އިންޖީނުގެ ސްޕެއާ ޕާޓްސް ނެތިގެން ނުދުއްވާ ބާއްވާފައި އޮތް ސްރީލަންކަން އެއާލައިންސްގެ ތިން މަތިންދާބޯޓުގެ ކުލީގެ ގޮތުގައި ތިންއަހަރުވަންދެން މަހަކު 9 މިލިއަން ޑޮލަރު އެ ކުންފުނިން ދައްކާފައިވާކަމަށް މިހާރުގެ ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް ހައިވޭސް ޕޯޓްސް އެންޑް ސިވިލްއެވިއޭޝަން މިނިސްޓަރ ބިމާލް ރަތުނަޔަކަ ވިދާޅުވީ މި ތިންބޯޓުގެ ތެރެއިން އެއްބޯޓު މިހާރު ބޭނުންކުރަން ފެށިފައިވާ ކަމަށާ އަނެއް ދެ ބޯޓުވެސް އެޕްރިލް މަހު އޮޕަރޭޝަނަށް ނެރެވޭނެ ކަމުގައެވެ.
މިނިސްޓަރު ވިދާޅުވީ ސްރީލަންކަން އެއާލައިންސް ޕްރައިވަޓައިޒް ކުރުމަށް ކުރިން ގެންގުޅުނު ޕްލޭންއަށް އަމަލުނުކުރާ ގޮތަށް އައު ސަރުކާރުން ނިންމާފައިވާ ކަމަށެވެ.އަދި މިހާރު އެކުލަވާލާފައިވާ އައު ބިޒްނަސް ޕްލޭނަކާއި އެއްގޮތަށް އެ އެއާލައިން ތަރައްޤީ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ޑޮމެސްޓިކް އެއާލައިން އިންޑަސްޓްރީ ވެސް ސިވިލް އެވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ގައިޑްލައިންއާއި އެއްގޮތަށް ތަރައްގީ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ސްރީލަންކާގެ ނެޝަނަލް ކެރިއަރ ކަމަށްވާ ސްރީލަންކަން އެއާލައިންސް އަށް 2023/2024 މި ދެ އަހަރު 3 ބިލިއަން ރުޕީސްގެ ފައިދާއެއް ލިބިފައިވާކަމަށް ރިކޯޑްތަކުން ދައްކައެވެ.ފައިދާ މިހާ ބޮޑުވެފައި ވަނީ ޔޫއެސް ޑޮލަރ އެކްސްޗޭންޖް ރޭޓަށް އައި ބަދަލާއި ގުޅިގެންނެވެ.