ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެމެރިކާ ސަރުކާރުގެ ސިޔާސަތުތައް އެމަނިކުފާނު ގަބޫލުކުރައްވާ ފަލްސަފާއެއްގެ ތެރެއަށް ފެއްތުމަށްޓަކައި ގެންދަވަނީ ވަރަށްގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެކަމަށްޓަކައި ބޭނުންވާ ގަރާރުތައް ނެރުއްވަމުންނެވެ.
އެމެރިކާއަކީ ދުނިޔޭގައި އޮތް އެންމެ މިނިވަން ސޮސައިޓީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް އެ މިނިވަންކަން ހުރިހާ ދާއިރާއެއްގައި ލިބިފައި އޮންނަންޖެހޭނެކަމަށް ރައީސް ޓްރަމްޕްގެ ވިސްނުންފުޅު ގަބޫލުކުރޭ ބާވައެވެ.
ދަ ހިލްގެ ޚބަރުތަކަށް ބަލާއިރު މިދިޔަ ހަފުތާގައި ރައީސް ޓްރަމްޕް ނެރުއްވާފައިވާ 4 ރިޔާސީ ގަރާރުގެ ތެރެއިން އެއް ގަރާރުގައި އެއްޖިންސުން ގައިގޯޅިވުމަށް ޝައުގުވެރިކަން ހުންނަ މީހުނަށް އެމެރިކާގެ މިލިޓްރީގައި ވަޒީފާއަދާ ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. މިކަމާގުޅިގެން ހަދަންޖެހޭ ގަވައިދުތަކާއި ވާންޖެހޭ ތައްޔާރީ ވުމަށާއި ދިފާއީ ޚިދުމަތުގެ ތެރޭގައި ހިނގަމުންދާ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަކުރުން ތަކުގެ ފުރިހަމަ ރެކޯރޑެއް ބެލެހެއްޓުމަށް ދިފާއީ ވަޒީރު ހެގްސެތަށްވަނީ އަންގަވާފައެވެ. އަދި ދިފާއީ ޚިދުމަތުގެ ދާއިރާގައި މިހާރު ކަންހިންގަމުން ދާގޮތުގެ ތަފްސީލު ރިޕޯރޓެއް 90 ދުވަހުގެ ތެރޭގައި ދިފާއީ ވަޒީރަށް ހުށައަޅަން ޖެހޭނެކަމަށް ވެސް އެ ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ “ އަންހެންދުޅައިގެ ފިރިހެނުންނާއި ފިރިހެން ދުޅައިގެ އަންހެނުންނަށް “ މިލިޓްރީގެ އުދަނގޫ ހާލަތުތަކާ ފުރިހަމައަށް ކުރިމަތި ލެވޭނެކަމަށް ދެކިވަޑައި ނުގަނަނަވާކަމަށެވެ.
މީގެކުރިން ރައީސް ޖޯ ބައިޑަންގެ ރިޔާސަތުގައި އެ ފަދަ މީހުންނަށްވެސް މިލިޓްރީގައި ވަޒީފާ އަދާކުރެވޭނެކަމަށް ކަނޑައަޅުއްވާފައިވާ ގަރާރުވެސް މި ހަފުތާގައި ވަނީ ބާތިލު ކުރައްވާފައެވެ.
ރައީސް ޓްރަމްޕްގެ ފާހަގަކުރެވޭ އަނެއް ގަރާރަކީ ކޯވިޑް-19 ގެ ވެކްސިން ޖަހަން މަޖްބޫރުކުރުމުން އެކަމަށް އިންކާރުކުރި މިލިޓްރީއާއި އެހެނިހެން ސަރވިސް ދާއިރާގައި މަސައްކަތްކުރާ މީހުން ވަޒީފާއިން ވަކިކޮށްފައިވާތީ އެމީހުންނަށް ކުރީގެ މާގާމާއި އަދި ގެއްލުނު ދުވަސްތަކުގެ މުސާރައާއި އިނާޔަތްތަކާއެކު ވަޒީފާ އަލުން އިއާދަކުރުން މަޖުބޫރުކުރުމުގެ ގަރާރެވެ. އަދި ފާއިތުވެ ދިޔަ ދުވަސްތަކުގައި އެމީސްމީހުން ކުރިމަތިލާން ޖެހުނު ތަކްލީފަށް ބަދަލުވެސް ދޭން ޖެހޭނެކަމަށް އެ ގަރާރުގައި ކަނޑައަޅާފައި ވެއެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ ވެކްސިން މަޖްބޫރުކުރުމަކީ ކުރެވިގެންވާނެކަމެއް ނޫން ކަމަށެވެ.
One Response
ބަލާ ވެރިކަން. އެޔޮއް ހުރިހާ އަންހެނުން އުޅޭ އިރުވެސް ފިރިހެނެއް?