އަހަރެންގެ ދަރިފުޅު އަހުމަދު އަލަށް ހުޅުވި ރެސްޓޯރަންޓަށް ކުރިން ނުބުނެ އަހަރެން އެދުވަހު ދިޔައީ ހަމަ އެކަނި ދަރިފުޅަށް ސަޕްރައިޒް އަކަށެވެ. ގޮސް ސައިތައްޓަކަށް އޯޑަރު ދީފައި މުޅި ހުރިހާތަނެއްފެންނަ މޭޒެއްކައިރީ އިށީނީމެވެ. އަހުމަދު އަންނަން ދެނެވެ.
ކުއްލިއަކަށް ޒުވާން އަންހެނަކު އައިސް ވަރަށް ހަރުކަށިކޮށް އަހަރެންނާ ދިމާލަށް ބުންޏެވެ.ތިޔަތަނުން ހަމަމިހާރު ތެދުވާށެވެ.ތިޔަމޭޒަކީ މަށާ މަގޭ ލޯބިވެރިޔާ އަށް ހުރި މޭޒެވެ. މިހެން ބުނުމަށްފަހު އަހަރެން ލައިގެން ހުރި ހެދުމަށްވެސް އޭނާ މަލާމަތް ކޮށް ހެދިއެވެ. ލައިގެން ހުރި ހެދުންވެސް ނިކަން ބަލާބަލާށެވެ. މިއީ ތިޔަޒާތު ފަގީރުންނާ އެކަށީގެންވާ ތަނެއް ނޫނޭ ބުނެ މަލާމަތް ކުރިއެވެ.
އަހަރެންވެސް ރިޒާވް ބޯޑެއް އެއްޗެއް ނެތީމަ ނޭގުނީ ކަމަށް ބުނަމުން މަޑުމަޑުން ތެދުވެގެން އެތަނުން ނިކުމެއްޖައިމެވެ.
ގެޔަށް ދާންބަހުގަ އިން އިރު އަހަރެންގެ ހިތަށް ވަރަށް ފުން އަސަރު ތަކެއް ކުރަމުން ދިޔައެވެ.އެއީ ހާދަ ގޯސް އަންހެނެކެވެ. އެކަހަލަ މީހުން އިންނަ މީހުންވެސް ބަރުބާދު ކޮށްލާނެއެވެ. މިހާތަނަށް އެއްވެސް މީހަކު އަހަރެންނާ އެފަދަ ހަރުކަށިކޮށް މުޚާތަބް ކޮށްފައެއް ނުވެއެވެ.
އަނެއް ދުވަހު އަހަރެންގެ ދަރިފުޅާ އޭނާގެ ލޯބިވެރިޔާ،އަހަރެންގެ ގެޔަށް މެންދުރުގެ ކެއުމަކަށް އައުމަށް ދައުވަތު ދިނީމެވެ.އަހަރެންގެ ދަރިފުޅަށްޓަކާ ގޭތެރެ ވަރަށް ރީތި ކޮށްލުމަށްފަހު އެހާފުރިހަމަ ކެއުމެއް އަހަރެން ތައްޔާރު ކުރީމެވެ. އިރުކޮޅަކުން ދަރިފުޅާ އޭނާގެ ލޯބިވެރިޔާ އަތުވެއްޖެއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.ދަރިފުޅު ކައިރީގަ ހުރީ އެއްކަލަ އަންހެން ކުއްޖާއެވެ.
އެންމެ ހެއްވާ ކަމަކީ އޭނަ އަހަރެންމީ ކުރިން ދިމާވެފަ ހުރި މީހަށްވެސް ނުހެދި ކަމެވެ. މޫނުމަތިން ދެރަވުމެއްވެސް ލަދުވެތިކަމެއްވެސް ނުފެނުނެވެ. އަހަރެންވެސް ނޭގޭކަމަށް ހަދާފަ އެދެމީހުން އެތެރެޔަށް ވައްދައިފީމެވެ.
ކާންފެށުމާއެކު އަހުމަދު ބުންޏެވެ.މިއަދު މިގެޔަށް މިއައީ ވާހަކައެއްވެސް ދައްކާލަން ވެގެންނެވެ. ސާރާ ވެސް ބޭނުންވަނީ އަމިއްލަ ކެފޭއެއް ހުޅުވާށެވެ.އެހެންވީމަ އެކަމަށް ބޭނުންވާ ފައިސާ މަންމަ އަތުން ލިބިދާނެ ހެއްޔެވެ.
