ހަޤީޤީ މާފޮޅޭނީ މޫސުން ބަދަލުވިޔަސް ގަސް ދޫކޮށްނުލާ އެޔަށް ޚިދުމަތް ކޮށްގެންނެވެ.

Loading

Facebook
Twitter
WhatsApp

ކޮންމެވެސް ރަށެއްގައި އުޅުނު ފިރިހެނަކަށް މުހިންމު ކަމެއްގައި ގޮތެއް ނިންމަން ދަތިވިއެވެ.އެކަމަކީ އޭނާ ހަޤީޤަތުގައި ލޯބިވަނީ އިނދެގެން އުޅޭ އަނބިމީހާ ދެކެތޯ ނުވަތަ ސިއްރު ލޯބިވެރިޔާ ދެކެތޯ، މިމައްސަލައެވެ. މިކަމުގައި ވިސްނާ ވިސްނާވެސް އޭނާއަށް ގޮތެއް ނިންމާކަށް ނޭގުނެވެ.އެންމެ ފަހުން ވިސްނޭ ހަރުފުރައިގެ މީހެއް ކައިރިޔަށް ގޮސް މިކަމުގައި އޭނާގެ ލަފަޔަކަށް އެދުނެވެ.


އުމުރުން ދުވަސްވީމީހާ އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު މާގަސް އިންދާޒާތުގެ ދެޕޮޓް ގެނެސް އޭނާގެ ކުރިމަތީގައި ބެހެއްޓިއެވެ.އެކަތީގައިވަނީ ވަރަށް ރީތިކޮން ފަރިވެ ފޮޅިފައިވާ ރަތް ފިނިފެންމަލެކެވެ. އަނެއް ޕޮޓްގައިވަނީ ކެކްޓަސް ކިޔާ ޒާތުގެ ކަށިގަހެކެވެ.
މިދެގަހުން އެއްގަސް އިޙްތިޔާރު ކުރުމަށް ބުނެފިނަމަ ނަގާނީ ކޮންގަހެއްތޯ އުމުރުން ދުވަސްވީމީހާ ސުވާލުކުރިއެވެ.
ފިރިހެންމީހާ ވިސްނާވެސް ލުމަކާނުލާ ފިނިފެންމާ ކަމުގައި ބުންޏެވެ.އެއީ ލޮލަށް ބަލާލަންރީތި،މަޑުމަޑުފިޔަތަކެއް ލާފައިވާ އަދި މީރު ވަހެއްވެސް ދުވާ މަލެއް ކަމަށް ބުނަމުންނެވެ.މުސްކުޅި މީހާ ބޯޖަހާލިއެވެ.އަދި ބުންޏެވެ.ކަލޭ ގޮތެއް ތިޔަ ނިންމީ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ.އަހަރެން ސުވާލެއް ކޮށްލާނަމެވެ. ފިނިފެންމާ މޯޅިވީމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ފިޔަކޮޅު ފައިބާ ވަސްކެނޑުމުން ދެންހަދާނީ ކިހިނެއް ހެއްޔެވެ؟
ފިރިހެންމީހާ އެއްޗެއް ނުބުނެ ހިމޭނުން އިނެވެ.އެވަގުތު މުސްކުޅިމީހާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.ކެކްޓަސް ބަލާލަން ރީތި ނޫން ނަމަވެސް ފެންލިބުނަސް ނުލިބުނަސް އަވިދިނަސް ނުދިނަސް އެޔަށް މާބޮޑު މޯޅި ކަމެއް ނާންނާނެއެވެ.ހެދޭގޮތަކަށް ހެދެމުން ހެދެމުން ދާނެއެވެ.އަދި އެޔަށް ރަގަޅަށް ފަރުވާ ދެވި އަޅާލައިފިނަމަ ކެކްޓަސް ގަހުގައިވެސް ވަރަށް ރީތި މީރުވަސް ދުވާ މަލެއް އަޅައެވެ.އެމާ އަވަހަކަށް މޯޅިއެއްނުވާނެއެވެ.
މުސްކުޅިޔާ އިތުރަށް ބުންޏެވެ. ކެކްޓަސް އަކީ ކަލޭގެ އަނބިމީހާ ކަމަށް ބަލާށެވެ.ކަލޭ ފަގީރު ހާލުގައި ވަނިކޮށް،ބަލި ހާލުގައި ވަނިކޮށް،އެހެން އެއްވެސް މީހަކު ކަލޭގެ އަތުގައި ނުހިފިވަގުތު އޭނާ ހުރީ ކަލޭގެ އަތުގައި ހިފައިގެންނެވެ.އޭނާ ކަލޭ ދެކެލޯބިވަނީ ކަލޭގެ ފައިސާވެރިކަމަކަށް ނުވަތަ ކާމިޔާބީ އަކަށް ބަލައިގެން ނޫނެވެ.ދަތިހާލުގަޔާއި އަދި ތިޔާގި ހާލަތުގައިވެސް އޭނާކަލޭދެކެލޯބިވާނެއެވެ.
މީގެ ބަދަލުގައި ކަލޭގެ ލޯބިވެރިޔާއަށް ކަލޭ ފެނުނީ ތަނަވަސްކަމާ އުފާވެރި މާހައުލެއްގެ ތެރޭންނެވެ.އޭނާއަށް ފެންނާނީ ފަސޭހަކަމާއިއެކު ކަންކަން ފުރިހަމަވަމުންދާތަނެވެ. ބޭނުން ކަމެއް ބޭނުންވަގުތަކު ވާތަނެވެ.މިތަނަވަސް ކަން ނެތިއްޖެނަމަ އޭނާކަލޭކައިރިޔަކު ނުހުންނާނެއެވެ.އެހެން ކޮންމެވެސް ދިމާލަކުން އެތަނަވަސްކަމާއި އުފާ ހޯދުމަށް އޭނާ ދާނެއެވެ.
ކަލޭ ފިނިފެންމާ އިޚްތިޔާރު ކުރުމުން ދައްކުވައިދެނީ ކަލޭ ބޭނުންވަނީ ވަގުތީ އުފަލެއް ކަމެވެ.ހަޤީޤީ ލޯތްބަކީ ވަގުތީ ރީތި ކަމަކުން ހާސިލް ކުރެވޭނެ ކަމެއް ނޫނެވެ. ހަޤީޤީ ލޯބި ހާސިލް ކުރެވޭނީ،ނުވަތަ ހަޤީޤީ މާ ފޮޅޭނީ މޫސުން ބަދަލުވިޔަސް ގަސް ދޫކޮށްނުލާ އެޔަށް ޚިދުމަތް ކޮށްގެންނެވެ.
ފިރިހެންމީހާ ލަދުން އިސްޖަހާލިއެވެ. ހަޤީޤަތް އޭނާޔަށް ވިސްނުނީ ދެނެވެ. އެވަގުތު ވަރަށްބޮޑު ނުތަނަވަސް ކަމެއް ވެސް އޭނާގެ ހިތުގައި އުފެދުނެވެ. ހެދުނު ގޯހެއްގެ ސަބަބުން ހަޤީޤީ ލޯބި އޭނާގެ އަތުން ބީވެގެން ހިގައްޖެތޯ އުފެދުނު ސުވާލެއްގެ ސަބަބުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް