ސުރުޚީގައި އެވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން ވަރަށް ކުޑަ އެތިކޮޅެކެވެ. ވަރަށްބޮޑު ތެދެކެވެ. ކޮންމެ ކޮންމެ މީހަކީ އޭނާ އަދާކުރި ވަޒީފާއެއްގެ ސަބަބުން މުޅި އުމުރަށް ދައުލަތުން ބަލަހައްޓަންޖެހޭ މިސްކިތު ވަކަރަކަށް ވެގެން ނުވާނެއެވެ.
މާލޭގެ މަގުމަތިން އަޑުއިވޭ ގޮތުގައި ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ގާނޫނު އަސާސީއަކީ އެމެރިކާގެ ފެންވަރުގައި ލިޔެފައިވާ ގާނޫނު އަސާސީއެކެވެ. އެހެންނަމަވެސް ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ދެވަނަފަހަރަށް ހަވާލުވެ ވަޑައިގެންނެވިފަހުން އެމަނިކުފާނު ދެކެވަޑައިނަންވާގޮތުގައި އެމެރިކާގެ ކުރިއެރުމަށްޓަކައި ގާނޫނު އަސާސީގައިހުރި ބައެއް ކަންތައް ބަދަލު ކުރައްވަން ގަސްދުކުރައްވާކަމަށް އިޝާރާތް ކުރައްވައި ވާހަކަ ފުޅު ދައްކަވަމުން ގެންދަވާކަން ބައިނަލްއަގްވާމީ މީޑިއާތަކުގައި ހާމަކޮށްފައި އެބަހުއްޓެވެ.
ރައީސް ޓްރަމްޕް ދެކިވަޑައިގަންނަވާގޮތުގައި ވަކި ބޭފުޅަކު އަދާކުރެއްވި ވަޒީފާއެއްގެ ސަބަބުން ސަރުކާރުގެ ގެސްޓް ހައުސްއެއްފަދަ ތަނެއްގައި ހުންނަވާ ނަމަ ކުލި ދައްކަވަން ޖެހޭނެއެވެ. އެ ބޭފުޅަކަށް ކަނޑައަޅުއވާފައިވާ އިނާޔަތުން ކުލި ދެއްކޭ ވަރު ނުވާނަމަ އަމިއްލަފުޅަށް ބާކީ ދައްކަވަން ޖެހޭނެއެވެ. އެބޭފުޅުންނަށްޓަކައި އެމެރިކާގެ ފުދުންތެރިކަން ބޭކާރުވެގެން ދާކަށް ނުޖެހޭނެއެވެ. އެފަދަ ގެސްޓް ހައުސްތަކާއި ލަގްޒަރީ އެޕާރޓްމެންޓްތަކުގެ ކުލި އެކަށައެޅުމަށް ދައުކަތުގެ ކަމާބެހޭ މުއައްސަސާތަކަށް މިހާރުވާނީ އަންގަވާފައިކަމަށްވެސް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ ސަރުކާރުންނާއި މަޖިލީހުން ދެކިވަޑައިގަންނަވާގޮތް އިތުރަށް ލިޔާކަށް ނުޖެހޭނެއެވެ. މިއީ ނަމޫނާ ޑިމޮކްރެސީ އެއް ވީމާ ގައުމު ދަރާވިކުން ވެސް އެއީ ނަމޫނާއެކެވެ.
އެމެރިކާގެ ރިޔާސަތަށް ހަވާލުވެ ވަޑައިގަތުމަށްފަހު އެމެރިކާގެ ކޮމާންޑަރ އިން ޗީފް ގެ ހައިސިއްޔަތުން ބޭއްވެވި އެންމެ ފުރަތަމަ ބައްދަލުކުރެއްވުމުގައި އެ ގައުމުގެ ކޯސްޓްގާރޑްގެ އެންމެ އިސް ކޮމާންޑަރ އެޑްމިރަލް ލިންޑާ އެލް. ފާގަން ވަޒީފާއިން ވަކި ކުރައްވައި ގެއަށް ފޮނުވާލައިފިއެވެ.ފަގަން ކޯސްޓްގާޑް ޙިދުމަތާ ގުޅިވަޑައިގަތީ 1985 ވަނަ އަހަރުއެވެ. އަދި 2022 ވަނަ އަހަރުގެ ޖޫން މަހު އެ ހިދުމަތުގެ އެންމެ މަތީ އޮފިސަރަކަށް ވަނީ ބަދަލުވެފައެވެ. އެހެންކަމުން އެ ކަމަނާއަކީ އެމެރިކާގެ މިލިޓްރީގައި އެންމެ ފުރަތަމަ ލީޑަރެއްގެ ޔުނިފޯރމް އެޅުއްވި ބޭފުޅާއެވެ.
