް ރައީސް ޕޫޓިން ވިދާޅުވުމަށް ރައްދު ދެއްވައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވަނީ ޔޫކްރެއިން ސިފައިން ތިބީ ހިސާރުކުރެވިފައި ނޫންކަމަށާއި އަދި ރައީސް ޕޫޓިން އިތުރުފުޅު ހައްދަވަނީ ކަމަށެވެ. އަދި ރައީސް ޕޫޓިން އަކީ މޮޔައެއް ކަމަށާއި ކުރައްވާ ކޮންމެ ކަމަކާއި ދައްކަވާ ކޮންމެ ވާހަކައަކީ މޮޔައިންގެ ފަލްސަފާއަށް ބިނާކޮށް ކުރައްވާ ކަންތައް ކަމަށެވެ. ކާރސްކް ޖަޒީރާގައި ތިބި ޔޫކްރެއިން ސިފައިން މިހާރު ތިބީ ދިފާއީ ރޮނގުތަކުގައި ވަރުގަދައަށް ސާބިތު ވެގެންނެވެ. އެހެންނަމަވެސް މިދިޔަ ބުދަދުވަހު ފެނިގެންދިޔައީ ޔޫކްރެއިން ސިފައިންނަށް ލިބުނު ފުރުސަތުގައި އަވަސް އަވަހަށް ސުޑްޒާއިން ނިކުމެ 2 ގައުމުގުޅޭ ބޯޑަރގުޅޭ ސަރަހައްދަށް ދެމިގަތް މަންޒަރެވެ. މިހާރު ސުޑްޒާގައި ހުރީ ރަޝިޔާގެ ދިދަ ނަގާފައެވެ.