އަޅުގަނޑުމެންގެ މި ލިއުމުގެ ބޭނުމަކީ ތައިލޭންޑަކީ އެކިއެކި ބޭނުންތަކަށް ދިވެހިން ގިނަގިނައިން ދަތުރުކޮށްއުޅޭ ގައުމަކަށްވެފައި އެ ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނިކުރުން ގާނޫނީ އިމުގެ ތެރެއިން ހުއްދަ ދިނުމާއެކު އެ ގައުމަށް ދަތުރުކުރާ ދިވެހިންގެ މައުލޫމާތަށްޓަކައި މިކަން އަންގާދިނުމެވެ. އަދި ދީނީ ނަޒަރަކުން ލޫތުގެ ފާނުގެ ގައުމަށްވީގޮތް ހަނދާންކޮށްދިނުންވެސް މެއެވެ.
އަވަށްޓެރި ގައުމަކަށްވެސް ވެފައި އަދި ގިނަ ދިވެހިން އެކި އެކި ބޭނުމުގައި އާންމުކޮށް ދަތުރުކުރާ އެއް މަންޒިލަކީ ތައިލޭންޑްގެ ބޭންކޮކެވެ. އެ ގައުމުގައި އެތައްބަޔަކު އެއްޖިންސުން ކައިވެނި ކުރުމުގެ އެދުމުގައި ތިއްބާ މި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެމީހުންގެ އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ.
އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި ތައިލޭންޑު ސަރުކާރުން އެމީހަކު ބޭނުން ޖިންސަކާއެކު ކައިވެނި ކުރަން ގާނޫނު ހުއްދަކުރުމުން އެންމެ ފުރަތަމަ ކައިވެނި ކުރި މީހުންގެ ތެރޭގައި އެއްޖިންސުން ގުޅުންހިންގުމުގެ ފިލްމުކުޅޭ މަޝްހޫރު 2 ތަރިން ހިމެނެއެވެ. އެ ދެމީހުންނަށް ކައިވެނި ރަޖިސްޓްރީ ކުރުމުގެ ކަންތައް ބަލަހައްޓާ އިދާރާއިން ޕިންކު ކުލައިން ބޯޑަރުން ޖަރީ ކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓް ލިބުނު އިރު ތިބީ އުފަލުން ރޮވިފައި ކަމަށް ބުނެފައިވެއެވެ.
މި ލިބުނު ފުރުސަތުގައި ތައިލޭންޑުގައި ވަރަށްގިނަ ބަޔަކު ވަނީ މިހާރު އެމީހުންގެ ކައިވެނި ގާނޫނީ އިމުގެ ތެރެއަށް ފައްތާފައެވެ. ގާނޫނުން މި ލިބުނު މިނިވަންކަން ފުރިހަމަ މާނައިގާ އަވަހަށް ބޭނުން ހިފުމަށެވެ. މި ހަރަކާތުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާއާއި ގުޅިގެން “ ޕްރްއިޑް އޮފް ބޭންކޮކް “ ކިޔާ ޖަމާއަތަކުންނެވެ.
ޖިންސީ ހަމަހަމަކަމަށް ދައުވާ ކުރާ ޖަމާއަތްތަކުން ތައިލޭންޑުގައި މިކަމަށްޓަކައި މަސައްކަތް ކުރަމުންގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ތައިލޭންޑަކީ އެއްޖިންސުން ކައިވެނިކުރުން ގާނޫނީގޮތުން ހުއްދަ ކުރެވުނު އޭޝިޔާގެ 3 ވަނަ ގައުމެވެ. ދުނިޔޭގައި 30 ގައުމަކުން އެއްޖިންސުން ކައިވެނިކުރުން މިހާރު ވަނީ ހުއްދަ ކޮށްފައެވެ. އެންމެ ފުރަތަމަ އެއްޖިންސުން ކައިވެނި ހުއްދަކޮށްފައި ވަނީ ނެދަރލޭންޑުގައެވެ.
ތައިލޭންޑަކީ އެއްޖިންސުން ގުޅުން ހިންގާމީހުން ގިނަ ގައުމެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންނަމަވެސް އެ ގައުމުގެ އާބާދީގައި ހިމެނޭ ބުޑިސްޓުންގެ ގިނަ މީހުންގެ ދެކޭގޮތުގައި އެއްޖިންސުން ގުޅުން ހިންގާމީހުންނާކީ ލަދު ހަޔާތެއްނެތް ބައެކެވެ. އަދި އެމީހުންނަކީ އަބަދާއަބަދު ބުޑިސްޓް އާބާދީގެ މަލާމާތާއި ފުރައްސާރައަށް ކުރިމަތިލާން ޖެހިފައިވާ ބައެއް މެއެވެ.