އެޑްމިރަލް ފާގަންއަށް އެކަމަނާ ވަޒީފާއިން ވަކިކޮށްފިކަން އެނގިވަޑައިގަތީ ރައީސް ޓްރަމްޕްގެ އިނޮގްރޭޝަން ބައްދަލު ކުރެއްވުމުގައި ޓްރަމްޕްޢާއެކު ފޮޓޯއެއް ނަންގަވަން ބޭނުންވި ހިސާބުން ކަމަށް ދަ ނިއު ޔޯރްކް ޓައިމްސް އިން ބުނެފައި ވެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އިން ނެރެފައިވާ ބަޔާނުގައި އެޑްމިރަލް ފާގަން ވަޒީފާއިން ވަކިކޮށްފައިވަނީ މިލިޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކެއްގެ ދަށުންކަމަށް ބުނެފައިވެއެވެ. އަދި އޭގެ އިތުރުން ބޯޑަރ ބެލެހެއްޓުމުގައިވެސް އެކަމަނާ ނާކާމިޔާބު ވެފައިވާކަން ފާހަގަ ކޮށްފައި ވެއެވެ. އެކަމަނާގެ ދިފާއުގައި ކޯސްޓްގާރޑުގެ އިސް 2 ބޭފުޅަކު ވާހަކަ ދައްކަވާފައި ވެއެވެ. އެބޭފުޅުން ވިދާޅުވެފައިވަނީ އެޑްމިރަލް ފާގަން އަކީ ޝަރަފްވެރި ކަމާއެކު މުޅި އުމުރު ކޯސްޓް ގާޜޑަށް ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެއް ކަމަށާއި އެކަމަނާ ވަޒީފާއިން ވަކިކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.
އެޑްމިރަލް ފާގަން ވަޒީފާއިން ވަކިކުރުމުން އެކަމާދޭތެރޭ ހިތްހަމަ ނުޖެހުން ފާޅުކޮށް ކޯސްޓްގާރޑުގެ ކުރީގެ ކޮމާންޑެންޓް އެޑްމިރަލް ތަޑް އެލެން ވަނީ ހޯމްލޭންޑް ސެކިއުރިޓީ އަށް ޝަކުވާކުރައްވާފައެވެ. އެ ޝަކުވާގައި ވިދާޅުވެފައިވަނީ އެޑްމިރަލް ފާގަންއަށް ކޮށްފައިވާ ތުހުމަތު ތަކަކީ ސިޔާސީ ހަސަދައެއް ފިލުވާލުން ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިލިޓްރީގެ އިސްބޭފުޅުން މި ކަންކަމާދޭތެރޭ ފިކުރު ކުރުމަށް އެދިވަޑައިގެންފައެވެ.
އެމެރިކާގެ މިލިޓްރީގައި ހިމެނޭ 1.3 މިލިއަން ސިފައިންގެ ތެރެއިން 230000 ސިފައިންނަކީ އަންހެނުންނެވެ. ރައީސް ޓްރަމްޕް ގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތުގެ ވިސްނުމުގައި އަންހެން ކަނބަލުން ހަނގުރާމައިގެ މައިދާނަށް ނިކުތުމަކީ އެދެވިގެންވާކަމެއް ނޫނެވެ. ރައީސް ޓްރަމްޕް ގެ ފުރަތަމަ ދުވަހު ދިފާއީ ވުޒާރާގެ މި ވިސްނުމަށް ވަނީ ރުހުން ދީ ގަރާރެއް ނެރެފައެވެ.
ޔޫ އެސް އޭ ޓްޑޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ކުރިން އެންގުމަކާނުލައި ފެޑެރަލް އޭޖެންސީތަކަށް ނިސްބަތްކުރެވޭ 17 އިންސްޕެކްޓަރ ޖެނެރަލުންވެސް ހުކުރު ދުވަހުގެ ރޭ ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލައިފިއެވެ. ފެޑެރަލް ގާނޫނު ބުނާގޮތުން ވަޒީފާއިން ވަކިކުރުމުގެ ކުރިން އެމީހުންނަށް 30 ދުވަހުގެ ނޯޓިސް ދޭނެ ޖެހެއެވެ. ވަޒީފާއިން ވަކިކުރެވެނު އިންސްޕެކްޓަރ ޖެނެރަލުންގެ ތެރޭގައި ޕެންޓަގަން އާއި ޚާރިޖީ ވުޒާރާގެ ބޭފުޅުންވެސް ހިމެނެއެވެ. ވަޒީފާއިން ވަކިކުރެވުނު އިންސްޕެކްޓަރ ޖެނެރަލުންނަކީ ރައީސް ޓްރަމްޕްގެ ރިޔާސަތުގައި 2017އިން ދެ ހާސް އެކާވީހަށް ވަޒީފާދީފައި ތިބި ބޭފުޅުންނެވެ.
އެސޯޝިއޭޓެޑް ޕްރެސް އިން މިއަދު ޚަބަރު ދީފައިވާގޮތުގައި ގައިން ގަޔަށް އަރާ ބަލިތަކާބެހޭ އެމެރިކާގެ ޚާއްސަ ތަޖްރިބާކާރު އެންތަނީ ފައުޗީ އަށް ފެޑެރަލް ސަރުކާރުން ދީފައިވާ ހިމާޔަތް ނިމުމަކަށް ގެނެވުނީކަންވެސް ރައީސް ޓްރަމްޕް އަންގަވައިފިއެވެ. މައުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި “ ފައުޗީއަށް ދީފައިވާ ހިމާޔަތް އުވާލުމުގެ ސަބަބުން ކުރިމަތި ވެދާނެ އެއްވެސް މައްސަލައަކާ ދޭތެރޭ “ ކަންބޮޑުވެ ވަޑައި ނުގަންނަވާނެކަން ދޭހަވާ މޭރުމަކުން ޜައީސް ޓްރަމްޕް ވަނީ ފައުޗީއަށް އަންގަވާފައެވެ. މީގެ އިތުރުން އ ދ ގައި ހުންނެވި އެމެރިކާގެ ކުރީގެ ސަފީރު ޖޯން ބޯލްޓަން އާއި ޓްރަމްޕްގެ ކުރީ ރިޔާސަތުގައި ސީ އައި އޭ ގެ ޑިރެކްޓަރ ކަމާއި ފަހުން ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި ރިޗަރޑް ޕޮމްޕިއޯ އަށް ހަމަޖައްސަވާފައިވާ ހިމާޔަތާއި ސެކިއުޓީވެސް ވަނީ އުވާލާފައެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ އެއްދުވަސްވަރެއްގައި ސަރުކާރުގެ ވަޒީފާއެއް އަދާކުރުމަކުން މުޅިއުމުރަށް ދައުލަތުން ހިމާޔަތާއި ރައްކާތެރކަން ފޯރުކޮށްދޭން ޖެހޭނެކަން ގަބޫލު ނުކުރެއްވޭ ކަމަށެވެ.
2 Responses
އެ ވާހަކަ ރަނގަޅު. އެކަމަކު އޭނާ ތިޔަ ފިލުވަނީ ހަސަދަ. އަދިވެސް އޮތީ ކުރިޔަށް. ދެން ބަލައި ހޯދަމާ ތިޔަ ވަކިކުރި މީހުނާ އެއް މިންގަނޑަކުން މިނާލެވޭ، ޓްރަމްޕް ރުހޭ މީހުނާމެދު ކަން އޮތް ގޮތް. އެމެރިކާގެ މިހާރުގެ ޑިމޮކްރެސީ ހުއްޓިފައި އޮތީ ވޯޓު ދީގެން ރައީސާއި އެ ނޫނަސް އިންތިޚާބީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ މައްޗަށް. އެ ކަމުގައިވެސް އޮޅުވާލާ ފަހަރުފަހަރު އެބަހުރިކަމުގެ އަޑު އަރާފައިވޭ. ޓްރަމްޕް އަކީ ބަޔަކު ނަމޫނާޔަކަށް ނަގަންޖެހޭވަރުގެ މީހެއް ނޫންކަން އޭނާގެ ގެންގުޅޭ ހަމަތަކާއި އުސޫލުތަކާއި، ދައްކައިއުޅޭ ސިޔާސީ ވާހަކަތައް އަހައި ބަލާ މީހަކަށް ސާފު ވާނެ.
އަލީގެ ކޮމެންޓާ ގުޅޭގޮތުން ދަންނަވަމެވެ.
ރައީސް ޓްރަމްޕް ނުވަތަ އެހެން ސިޔާސީ އިސް މަގާމެއްގައި ހުންނަވާ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ބާރު ބޭނުން ކުރާނެއެވެ. އެއްބަޔަކު ދެކޭނީ އެއީ ހަސަދަ ފިލުވާލުމެއް ކަމަށެވެ. އަނެއްބަޔަކު ދެކޭނީ އެއީ ކަންކުރަންޖެހޭގޮތް ކަމަށެވެ. މިޒަމާނުގައިވެސް ކޮންމެ ސިޔާސީ ލީޑަރަކީ ކޮންމެވެސް ބަޔަކަށް ނަމޫނާއެކެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް އެކަން އޮތީ އެހެން ކަމުގައި ގަބޫލުކުރަން ޖެހެއެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ މުއްސަނދި ގައުމެވެ. އަޅުގަނޑު ދެކޭގޮތުގައި ސަންދާނުން މިބާވަތުގެ ލިއުންތަކާއި ޚަބަރުތައް ގެނެސްދެނީ މައުލޫމާތު ހާމަކުރުމުގެ ބޭނުމުގައެވެ. އޭގެ ސަބަބުން ސަރުކާރުގެ ސިޔާސަތަށް ބަދަލު އަތުވެދާނެކަމަކަށް ނޫނެވެ.