ރަޝިޔާއާ ދެކޮޅަށް ހަނގުރާމަށް ނިކުތުމަކީ ޔޫކްރެއިނުން އެޅި ޅަ އެއްޗެއް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޓެލިވިޒަން މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނުން ހަނގުރާމައަށް ނިކުތުމަކީ ރައީސް ޒެލެންސްކީ ކޮށްގެންވާނެ ކަމެއް ނޫންކަމާއި ރަޝިޔާއިން ހަމަލާތައް ފެށުމާއެކު ވަގުތުން އަމާންދިނުން އިޚްތިޔާރު ކުރުމަކީ ރައީސް ޒެލެންސްކީއަށް އެންމެ މޮޅުގޮތް ކަމަށްވެސް ވިދާޅުވެއްޖެއެވެ.  

                 

ރައީސް ޓްރަމްޕް ޔޫކްރެއިން ހަނގުރާމައާއި ބެހޭގޮތުން މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ފޮކްސް ނިއުސްގެ ސީން ހެނިޓީއަށް ދެއްވި ބަސްދީ ގަތުމެއްގައެވެ. ފޮކްސް ނިއުސްގެ ސީން ހެނިޓީ ޕްރޮގްރާމުގައި މިހާރު އެ ބަސްދީ ގަތުން ވަނީ އާންމުކޮށް ގެނެސްދީފައެވެ.               

ރަޝިޔާގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރާނަމަ ކަސްޓމްސް ޑިއުޓީ ނެގުންފަދަ އިންޒާރު ރައީސް ޓްރަމްޕް ދެމުން ގެންދަވާތީ އެކަމާގުޅޭގޮތުން ސީން ހެނިޓީ ސުވާލު ދެންނެވުމުން ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ޒެލެންސްކީއަށް ފުދޭވަރަށް ގެއްލުން ލިބިއްޖެ ކަމަށާއި ދެން އޮތީ ރައީސް ޕޫޓިން މައިތިރިކުރުން ކަމަށެވެ.                                          

އެންމެފުރަތަމަ ކަމަކަށް ޔޫކްރެއިނުން ހަނގުރާމަ ކުރަމުން އެ ގެންދަނީ އެ ގައުމަށްވުރެން އެތައް ގުނަ ބާރު ގަދަ ގައުމަކާކަން ރައީސް ޒެލެންސްކީއަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި ރައީސް ޒެލެންސްކީ ކިތަންމެ ބާރުގަދަކަމަށް ހެދިގެން އުޅުއްވިޔަސް ރަޝިޔާއާއި ކުރިމަތިލުމުގެ ކުޅަދާނަކަން ލިބިގެންނުވާކަން ގަބޫލު ކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އޭގެ ބަދަލުގައި އެއްބަސްވުމެއްގެ މައްޗަށް މަޝްވަރާކޮށްގެން ގޮތެއް ނިންމި ނަމަ މިހާރު މި ލިބުނު ގެއްލުންތަކާ ކުރިމަތިލާން ނުޖެހުނީސް ކަމަށާއި އެކަމަކު ރައީސް ޒެލެންސްކީ އިޚްތިޔާރު ކުރެއްވީ ހަނގުރާމަ ކުރައްވަން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ޓްރަމްޕްއަކީ ރައީސް ޒެލެންސްކީނަމަ ފަސޭކަމާއެކު ރަނގަޅު ޑީލެއް ހަދާނެ ކަމަށާއި ރައީސް ޕޫޓިން ޔޫކްރެއިނަށް އަރާގަތުމަށް ނިންމެވީ އެމެރިކާއާއި ރަޝިޔާއާއި ދެމެދު 1994 ވަނަ އަހަރު ކުރެވިފައިވާ އެއްބަސްވުމަކާއި ޔޫކްރެއިނުން ޚިލާފްވީމައި ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އެ އެގްރީމެންޓްގައިވާގޮތުން އެމެރިކާއާއި ރަޝިޔާއިން އެއްބަސްވެފައި ވަނީ 1991 ވަނަ އަހަރު ސޯވިއެޓް ޔުނިއަން ބައިބައި ވުމާގުޅިގެން ޔޫކްރެއިންގައިހުރި ސޯވިއެޓް ޒަމާނުގެ ނިއުކްލިއަރ ހަތިޔާރުތައް ރަޝިޔާއަށް އަނބުރާ ފޮނުވުމަށާއި ބަދަލުގެ ގޮތުގައި އެމެރިކާއާއި ރަޝިޔާއިން ޔޫކްރެއިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެއެވެ.                                     

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވައިޓްހައުސް އިން ކްރެމްލިން އާއި އަދާވަތްތެރިކަން ގެންގުޅޭކަމަށް ރައީސް ޒެލެންސްކީއަށް މައުލޫމާދެއްވި ބޭފުޅަކު އެވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތު އަރުވާފައި ކަމަށާއި ރަޝިޔާއިން ޔޫކްރެއިންގެ ބައެއް ސަރަހައްދު ތަކާއި އަދި ކްރީމިއާ އަތުލައިގެންފައި ވަނީ 2014 ގައި ކަމަށާއި އެއީ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރު ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.  

 ހަމައެހެންމެ 2022 ވަނަ އަހަރު ރައީސް ޕޫޓިން ޔޫކްރެއިނަށް އަރާގަތުމަށްޓަކައި ދެއްކީ ބޭކާރު އުޒުރެއް ކަމަށާއި ރައީސް ޒެލެންސްކީ އެ މަޅީގައި ޖެހިވަޑައިގަތީ ކަމަށާއި ރައީސް ޕޫޓިން ޔޫކްރެއިނަށް އަރައިގަތުމަށްޓަކައި ވިދާޅުވެފައި ވަނީ ނާޒީންގެ ނުބައި ވިސްނުމުން ޔޫކްރެއިން ސަލާމަތްކުރުމަށް ހިންގާ ޚާއްސަ ހަރަކާތެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ހަގީގަތުގައި ޔޫކްރެއިން ސަރުކާރުގައި ނާޒީންނާއި އެއްވެސް ގުޅުމެއް ނެތެވެ. އަދި ރައީސް ޒެލެންސްކީ އަކީ ނާޒީންގެ އަނިޔާވެރިކަން ތަޖްރިބާ ކުރި ޔަހޫދީ އާއިލާއަކަށް ނިސްބަތް ކުރެވޭ ޔަހޫދީއެކެވެ.                                                 

ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީންނާއި ބައިނަލް އަގްވާމީ އަދުލު އިންސާފުގެ ކޯޓުންވެސް ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައިގަތުން ކުށްވެރިކޮށް ޔޫކްރެއިނުން ފައިބަން ވަނީ އަމުރުކޮށްފައެވެ. (ފަލަސްތީނުގެ ބިމުން ޔަހޫދީން ފޭބުމަށް އެކަހަލަ ކިތައް ކިތައް އަމުރު ހަމަ އެ ތަންތަނުން ކޮށްފައިވާ ވާހަކަ ބުނާކަށް ރައީސް ޓްރަމްޕް އަކަށް ކެރިވަޑައިގެންފައެއް ނުވެއެވެ.)                            

މީގެކުރިން ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދެވީ ހަނގުރާމަ ހުއްޓުވިދާނެ ގޮތަކާދޭތެރޭ މަޝްވަރާކުރުމަށެވެ. އެހެންނަމަވެސް އެންމެ ފަހުން ރައީސް ޓްރަމްޕްގެ އަމިއްލަ ބައިނަލް އަގްވާމީ ޕްލެޓްފޯމު ޓުރުތު ގައި ލިއުއްވާފައިވާއިރު ބަސްމަގުހުރީ  ބަދަލުވެފައިވާކަން ފާހަގަ ކުރެވެއެވެ. ޓްރަމްޕް ވިދާޅުވެފައިވެއެވެ. ”އަހަރެން މިއުޅެނީ ރަޝިޔާއަށް ދެރައެއް ދޭކަށް ނޫނެވެ. ރައީސް ޕޫޓިން އަކީ އަހަރެންގެ ވަރަށް އަރިސް ބޭފުޅެކެވެ. 2016 ވަނައަހަރު އަހަރެން ވެރިކަމަށް ގެނައުމަށް ރައީސް ޕޫޓިން ކުރެއްވި މަސައްކަތް ހަނދާނެއް ނުނެތެއެވެ. ރަޝިޔާގެ ރައްޔިތުންދެކެ އަހަރެން ވަރަށް ލޯބި ވެއެވެ. ރަޝިޔާގެ ވެއްޓެމުންދާ އިގްތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި ވަރަށް ރަނގަޅުގޮތްތަކެއް އަހަރެން އެކަށަ އަޅާނަމެވެ. ހަނގުރާމަވެސް ހުއްޓުވާނަމެވެ. ހަނގުރާއިން ހޯދޭނެ ކުރިއެރުމެއް ނޯންނާނެއެވެ. ހަނގުރާމަ ހުއްޓާލުމަށްޓަކައި އެއްބަސްވުމަކަށް އަންނާށެވެ. އިތުރު ފުރާނަތައް ގެއްލިގެން ދިއުމަށް ނޫނެކޭ ބުނަން ކެރެން ޖެހޭނެއެވެ. އަހަރެންގެ ހުށައެޅުން ރައީސް ޕޫޓިން ގަބޫލު ނުކުރައްވައި ބޯހަރުކަން ދައްކަން ފަށައިފިނަމަ އަހަރެންނަކީވެސް ބޯހަރު މީހެއްކަން ދައްކާލާނަމެވެ.“ ޓްރަމްޕް ވިދާޅުވެފައި ވެެއެވެ.                                                 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް