ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ހިންގަމުން އަންނަ ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ހެންވޭރު ގެއެއް ބަލައި ފާސްކުރުމަށްފަހު އެކަކު ހައްޔަރުކޮށްފައި ވާއިރު ޖުމްހޫރީ މައިދާނު ކައިރިން ޕިކަޕެއް ދުއްވާފައި ދިޔަ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަންގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހުންނާއި ގުޅުން ހުރި ތަންތަން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މި އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން، މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު، ހާމަކުރެވެން އޮތް މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.