ވަރަށް ގިނަ ރޭރޭ 11.45 ގައި އޮންނަ އެންމެފަހު ބަހަށް އެންމެ ފަހުން އަރާ އެކަކަށް އަހަރެން ވެއެވެ. ހޮސްޕިޓަލްގެ ޑިއުޓީ ނިންމާލުމަށްފަހު ގެޔަށް ދިއުމަށެވެ. ވެފަ ހުންނަ ވަރުބައްޔާއެކުވެސް ދުވެފަ ކަހަލަ ގޮތަކަށް ގޮސް ބަހަށް އަރާ ހަމަޖެހިލުމުން އަރާމުގަ އިނދެލާނެ ވަގުތު ކޮޅެއް ލިބެއެވެ.
އަހަރެން ބަހަށް އަރާއިރު ކޮންމެ ރެޔަކުވެސް ވަރަށް ބުރަސޫރަ ރީތި،އިސްކޮޅުން ދިގު،ރީތިހަށިގަނޑެއްގެވެރި ފިރިހެނަކު ބަހުގެ ފަހަތު ކޮޅުގެ ގޮޑިއެއްގައި ފޮތެއް ކިޔަން އިންދާ އަހަރެން ދެކެމެވެ. އޭނަވެސް އަހަރެން ފަދައިން އަންނަނީ ހޮސްޕިޓަލެއްގައި ޑިއުޓީ އަދާކޮށްފައެވެ. އޭނަވެސް އަހަރެން ފަދައިން އެންމެ ފަހުބަހަށް ގަވާއިދުން އަރާކަން އަހަރެންނަށް ފާހަގަ ކުރެވެއެވެ.
ވަރަށް ވިއްސާރަ ރެއެކެވެ. ބަސް ހުއްޓަންވާއިރަށް ދެމީހުންވެސް ބަހުން ފައިބަން ދަނިކޮށް ބަހަށް އެރި ލޮޅުމަކުން އަހަރެންނަށް ހުރެވުނީ އޭނާގެ ދެއަތުގެ ތެރޭގައެވެ.އެވަގުތު ވަރަށް ރީތިކޮން އަހަރެންނާދިމާލަށް ހީލުމަށްފަހުއޭނާ ބުނެލިއެވެ. ”ދެމީހުން ބައްދަލްވެ ވާހަކަ ދައްކާލުމަށް ބަސްވެސް ބޭނުންވީހެން ހީވެއެވެ.“ އަހަރެން ވަރަށް ލަދު ގަތެވެ.އަދި އެގޮތަށް އޭނާގެ ގައިގަ ބީހެން ދިމާ ވުމުން މައާފަށް އެދުނީމެވެ. އޭނަގެ ރީތި ހިނިތުންވުން އިތުރަށް ފެނިގެން ދިޔައެވެ. އަދި ބުންޏެވެ. ”އަހަރެން މިހުންނަނީ މިފަދަ ފުރުސަތަކަށް އެދިއެދިއެވެ. ވާހަކަ ދައްކާލާނެ ފުރުސަތަކަށެވެ.“
އެރޭގެ ފަހުން ދެމީހުން ދިމާވާ ކޮންމެ ފަހަރަކު ވަރަށް ގިނަ ވާހަކަ ދައްކަމެވެ.އެކިއެކި ވާހަކައެވެ.އޭނާގެ ނަމަކީ އަހުމަދު ކަން އިގުނެވެ. ދެމީހުން ޝައުގުވެރިވާ ކަންތަކާ އަދި ކުރިޔަށް އުންމީދުކުރާ ކަންތަކުގެ ވާހަކަ ދައްކަމެވެ.މަސައްކަތުގެ ވާހަކައެވެ. އެތައް ހަފްތާއެއްވަންދެން ބަސް ވެގެން ދިޔައީ އަހަރުމެން ދެމީހުން ގަވާއިދުން ބައްދަލްކުރާ ޚާއްސަ މަންޒިލަކަށެވެ.ކޮންމެ ދަތުރަކީވެސް ދެމީހުން އެދަތުރަކަށް އިންތިޒާރުކުރާ، އެކަކު އަނެކަކާބެހޭގޮތުން އިތުރު އެތައް ކަންތައްކަކެއް އެގިގެންދާ ދަތުރަކަށް އޮތީވެފައެވެ.