އެވަގުތު ސާރާ ފާހާނާޔަކަށް ކަމަށް ބުނެ އެތަނުން ތެދުވެގެން ދިޔައެވެ.އަހަރެން އަވަސް އަވަހަށް ދަރިފުޅު ކައިރީ ބުނީމެވެ.ސާރާއަކީ ރަގަޅު އަންހެނެއް ނޫނެވެ.ދަރިފުޅު އޭނާޔާ ގުޅޭކަށް މަންމަ ގަބޫލެއް ނޫނެވެ. އިއްޔެ އޭނާ މަންމަޔަށްވެސް ވަރަށް ގަދަރުކުޑަކޮށް ވަނީ ހިތާފައެވެ. ރަގަޅު މީހެއްނަމަ ނުވެސް ދަންނަ ނުވެސް ދެކޭ މީހަކަށް އެހާ ހަރުކަށިކޮށް މުހާތަބް ނުކުރާނެއެވެ. އޭނާ ގެ މައްޗަށް ދަރިފުޅު އެއްވެސް ޚަރަދެއް ކުރާކަށް މަންމަ ގަބޫލެއްނޫނެވެ.
އަހަރެންގެ މިވާހަކަ އަހުމަދު އޭރު ގަބޫލެއް ނުކުރިއެވެ. އަދި އެވަގުތު ސާރާ އައުމުން ދަރިފުޅު ބުންޏެވެ.މަންމަ ފައިސާދޭން އެއްބަހެއް ނުވިއެވެ. މިހެންބުނުމުން ސާރާ ބުންޏެވެ.އަހަރެން ފެމިލީއަށް ވައްދަން މަންމަ ގަބޫލު ނޫންނަމަ އަހަރުންގެ ގުޅުން މިހާހަމައިން ނިމުނީއެވެ.މިހެންބުނެ ތެދުވެގެން ދާން ފެށުމުން ދަރިފުޅުވެސް އޭނާޔަށް ގޮވަމުން އޮޅު ބުޅަލެއްހެން ފަހަތުން ހިނގައްޖެއެވެ. ތައްޔާރުކުރި ކެއުންވެސް އަތްނުލާ ހުރިގޮތަށް ހުރީއެވެ.
ދިމާވި ހާދިސާއަށްފަހު ދަރިފުޅު އަހަރެންނާ ވާހަކަ ނުދައްކާ ކުޑަދުވަސް ކޮޅަކު ހުރުމަށްފަހު އެއްދުވަހަކު އައީ ދައުވަތެކެވެ.ސާރާގެ ކެފޭ ހުޅުވާ ތަނަށް ދިއުމަށެވެ.ދަރިފުޅު ބޭނުންވީ ހުރިހާކަމެއްވެސް ރަގަޅުކަން ދެއްކުމަށެވެ.
މިފަހަރު އަހަރެން ދިޔައީ ތައްޔާރު ވެގެންނެވެ.ރީތިކޮން ނަލަހެދި ތައްޔާރު ވެގެން ދަބަހަށް ރެކޯޑަރެއްވެސް ލައިގެންނެވެ. އަހަރެން ފެނުމުން އަހުމަދު ވަރަށް އުފަލުން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ.އަދި މެހްމާނުންނަށް ވެސް ތައާރަފް ކޮށް ދިނެވެ.
ކެފޭ ރަސްމީކޮން ހުޅުވާ، މެހްމާނުން ހަމަޖެހިލުމުން އަހަރެން ސާރާޔަށް އިޝާރާތް ކޮށްލީމެވެ. އެކަހެރިކޮށް ދެމީހުން ވާހަކަ ދައްކާލަން ބޭނުން ކަމަށް ބުނެއެވެ. ސާރާ ގޮވައިގެން އަހަރެން ދިޔައީ ކެފޭގެ ފަހަތު ދޮރު ކައިރިޔަށެވެ.އެތަނަށް ގޮސް މޭޒެއްގައި އިށީނުމަށްފަހު އަހަރެން އެހީމެވެ.ކެފޭހުޅުވަން އަހުމަދު ދިން ފައިސާ ބޭނުން ކުރަން ގަސްތު ކުރަނީ ކޮން ގޮތަކަށް ހެއްޔެވެ.މިހެން އެހުމުން ސާރާ ބުންޏެވެ. އެފައިސާ ބޭނުން ކުރާނީ ކެފޭގެ ގެ ބައެއް ކަންކަމަށާ ގިނައިން އަހަރެންގެ އަމިއްލަ ކަންކަމަށެވެ. އެފައިސާ ތަޅާ ބުރުވާލާނީއެވެ.ހުސްވީމަ އަނެއްކާވެސް އަހުމަދު ފައިސާދޭނެއެވެ. އަސްލު ބުނަން ހެއްޔެވެ.އަހަރެންނަށް އަހުމަދު މުހިންމީ ހަމައެކަނި ފައިސާދޭތީއެވެ. އަހަރެން އޭނާދެކެ ލޯތްބެއް ނުވެއެވެ. ލޯބި އެއީ ސަޅިކަމެކެވެ.އެކަމަކު މާލީ ގޮތުން ފުދުން ތެރިވުން އަދި މާސަޅިއެވެ. އަހުމަދު އަހަރެން ދެކެވާލޯބިން އަހުމަދުގެ މަންމަޔަށް އަހަރެން އެއްޗެތި ކީކަން އެނގުނީމަވެސް އެކަމާ އަޅާވެސް ނުލިނޫންހެއްޔެވެ. އަހުމަދަކީ ފައްކާ މޮޔައެކެވެ. އަހަރެން އޭނަބޭނުން ކޮށްލާފަ ދޫކޮށްލާނަމެވެ.މިކަން ހުއްޓުވަން ކަލޭ މަސައްކަތް ކުރަން ނޫޅެއްޗެވެ.
މިހާހަމަޔަށް ވާހަކަ ދިއުމުން އަހަރެން ބުނީމެވެ.އަވަހަށް އެތެރެޔަށް ދަމާ ހިނގާށެވެ.މިހާރު އަހަރުމެން ހޯދާނެއެވެ. ނަމަވެސް އަހަރުން އެތެރެޔަށް ވަދެބަލާލިއިރު ކުއްލިއަކަށް މެހްމާނުން ނިކުމެގެން ދަނީއެވެ.ވީކީއްތޯ ސާރާ ސުވާލުކުރުމުން އެކަކުވެސް ޖަވާބެއް ނުދިނެވެ.
އަސްލު ވީގޮތަކީ އަހަރެން ހަމަޖެއްސި ގޮތަށް އަހަރެންގެނައި ރިކޯޑަރު ސްޕީކަރާ ގުޅާ ސާރާ ދެއްކި ހުރިހާ ވާހަކަތަކެއް މުޅިކެފޭ ތެރެޔަށް އިވުނީއެވެ.އެކަން އަހަރެން ކުރީ ކެފޭގެ ހެޑް ވެއިޓަރުގެ ގޮތުގައި އަހުމަދު ގެނެސްފަ ހުރި އަހަރުމެންގެ އާއިލާގެ ގާތް މީހެއްގެ އެހީގައެވެ.
ސްޕީކަރުން ސާރާގެ ނުރަގަޅު ވާހަކަތައް އިވެން ފެށުމުން އެންމެން އެކަކު އަނެކަކުގެ މޫނަށް ބަލާފަ އަވަސް އަވަހަށް ތެދުވެގެން ދާން ފެށިއެވެ.
އަހަރުންނަށް ވަދެވުނު އިރު އަހުމަދުވެސް އިނީ ބޮލުގަ ދެއަތުން ހިފަހައްޓާލައިގެންނެވެ.އަދި ސާރާ ފެނުމުން ސުވާލު ކުރިއެވެ.މިއިވުނީ ކޮން އަޑެއް ހެއްޔެވެ.ސާރާ އާގަނެގަނެފައި ވާހަކައިން ހަމަޖެއްސޭތޯ އުޅުނެވެ.ނަމަވެސް އަހުމަދު އެއަޑުތަކެއް ނޭހިއެވެ.ހަމަމިހާރު މިތަނުން ނިކުމެގެން ދާށޭ ބުންޏެވެ. ސާރާ ނިކުމެގެން ދިއުމުން އަހުމަދު ބުންޏެވެ.މަންމަ އަހަރެންނަށް މައާފް ކުރާށެވެ.މަންމަ ބުނި ބަސް އެންމެ ފުރަތަމަވެސް އަހަރެންނަށް އަޑުއެހުނު ނަމަ މިހެން ނުވީހެވެ.
ފަހުން އިގުނު ގޮތުގައި ސާރާޔަށް ދޭން އަހުމަދު ނެގި ލޯން ގަވެސް ސާރާ ނުހިފިއެވެ.އެދައްކަން ޖެހުނީ އަހުމަދަށެވެ. އެކަމާހެދި އޭނަގެ އަމިއްލަ ވިޔަފާރިވެސް ވަނީ ހުއްޓުން އަރާފައެވެ.
ލިބޭ އަންބެއްގެ ގޮތުން ހަޔާތް އާބާދުވާ ފަދައިން ބަރުބާދުވެސް ވެއެވެ.