ކެއްސަކަށް ކެއްސެއް

Loading

Facebook
Twitter
WhatsApp

އަހުމަދު ބޯޓު ދަތުރު ކުރަން ދިޔައީ ވަރަށްވެސް ފޮނި އުންމީދު ތަކަކާއި އެކުގައެވެ. އޭނާ އެންމެ ލޯބިވާ އައިޝާ އާއި ކައިވެނިކޮށް އުފާވެރި ހަޔާތެއް ފެށުމަށް ފައިސާ އެއްކުރުމުގެ އުންމީދުގައެވެ.ދެއަހަރު ދުވަސްވަންދެން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖައްސާލަން ކުރާ އިންތިޒާރު ހަގީގަތަކަށް ހެދުމުގެ އުންމީދެވެ.


އައިޝާ އަކީ މާލޭގެ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖެއް ނަމަވެސް އަހުމަދަކީ ހދ އަތޮޅުގެ ރަށަކަށް ނިސްބަތްވާ ޒުވާނެކެވެ.ދެމީހުން ބައްދަލްވީ އެކުގައި ކުރި ޕިކްނިކް ދަތުރަކުންނެވެ.އެއަށްފަހު ރައްޓެހިކަމެއް އުފެދި،އެގުޅުން މަޑުމަޑުން ލޯބީގެ ގުޅުމަކަށް ބަދަލުވީއެވެ. އަހުމަދު އައިޝާދެކެ ވަރަށް ލޯބިވެއެވެ.ހަމައެފަދައިން އައިޝާވެސް އަހުމަދުދެކެ ލޯބިވާކަމަށް ބުނަމުން ގެންދެއެވެ.
އަހުމަދު ބޭނުންވަނީ ކައިވެންޏަށްފަހުވެސް އައިޝާ މިހާތަނަށްވެސް އުޅެމުން އައި ފެންވަރުގައި ގެންގުޅޭށެވެ.މިކަމަށްޓަކާ ފައިސާބޭނުންވެއެވެ.އެހެން ކަމުން ވަރަށް ވިސްނުމަށްފަހު އޭނާ ނިންމީ ބޯޓުދަތުރު ކުރަން ދިއުމަށެވެ.މިކަމަށް އައިޝާވެސް ތާއީދު ކުރިއެވެ.އިންތިޒާރު ކުރާނެކަމަށް ބުނަމުންނެވެ.
ފުރައިގެން ގޮސް ދެމީހުން ދެތަނުގައި ހޭދަވާ ކޮންމެ ދުވަހެއް އަހުމަދަށް އެއްއަހަރު ފަދައެވެ.އައިޝާ ގެ މަތިން ހަނދާންވާ ވަރުން ހަމަ ކޮންމެ ދުވަހަކުވެސް އޭނާ އައިޝާއަށް ސިޓީ ލިޔެއެވެ. ލޯބިވާ ވާހަކަ ތަކުރާރު ކުރަމުންނެވެ.އިންތިޒާރު ކޮށްދިނުމަށް އެދިއެވެ.އެއީ އިންޓަނެޓް ގެ ޒަމާން ނޫންކަމުން އެދެމީހުންނަށް މުއާމަލާތު ކުރެވެނީ ހަމައެކަނި ސިޓީގެ ޒަރީއާ އިންނެވެ. ބޯޓު އުޅުނު ސަރަހައްދުގެ ގޮތުން ސިޓީ ބަދަލުކުރަން އެހާ އުނދަގުލެއް ނޫނެވެ.
މިގޮތުގައި ހަމަސް ވޭތުވެގެން ދިޔައިރު އައިޝާގެ ސިޓީތައް ލިބުން މަދުވާން ފަށައިފިއެވެ.މިކަމާ އަހުމަދު ވަރަށް ކަންބޮޑުވެ ސުވާލުތައް ކުރަމުން ދިޔަނަމަވެސް ބަދަލެއް ނާދެއެވެ.އެންމެފަހުން ގޮސް މަހަކުސިޓީއެއްވެސް ނުލިބޭ ހިސާބަށް އައިޝާގެ ސިޓީތައް މަދުވެއްޖެއެވެ.މިކަމާ އަހުމަދު ވަރަށް ކަންތައް ބޮޑުވިއެވެ.މިހެން ހުއްޓާ އެއްދުވަހަކު ލިބުނު ކުރުކުރު ސިޓީއަކުން އޭނާގެ ހިތް ކުދިކުދިވިއެވެ. ލިބުނު ހިތާމައެއްގެ ބޮޑުކަމުން ދުނިޔޭން މޮޔަވާވަރުވިއެވެ.ކަނޑަށްވެސް ފުންމާނުލެވުނީ ހަމަކިރިޔާއެވެ.
އެސިޓީގައި ލިޔެފައިވަނީ އަހުމަދާއެކު ލޯބީގެ ގުޅުމެއްގައި ދެން ހުންނަން ބޭނުން ނޫން ކަމުން، ގުޅުން ކަނޑާލި ވާހަކައެވެ.އަހުމަދު ނެތިމިވީ މުއްދަތުގައި އެހެން ބައެއް ފިރިހެނުންނާ އައިޝާ ބައްދަލް ކުރަމުންދާ ވާހަކައެވެ.އެންމެ ހިތްދަތިވީ އަހުމަދު އަތަށް ދީފައިވާ އައިޝާގެ ފޮޓޯ ވެސް އަވަހަށް އަނބުރާ ފޮނުވާދިނުމަށް އެދިފައި ވާތީއެވެ.
ދުނިޔެއަކީ ކޮންފަދަ ކެހިވެރި ތަނެއް ހެއްޔެވެ. އެއްވެސް މީހަކަށް ހަމަ އިތުބާރު ނުކުރަންވީހެއްޔެވެ.އަހުމަދުގެ ހިޔާލީ ދުނިޔެ،ފުއްޕާފައޮތް ހަމެއްހެން ފެޅި،ބުރަބުރައިގެން ދިޔައީއެވެ. ނިމުމަކަށް އައީއެވެ.އޭނާވަރަށް ގިނައިރުވަންދެން ރުއިމަށްފަހު ގޮތެއް ނިންމިއެވެ.ބަދަލެއް ހިފުމަށެވެ.
މިވިސްނުމުގައި ގޮސް ބޯޓުގައި އުޅޭ އޭނާގެ އެކުވެރިން އަތުން އެމީހުން ބޭނުން ނުކުރާ،އަންހެނުންގެ ފޮޓޯ އެއް އޮތްނަމަ ދިނުމަށް އެދުނެވެ. އަދި އެކިމީހުން އަތުން ވިއްސަކަށް ފޮޓޯ އެއްކުރިއެވެ. އެއަށްފަހު އައިޝާ އަށް ކުރު ނޯޓެއް ލިޔުނެވެ. ”އަހަރެން ވެސް މިގެންދިޔައީ އެތައް ބަޔަކަށް ލޯބީގެ ސިޓީތައް ލިޔަމުންނެވެ.އެހެން ކަމުން ތިޔައީ ކާކުކަމެއް ނޭގެއެވެ.މިފޮޓޯތަކުގެ ތެރެއިން އައިޝާގެ ފޮޓޯ ނެގުމަށްފަހު އެހެން ފޮޓޯތައް އަނބުރާ ފޮނުވާދޭށެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް