ފިރިހެނަކު އެއްދުވަހަކު އޮފީހުން ގެޔަށް އައިއިރު އެމީހުންގެ ކުޑަ ތިންކުދިން ތިބީ ނިދަންލީ ހެދުމާއެކު ގޯތިތެރޭ ވެލިގަނޑުމަތީގައި ކުޅޭށެވެ.ކުދިންގެ ވަށައިގެން އެކި ކާއެއްޗެތި އެޅި ހުސްފޮށިތަކާ މެޓާ ޗޮކްލެޓް ފަދަ އެއްޗެތީގެ ކަރުދާސްތައް ހުއްޓެވެ. ގޯތިތެރެ ފުރާވަނީ ކުންޏެވެ. ގަރާޖަށް ބަލާލިއިރު އޭނާގެ އަންހެނުންގެ ކާރު އޮތެވެ.ނަމަވެސް ކާރުގެ ދޮރު ވަނީ ހުޅުވި ގޮތަށް ދޫކޮށްލާފައެވެ.
ފިރިހެންމީހާ ކަންބޮޑުވެގެން ވަށާ ބަލާލިއިރު ގޭގެ މައިދޮރުވެސް ހުރީ ހުޅުވާފައެވެ.އެމީހުން ގެންގުޅޭ ބުޅާ ފެންނަ ހިސާބަކު ނެތެވެ.
އޭނާ ދުވެފަ ގޭތެރެޔަށް ވަންއިތު ގޭތެރޭގެ ހާލަތު އަދި ވަކިން ގޯހެވެ.މޭޒުމަތީ ބަހައްޓާކަހަލަ ލޭމްޕެއް ވެއްޓި ތެޅިފައި އޮތް އިރު ސިޓިންރޫމްގައި އަޅާފައިވާ ރަގްތައްވެސް ހުރީ ފުންނަކަށެވެ. ކާޓޫނު ޗެނެލް އަކަށް އަޅުވާފަ ޓީވީ އަޑުގަދަކޮށް ހުޅުވާފަ ހުރިއިރު މުޅި ސިޓިންގ ރޫމް ތެރޭގައިވަނީ ކުދިންގެ ކުޅޭ އެއްޗިއްސާ އަދި ބައެއް އަންނައުނު މަސްހުނިކޮށް އެތަންމިތަނަށް އުކާފަ ކަހަލައެވެ.
ދެންގޮސް ވަނީ ބަދިގެ ތެރެއަށެވެ.އެތަނުގެ ހާލަތު އަދި ވަކިން ގޯހެވެ.ސިންކު ފުރެންދެން ހުރީ ހަޑިވެފައިވާ ތަށިތަކާ ތެލި ފަދަ ތަކެއްޗެވެ.ހެދުނުގެ ނާސްތާއަށް ކުދިން ބޭނުން ކުރި ކާއެއްޗެތި އެތަން މިތަނަށް އަޅާފަ ހުއްޓެވެ.އައިސްއަލަމާރީގެ ދޮރުވެސް ވަނީ ހުޅުވި ގޮތަށް ލައްޕަން ހަނދާން ނެތިފައެވެ.މޭޒު ދަށަށް ތައްޓެއް ތެޅިފައި ވާއިރު ސިޓިންގރޫމް ތެރޭ ބައެއްތަންތާ، ގޯތިތެރޭންގެނެސް ކުދިކުދި ވެލިފުނިވެސް ޖަހާފައި ހުއްޓެވެ.
އަންހެނުންނަށް ކަމެއްވީ ކަމަށް ހީކޮށް އޭނާ ހޯދުމަށް ފިރިހެންމީހާ ދުވެފަ މަތީ ފްލޯއަށް އެރިއެވެ.ސިޑިމަތީގައިވެސް ވަނީ ކުޅޭ އެއްޗިއްސާއި އަންނައުނެވެ.ފާހާނާތެރޭންވެސް އިސްކުރެއް ދޫކޮށްފައި ހުރި އަޑުއިވުނެވެ.އެތެރެޔަށް ވަންއިރު ބައެއް ތުވާލިވެސް ވަނީ ތެންމާފަ ތަޅުންގަނޑުމަތީގައެވެ.އޭއާއެކު ސައިބޯނި ބުރީގެ އިތުރުން ބައެއް ކުޅޭ ސާމާނުވެސް ފާހާނާ ތަޅުންގަނޑުމަތީގައި ހުއްޓެވެ.ދަތްއުގުޅާ ބޭސްފުޅި ފިތާ އެތަން މިތަނަށް އަޅާފައިވާއިރު ޓޮއިލެޓް ޕޭޕަރރޯލްވެސް ވަނީ ނިއުޅުވާ މުޅިތަނަށް އަޅާފައެވެ.
އޭނާ އަވަސް އަވަހަށް ނިދާކޮޓަރިޔަށް ވަންއިރު އޭނާގެ އަންހެނުން ނިދަންލީ ހެދުމާއި އެކު އެނދުގަ ރީތިކޮށް ހަމަޖެހިލައިގެން ވާހަކަފޮތެއް ކިޔަން އޮތެވެ. ފިރިމީހާ ކޮޓަރިޔަށް ވަނުމުން ހީލާފައި އޮފީހުގެ ކަންތައްތައް ދިޔައީ ކިހިނެއްތޯ އެހިއެވެ.ފިރިހެން މީހާ ހައިރާންވެގެން އެހިއެވެ.މިގޭތެރެޔަށް މިއަދު މިއޮތީ ކިހިނެއް ވެފައި ހެއްޔެވެ. އަންހެންމީހާ ކުޑަކޮށްވެސް ފަހަތަށް ޖެހިނުލާ ބުންޏެވެ.ކޮންމެ ދުވަހަކު އޮފީހުން އައިސް އަހަރެން ދުވާލުދާ ހަތަރުދަމު ކުރީ ކީއްތޯ ސުވާލު ކުރަމުނޫންހެއްޔެވެ.ފިރިހެން މީހާ އާއެކޭ ބުނުމުން އަންހެން މީހާ ބުންޏެވެ. ތިޔަފެންނަނީ އެހެން ދުވަސް ދުވަހު އަހަރެން ކުރާ ކަންތައްތައް މިއަދު ނުކުރީމަ ގޭތެރެގޮސްފައިވާ ހާލަތެވެ.