މިގޮތުގައި ދުވަސްތައް ކުރިޔަށް ދަމުންގޮސް އެއްރޭ އަހަރެން ބަހަށް އެރިއިރު އަހުމަދު ފެންނާކަށް ނެތެވެ.އޭގެ ފަހުން އެތައް ހަފްތާއެއްވީއިރުވެސް އޭނަބަހަކަށް ނާރައެވެ.މިކަމުން އަހަރެންގެ ހިތަށް ނޭނގޭ ގޮތްތަކެއް ވާން ފެށިއެވެ. ވަރަށް ބޮޑަށް ދެރަވެ މާޔޫސް ވިއެވެ.އަދި ހިތުގައި އާވަމުން އައި އުންމީދުގެ ހުޅުކޮޅު ނިވުނު ކަހަލައެވެ.
އަހަރެން މޮޅިވެރިކަމުގައި ހުންނަތާ ދުވަސްކޮޅެއް ފަހުން އަހަރެންނަށް އެޑްރެސް ކޮށްފައިވާ ކުރު ސިޓީއެއް އަހަރެން އުޅޭ ހޮސްޕިޓަލް އަށް ލިބުނެވެ. އޭގައި ވެއެވެ. ”ހުރިހާ މައުލޫމާތެއް ހޯދިއިރުވެސް ފޯނު ނަމްބަރު އަހާލަން އަހަރެން ހަނދާން ނެތުނީއެވެ.ދެމީހުންގެ ވާހަކަ ފެށުނު ތަނުން އަހަރެންނާ ބައްދަލް ކުރާށެވެ.“
އެރޭ އަހަރެންނަށް ރަގަޅަށް މަސައްކަތަށް ވެސް ސަމާލުކަން ނުދެވެޔޭ ބުނެވިދާނެއެވެ. ހުރެވުނީ ޑިއުޓީ ނިމޭ ގަޑިއަށް އިންތިޒާރު ކޮށްކޮށެވެ. ހިތް ބާރަށް ތެޅިތެޅި ވާހާލުގައި އަހަރެން ދުވެފަ 11.45 ގެ ބަހާ ދިމާކުރުމަށް ދިޔައީމެވެ.ބަސް ސްޓޮޕްގައި ވަރަށް ރީތިކޮން ހިނިއައިސްފައި އަހަރެން އަންނަތަން ބަލަހައްޓައިގެން އޭނާ ހުއްޓެވެ. އަތުގައި ދެޓިކެޓް އޮތެވެ. އަހަރެން އަރާ ހަމަ ވުމުން ބުނެލިއެވެ.“އަހަރެން އައިޝާ އާއިއެކު ބޭނުމީ ހަމައެކަނި ބަސް ދަތުރު ކުރާކަށް ނޫނެވެ.އަހަރެން ބެނުންވަނީ ދެމީހުން އެކުގައި ހޭދަކުރާ ހަޔާތެކެވެ.މިކަމަށް ގަބޫލު ހެއްޔެވެ؟“ އެވަގުތު އުފަލުންގޮސް އަހަރެންނަށް ނަށައިގަނެވުނެވެ.މަގުމަތީގަ ނޫންނަމަ އަނެއްކާވެސް ގޮސް ހުރެވޭނީ އޭނާގެ ދެއަތުގެ ތެރޭގަ ކަންވެސް ނޭގެއެވެ.
އެހާ ހަމައިން އަހަރެންނާއި އަހުމަދުގެ ލޯބީގެ ހަޔާތް ފެށުނީއެވެ. ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ.އަދި ދާދި އަވަހަށް ދެމީހުން ކައިވެނިކޮށް އުފާވެރި ޒަވާޖީ ހަޔާތެއް ވެސް ފަށައިފީމެވެ.