ކުޑަފިރިހެން ކުއްޖަކު އެއްދުވަހަކު އޭނާގެ ކުޑަ އަންހެން ކޮއްކޮ ގޮވައިގެން ހިނގާލަން ދިޔައެވެ.ތަންގަނޑަކަށް ގޮއްސަ ބަލާލިއިރު ކޮއްކޮ ކައިރީގައި ނެތްކަން އޭނާޔަށް އިހުސާސްވިއެވެ.
އެނބުރި ބަލާލިއިރު އޭނާއަށް ފެނުނީ ކޮއްކޮ ކުޅޭއެއްޗެތި ވިއްކާ ފިހާރައެއްގެ ކުޑަދޮރު ކައިރީ ހުއްޓިގެން ހުއްޓައެވެ.އޭނާ އެނބުރިގޮސް ބަލާލުމުން އޭނާޔަށް ފެނުނީ ފިހާރައިގެ ޑިސްޕްލޭގައިވާ ވަރަށް ރީތި ބުދަކަށް ބަލަހައްޓައިގެން ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ކޮއްކޮ ހުއްޓައެވެ.
އޭނާގޮސް ކޮއްކޮގެ އަތުގައި ހިފާލުމަށްފަހު ބުންޏެވެ.ކޮއްކޮ އެބުދު ބޭނުންވީހެއްޔެވެ. ކޮއްކޮ ވަރަށް އުފަލުން ބޯޖަހާލުމުން އެކުއްޖާ ވަގުތުން ޑިސްޕްލޭއިން ބުދުނަގައިގެން ފިހާރަތެރެޔަށް ވަނެވެ.އަދި ގޮސް ކައުންޓަރު މަތީގައި ބުދު ބޭއްދުމަށްފަހު ހިނިއައިސްފައި ހުރެ މިބުދުގެ އަގަކީ ކިހާވަރެއްތޯ ސޭޓު ކުރެން ސުވާލު ކުރިއެވެ.
ފިހާރައިގެ ސޭޓަކަށް ހުރީ މެދު އުމުރުގެ، ވަރަށް ވިސްނޭ އޯގާތެރި މީހެކެވެ.ދެކުދިން ފިހާރަކައިރިޔަށް އައި ވަގުތުން ފެށިގެން އޭނާހުރީ ދެކުދިންގެ ހަރަކާތްތަކަށް ގާތުން ބަލާށެވެ. އެހެން ކަމުން އޭނާވެސް ކުރީ ސުވާލެކެވެ. ކޮއްކޮ އަތުގަ އޮތީ ކިހާވަރެއްހެއްޔެވެ. މިހެން ބުނުމުން އެކުއްޖާ ޖީބަށް އަތްބާނާފައި ވަރަށް ރީތި ބޮލިތަކެއް ނަގާ މޭޒުމަތީ ބެހެއްޓުމަށްފަހު ބުންޏެވެ. މިއަށް އަގު ހަމަވާނެ ހެއްޔެވެ.
ފިހާރައިގެ ސޭޓު ބޮލިތައް އަތަށް ނެގުމަށްފަހު ވަރަށް ފަރުވާތެރި ކަމާއެކު ބޮލިތައް ޗެކް ކޮށްލިއެވެ.އަގުބޮޑު ފައިސާފޮތި ތަކެއް ޗެކް ކުރާ ފަދައިންނެވެ.ދެން ބޮލިތައްގުނާލުމަށްފަހު ސޭޓު ބުންޏެވެ.މިހުރިހާ ބޮލިތައް ވިއްކާލަން ބޭނުންހެއްޔެވެ. ކުއްޖާ ވަރަށް ކަންތައް ބޮޑުވެގެން އެހިއެވެ. އަގުހަމަ ނުވަނީ ހެއްޔެވެ. ސޭޓު ފާޑަކަށް ހީނލާފައި ބުންޏެވެ. ނޫނެކެވެ.އަގު ހަމަވެފައި އިތުރު ވެސް ވެއެވެ. މިހެންބުނުމަށް ފަހު ހަތަރު ބޮލިނަގާފަ ބާކީ ބޮލިތައް ކުއްޖާއަތަށް ދިނުމުން އަވަސް އަވަހަށް ޖީބަށް ލިއެވެ.އެވަގުތު ސޭޓު ބުދުނަގާ ކުޑައަންހެން ކުއްޖާ އަތަށް ދިނެވެ.އަންހެންކުއްޖާ އެވަގުތު އުފަލުން ނަށައިގެންފައި ބުދުގައި ބާރަށް ބައްދާލިއެވެ. ދެކުދިންގެވެސް މޫނުމަތިން ފެނުނު އުފާވެރިކަމުން މުޅި ފިހާރަ ތެރެވެސް ދިއްލުނު ކަހަލައެވެ.
ދެކުދިން އަތުގުޅާލައިގެން އުފަލުން ނަށަމުން ފިހާރައިން ނިކުމެގެން ދިއުމުން މެނޭޖަރުގެ އެސިސްޓަންޓް ހުރެފަ ބުންޏެވެ. އެހާ އަގުބޮޑު ބުދެއް މަދު ބޮލިކޮޅަކަށް ތިޔަދޫކޮށްލެއްވީ ކީއްވެގެން ތޯއެވެ.މީގެ ޖަވާބުގައި ފިހާރައިގެ ވެރިމީހާ ބުންޏެވެ.ކަލެއަށާ މަށަށް އެބޮލިތަކަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ވީނަމަވެސް އެކުޑަ ފިރިހެން ކުއްޖާއަށް އެއީ އޭނާއަތުގައި ހުރި ހުރިހާ އެއްޗެކެވެ.އަގުބޮޑުކޮން ވިއްކޭނެ ކަމަށް އުންމީދު ކޮށްގެން ހުރި ތަކެއްޗެވެ. އޭނާ ބޮޑުވެ ފައިސާގެ އަގު ވިސްނޭދުވަހު އޭނަޔަށް އެނގޭނެއެވެ.މިދުވަސް މަތިން ހަނދާން ވާނެއެވެ. އޭނާ ގެންގުޅުނު ބޮލިކޮޅަކަށް ކޮއްކޮޔަށް ބޭނުންވި އެއްޗެއް ގަނެދެވުނީ މީހަކު އޭނާޔަށް ހެޔޮކޮން ހިތުމުންކަން އޭނާއަށް ވިސްނޭނެއެވެ.އެކުއްޖާ މިދުވަސް މަތިން ހަނދާންވާ ދުވަހު އޭނާޔަށް ވާނީ މުހިންމު ފިލާވަޅެއްވެސް ދަސްވެފައެވެ.އެފިލާވަޅަކީ ބުދެއްގެ އަގަށްވާ ފައިސާޔަށް ވުރެ އަގުބޮޑު ފިލާވަޅެކެވެ.އެފިލާވަޅަކީ ކުޑަކުދިންނަށް އޯގާތެރިކޮން ހިތުމެވެ. ކުދިންގެ ސިކުޑިން ބައެއް ކަންކަން ވިސްނުމެވެ.އަދި ލޯބިވާ މީހަކަށް ކަމެއް ކޮށްދެވުމުން އެލިބޭ އުފަލެވެ.