ކެލިފޯރނިޔާ އަދިވެސް އަނދަމުންދަނީ

Loading

January 26, 2025
profile
Facebook
Twitter
WhatsApp

ދެކުނު ކެލިފޯރނިޔާގައި ރޯވެ އަނދަމުންދާ އަލިފާނަށް އަދިވެސް ނިމުމެއް ނާދެއެވެ. މިދިޔަ ހުކުރު ދުވަހު އިތުރު 9 ސަރަހައްދެއްގައި ވަނީ ރަތްދިދަ ނަގާފައެވެ. 

                      

ކެލިފޯރނިޔާގައި އަނދަމުންދާ އަލިފާނުންލިބެމުންދާ ގެއްލުންތައް ބައްލަވާލެއްވުމަށްޓަކައި ހުކުރު ދުވަހު ރައީސް ޓްރަމްޕް ކެލިފޯރނިޔާއަށް ވަޑައިގެންނެވިއެވެ. ލޮސް އެންޖަލްސް ބައިނަލް އަގްވާމީ އެއާރޕޯރޓުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެއްވުމަށް ވަޑައިގެން ހުންނެވީ ޑިމޮކްރެޓިކް ޕާރޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކެލިފޯރނިޔާގެ ގަވަރނަރ ގާވިން ނިއުސަމް އެވެ.       

ކެލިފޯރިޔާއަކީ ޑިމޮކްރެޓުންގެ ބާރު އޮންނަ ސަރަހައްދަކެވެ. މިސަބަބަށްޓަކައި ރައީސް ޓްރަމްޕް ހުކުރު ދުވަހާ ހަމަޔަށްވެސް ހުންނެވީ ކެލިފޯރނިޔާއަށް ފެޑެރަލް ސަރުކާރުން އެހީވެ ދެއްވާ ގޮތަކަށް ނޫނެވެ. އަދި އުތުރު ކެލިފޯރނިޔާ ސަރަހައްދުން ފެން ފޯރުކޮށްދިނުމަށްވެސް “ ވޯޓަރ ރެސްޓޮރޭޝަން ޑިކްލަރޭޝަންގެ ނަމުގައި “  ގެންދެވީ އިންކާރު ކުރައްވަމުންނެވެ. ރައީސް ޓްރަމްޕްގެ އެ ވިސްނުންފުޅާމެދު “ އެމެރިކާގައި ވޯޓަރ ރެސްޓޮރޭޝަން ޑިކްލަރޭޝަން “ ކިޔާއެއްޗެއް ނޯންނާނެކަމަށް ނިއުސަމް ރައްދު ދެއްވިކަމަށް ބުނެވެއެވެ. ހަމަ އެއާއެކު ކެލިފޯރިޔާގެ ސިޔާސީ ބޭފުޅުންވެސް ދަންނަވަމުންގެންދެވީ މިއީ ދެކޮޅުވެރި ސިޔާސީ ފިކުރު އިސްކުރަންވީ ވަގުތު ނޫންކަމަށާއި ކެލިފޯރނިޔާއަށް ރައީސްގެ އެހީ ބޭނުންކަމަށެވެ.                        

ހުކުރު ދުވަހު ކެލިފޯރނިޔާއަށް ވަޑައިގަތުމަށްފަހު އެ ޝަހަރުގެ ހާލަތު ފެނިވަޑައިގަތުމުން ލިބި ވަޑައިގެންނެވި ހައިރާން ކަމުގައި ފެޑެރަލް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ކެލިފޯރނިޔާއަށް ލިބޭނެކަން އިއުލާންކުރެއްވިއެވެ.                                         

އަލިފާނުން ވީރާނާކޮށްލާފައިވާ ސަރަހައްދު ބެއްލެވުމަށްފަހު ރައީސް ޓްރަމްޕް ވިދާޅުވި ކަމަށް ވަނީ މިއީ ލޮލަށް ފެނުމުންނޫނީ ހިތަށްވެސް ދެނެގަނެވޭވަރުގެ ގެއްލުންތަކެއް ނޫން ކަމަށެވެ. ރިޕޯރޓްތަކުން ހާމަވެފައިވާ ގޮތުގައި މިހާތަނަށް 28 މީހުންނަށްވުރެން ގިނައިން މަރުވެ އަދި އެކި ފެންވަރުގެ 14000 އިމާރާތް އަނދާހުލި ވެފައެވެ.                              

ކެލިފޯރނިޔާގެ ފަޔަރޑިޕާރޓްމެންޓުން ހާމަކޮށްފައިވާ މައުލޫމާތުތަކަށްބަލާއިރު ކުރިން އެންމެ ގަދަޔަށް އަނދަމުންދިޔަ ޕަލިސާޑެސް އާއި އީޓްން ފަދަ ތަންތަނުން އަލިފާންނިއްވާލުން ދަނީ ކާމިޔާބު ކުރެވެމުންނެވެ. އެހެންނަމަވެސް އެހެން 9 ސަރަހައްދެއްގައި ބައިލައްކަ އޭކަރުގެ ބިން ރޯވެ އަނދަމުން ދާކަމަށްވެސް ބުނެފައިވެއެވެ. އަދި ބައެއް ސަރަހައދުތަކުގައި ދިރިއުޅޭމީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށްވެސް މިހާރު ވަނީ އަންގާފައެވެ.                             

ބުރާސްފަތި ދުވަހު މެންދުރުފަހުން ސޭން ޑިއޭގޯ ގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު މައިތިރި ކުރެވޭނެ ގޮތެއް ނެތިގެން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންވެސް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ވަނީ އަމުރުކޮށްފައެވެ.  ޔޫ އެސް މެކްސިކޯ ގުޅޭ ސަރަހައްދުންވެސް 5000 އޭކަރުގެ ބިން މިހާރުވަނީ އަނދާ ހުލިވެފައެވެ.                                         

ގިލްމަން ފަޔަރ ގެ ނަން ދެވިފައިވާ އަލިފާނުގެ ސަބަބުން ލާ ޖޮއްލާ ސަރަހައްދުންވެސް ރައްޔިތުން ރައްކާތެރިކަން ހޯދުމުގެ އަމުރު ވަނީ ނެރެފައެވެ.                                  

ކެލިފޯރނިޔާގެ ފަޔަރ ޑިޕާރޓްމެންޓުގެ އެންމެފަހުގެ ރިޕޯރޓް ތަކުން އެނގޭ ގޮތުގައި މުޅި ކެލިފޯނިޔާގައި ރޯވެ އަނދަމުންދާ އަލިފާނުގެ %56 ވަނީ މައިތިރި ކުރެވިފައެވެ. އެހެންނަމަވެސް އަނދައިގެންދިޔަ އިމާރާތްތަކުގެ ތަފްސީލު މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. އަދި ބުރާސްފަތި ދުވަހާ ހަމަޔަށް ކަސްޓައިކް ސަރަހައްދުން ރައްކާތެރި ހިސާބުތަކަށް ބަދަލު ވުމަށް އަންގާފައިވާ  54000 މީހުންގެ އަމުރުވެސް ވަނީ ދަމަހައްޓާފައެވެ.                                   

ލޮސް އެންޖަލްސްގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާގޮތުގައި މި ހަފުތާގެ ތެރޭގައި އެ ސަރަހައްދަށް ކޮންމެވެސްވަރަކަށް ވާރޭ ވެހޭނެކަމަށް އުންމީދު ކުރެވެއެވެ. އޭގެ ސަބަބުން މިހާރު ތަޖްރިބާކުރަންޖެހިފައިވާ ހަނަފަސްކަމާއި ހޫނު ވަޔަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބި އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީއަކަށް ވާނެއެވެ.                                  

އަލިފާނުގެ ސަބަބުން ލިބުނު ގެއްލުންތައް ހައްލުކުރުމަށްޓަކައި ކެލިފޯރނިޔާގެ ގާނޫނީ ބޭފުޅުން މިހާރުވަނީ 2.5 ބިލިއަން އެމެރިކާޑޮލަރ ޚަރަދުކުރަން ސަރުކާރަށް ހުއްދަ ދެއްވާފައެވެ. މި ފައިސާ ބޭނުން ކުރެވޭނީ މައިގަނޑު ގޮތެއްގައި ހާލުގައި ޖެހިފައިވާމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ސްކޫލްފަދަ ތަންތަން އަލުން އިމާރާތަ ކުރުމަށެވެ.                    

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކަންތައްހިނގާ އުސޫލުން ކެލިފޯނިޔާއަށް މިދިމާވެ ހިތްދަތި ވަގުތުގައި ނާޖާއިޒުގޮތޮން މުއްސަނދިވެ ގަތުމަށް މަސައްކަތްކުރާ 500 ފަރާތަކަށް އިންޒާރުގެ ސިޓީ ފޮނުވާފައިވާނެކަމަށް އެ ސްޓޭޓުގެ ބަންޑާރަ ނައިބު ރޮބް ބޮންޓާ ވިދާޅުވެއްޖެއެވެ.            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް