ސުލްހައިގެ ވާހަކަތައް އަވަސް އަރުވާލުމުން ނަތީޖާ ރަނގަޅެއް ނުވާނެ:ޔޫކްރެއިން

Loading

January 24, 2025
profile
Facebook
Twitter
WhatsApp

ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިނަށް ފައިހަރުކޮށްލުމުގެ ރަނގަޅު ފުރުސަތުތަކެއް ލިބުމުގެ ކުރިން އަވަސް އަރުވާލައިގެން ސުލްހައިގެ ވާހަކަތައް ފެށުމުން ނަތީޖާ ވަރަށް ނުރައްކާ ވެދާނެކަމަށް ޔޫކްރެއިނުން އެމެރިކާގެ ރިޔާސަތަށް ޓްރަމްޕް ހަވާލުވެ ވަޑައިގަތުން ކުޑަތަންވެފައިވަނިކޮށް އިންޒާރު ދީފިއެވެ.  

                                                 

ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާއިން ޔޫކްރެއިނަށް ދެމުން ގެންދާ އެހީ ހުއްޓާލާފާނެކަމުގެ ބިރާއެކު ރައީސް ޒެލެންސްކީ އެދިވަޑައި ގަންނަވަމުން ގެންދަވަނީ މި ވަގުތު އަވަސް އަރުވާލައިގެން ސުލްހައިގެ ވާހަކަތައް ފެށުމުގެ ބަދަލުގައި ޔޫކްރެއިނުން ހަނގުރާމައިގާ ނަސްރު ހޯދިދާނެކަން ހާމަކުރެވެންދެން އެމެރިކާގެ އެހީއާއި މަދަދު ހުއްޓާ ނުލައި ކުރިއަށް ގެންގޮސް ދިނުމަށެވެ.                                          

ސުލްހައިގެ ވާހަކަތަކާގުޅޭ ޚާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް ޒެލެންސްކީ އިޚްތިޔާރު ކުރައްވާފައިވާ ޑޮލްޒެންކޯ/ޝަޓަރސްޓޮކްގެ ނަޒަރުގައި ރައީސް ޓްރަމްޕް އަމިއްލައަށް  ޔޫކްރެއިންގެ ކަންތަކުގައި ފަހުބަސް ވިދާޅުވުމަކީ ރަނގަޅު ސިޔާސަތެއް ނޫނެވެ. އެހެންނޫނީ ރައީސް ޕޫޓިން އަތްޕުޅަށް ކާލާ މަންނަ ތަބަކަކަށްލާފައި ދެވެނީއެވެ.                             

ޔޫކްރެއިނުންވެސް އެއްބަސް ވެފައިވަނީ ޕޮކްރޮވްސްކް ސަރަހައްދުން ރަޝިޔާއަށް ކާމިޔާބު ލިބެމުން އަންނަ ކަމަށެވެ. ހަމައެއާއެކު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ލިބުނު ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާއަށްވެސް ބޮޑެތި ގެއްލުން ތަކެއް އެބަ ދެވޭ ކަމަށް ޔޫކްރެއިނުން ބުނެއެވެ. އޭގެ ތެރޭގައި ރަޝިޔާގެ ޔޫރަޕް އާއި ވީ ފަރާތުގައި ހުރި ބައެއް މިލިޓްރީ އަމާޒުތައްވެސް ހިމެނެއެވެ.                                                       

ޔޫކްރެއިންގެ އިންޓެލިޖެންސް އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި ޔޫކްރެއިންގެ ހަމަލާތަކުގައި ހަލާކުވި ރަޝިޔާގެ ތެލުގެ ބައެއް ވަސީލަތްތައް ހަފުތާއެއްގެ ތެރޭގައި އަލުން މަރާމާތުކޮށް ނިންމައިފިއެވެ. އަދި އޭގެފަހުން ރަޝިޔާގެ ހަމަލާތައްވެސް ވަނީ ވަރުގަދަ ކޮށްފައެވެ. ޔޫކްރެއިނަށް ޒަމާނީ ހަތިޔާރު އިތުރަށް ލިބިގެންނޫނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ދެމެހެއްޓިދާނެ ކަމަކަށް ނުފެނެއެވެ.                                                      

ރައީސް ޓްރަމްޕްގެ ވިސްނުންފުޅާއެއްގޮތަށް ހަނގުރާމަ ހުއްޓުވިދާނެ ކަމަށް ބައްލަވައި ގޮތްދޫނުކޮށް ހިފާއްޓަވަން ގަސްދުކުރައްވާނަމަ ޔޫކްރެއިންގެ އޮފިޝަލުން ދެކޭ ގޮތުގައި ކޮންމެވެސް ގޮތަކުން ރައީސް ޕޫޓިންނާއެކު އެއްމޭޒަކަށްއައިސް ޔޫކްރެއިނަށް ތަންކޮޅެއް ލުއި ގޮތަކަށް މަޝްވަރާކޮށް ގޮތެއް ނިންމުން މާ ރަނގަޅުވާނެއެވެ.                                       

ޔޫކްރެއިން އޮފިޝަލުން ދެކިވަޑައިގަންނަވާގޮތުގައި ޔޫކްރެއިނާ ނުލައި ރައީސް ޓްރަމްޕް އެކަނި ރައީސް ޕޫޓިންނާއި މަޝްވަރާ ކުރައްވަން މަސައްކަތް ކުރެއްވުމުން ރައީސް ބައިޑްނަށް އަފްގާނިސްތާނުން ލިބިވަޑައިގެންނެވި ކަހަލަ ލަނޑެއް ލިބުމުގެ ބިރު ކުޑައެއް ނޫނެވެ. ބައެއް އެހެން ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި 1938 ވަނައަހަރު މިއުނިކް އެއްބަސްވުމުގެ ދަށުން ޗެކޮސްލާވިޔާގެ ސުޑަންޓެންލޭންޑުގެ ބައެއް ބިންތަށް ޖަރުމަނަށް މިލްކު ކޮށްދިނުމުން މެދުވެރިވެފައިވާ ހާލަތާ ކުރިމަތި ލާން ޖެހުންވެސް ދުރެއްނޫންވެ. 1938 ވަނަ އަހަރުގެ މި ބުނެވުނު އެއްބަސްވުމަކީ ޖަރުމަނުގެ ހިޓްލަރާއެކު ސުލްހަ ގާއިމުކުރުމަށްޓަކައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ނެވައިލް ޗެމްބަރލައިންގެ އިސްނެންގެވުމުގެމަތިން އިނގިރޭސި ވިލާތާއި ފަރަންސްސި ވިލާތާއި އިޓަލީން ވީ އެއްބަސްވުމެކެވެ. ޗެކޮސްލަވޭކިޔާއިން  މި އެއްބަސްވުމުގައި ބައިވެރި ނުވި ކަމުގައިވިޔަސް އަނެއް ތިން ގައުމަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން ޗެކޮސްލަވޭކިޔާއިން ބައެއް ޖަރުމަނަށް ދިނީއެވެ. މިފަހަރު ގުރުބާންކުރެވުނު ކަންބަޅިއަކަށް ޗެކޮސްލާވާކިޔާ ވެގެން ދިޔައީ އެވެ. ޔޫކްރެއިންގެ އެމް ޕީ އަކު ވިދާޅުވެފައިވަނީ 1938 ގެ މިއުނިކް އެގްރީމެންޓުގެ ދަށުން ދެވަނަ ބޮޑު ހަނގުރާމަ ހުއްޓުމަށް އެއްވެސް ހިއްސާއެއް އަދާ ނުކުރާކަމަށެވެ.                  

ރިޔާސީ ކެމްޕޭނުތެރޭގައިވެސް ޓްރަމްޕް ވައުދުވެ ވަޑައިގަންނަވަމުން ގެންދެވީ ރިޔާސީ ތަޚްތަށް ވަޑައިގަތުމަށްފަހު 24 ގަޑިއިރު ތެރޭގައި ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ނިންމަވާނެ ކަމަށެވެ. މިއީ ނުކުރެވޭނެ ކަމެއްކަމުގައި ޓްރަމްޕްގެ އަރިސް ބޭފުޅުންވެސް އެއްބަސްވެއެވެ.            

ބައެއް ރިޕޯރޓްތައް ބުނެފައިވާ ގޮތުގައި ޓްރަމްޕް މަސައްކަތްކުރައްވަނީ ނޯބެލް އިނާމް ހާސިލު ކުރުމަށެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ މިހާތަނަށްވެސް ކިތަންމެ ހަނގުރާމައެއް އެމަނިކުފާނުގެ ބާރުގައި ހުއްޓުވާފައިވާނެ ކަމަށެވެ. ރައީސް ޓްރަމްޕްގެ ރުހުން ލިބިގަތުމުގެ ބޭނުމުގައި ޔޫކްރެއިންގެ ޕާރލަމެންޓްގެ ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީން މިހާރުވަނީ ޓްރަމްޕްގެ ނަން 2025 ވަނައަހަރުގެ ނޯބެލް އިނާމަށް ހުށައަޅާފައެވެ.                                          

ރައީސް ޓްރަމްޕް ޔޫކްރެއިނަށް ކަނޑައަޅުއްވާފައިވާ ސަފީރު ކުރީގެ އާރމީ ޖެނެރަލް ކީތު ކެލޯގް ވިދާޅުވެފައިވަނީ ރިޔާސީ ދައުރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ މައްޗަށް މީގެ ކުރިން  ޖެނެރަލް ކީތު ކެލޯގް ލިއުއްވާފައިވާ ރިޕޯރޓެއްގައި ވިދާޅު ވެފައިވަނީ ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނުން ކުރާ ހަނގުރާމަ ކާމިޔާބު ދުމަށްވެގެން ޖައްވުތެރެއަށްގޮސް ގެއްލިއްޖެ ކަމަށެވެ.    

ފަހުގެ ބައެއް ޚަބަރުތަކުގައި ރަޝިޔާއާއި ޔޫކްރެއިނާ ދޭތެރޭ ނޯ-ފްލައި ޒޯނެއް ކަނޑައެޅުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެފައި ވެއެވެ. މިދިޔަ ހަފުތާގައި އިނގިރޭސި ބޮޑުވަޒީރު ކީވަށް ވަޑައިގެން ކީވްގެ އޮފިޝަލުންނާއެކު ކުރެއްވި މަޝްވަރާތަކުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށްފަހު އިނގިރޭސި ވިލާތުން ޔޫކްރެއިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށް ޔަގީންކަން ދެއްވިއެވެ.                

އެމެރިކާގެ މިހާރުގެ ޚަޒާނާއާއި ބެހޭ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވެފައިވަނީ އިތުރު އިގްތިސާދީ ހުރަސްތަކާއެކު ރަޝިޔާއިން ސުލްހައިގެ މޭޒަށް ގެންނާނެ ކަމަށެވެ. އެހެންނަމަވެސް ބުލޫމްބާރގުން ބުނެފައިވަނީ ރަޝިޔާއަށް އިގްތިސާދީ ދުއްތުރާކުރުމުގެ ވާހަކަތައް އަދި އޮތީ ފޮތް ހުޅުވާލާ ހިސާބުގައެވެ. އަޅާނެ އެއްވެސް ފިޔަވަޅެއް  މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.           

އެމެރިކާއިން ސުލްހައިގެ ވާހަތަކާބެހޭގޮތުން މިހާތަނަށް ހާމަކޮށްފައިވާ ކަންތައްތަކަށް “ ނޫނެކޭ ބުނުންފިޔަވައި “ ރަޝިޔާއިން އެއްވެސް ވާހަކައެއް ނުދައްކައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް