ކީވް އިންޑެޕެންޑެންޓުން ބުނެފައިވާގޮތުގައި ރަޝިޔާއާއި އީރާން އަދި އިސްރާއީލުގެ އެއްވެސް އުފެއްދުމެއް ސީރިއާއަށް އެތެރެ ނުކުރެވޭނެކަމަށް ސީރިޔާގެ މިހާރުގެ ސަރުކާރުން ނިންމައިފިއެވެ. އެ ނިންމުމުގައި ވާ ގޮތުން ސީރިޔާގެ އެއްވެސް ހިސާބަކުން ނުވަތަ ސީރިޔާގެ ބޯރޑަރުން ވިޔަސް އެއިން ގައުމެއްގެ އުފެއްދުމެއް ފެނިއްޖެނަމަ އެ ތަކެތި ސަރުކާރަށް ނަގައި ނައްތާނެލޭވޭނެއެވެ. ސީރިޔާގެ މި ނިންމުމުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުމަށް މަގުފަހިވުން ކައިރި ކަމުގައިވެސް އެ ނޫހުން ބުނެފައިވެއެވެ.
ސީރިޔާގެ ރައީސް ކަމުގައި ހާފިޒުލް އަސަދާއި އަދި އެމަނިކުފާނު އަވަހާރަވުމުން ދަރިކަލުން ބައްޝާރުލް އަސަދުގެ ދިގު ޒަޢާމަތުގައި ރަޝިޔާއާއި އީރާނަކީ އެ ގައުމުގެ އެންމެ ގާތް ރަޙްމަތްތެރިންކަމުގައި ވަނީ ބަލައިގެންފައެވެ. އެ ގުޅުން ރަމްޒުކޮށްދިން ނަމޫނާއެއްގެ ގޮތުގައި މެދުއިރުމައްޗާއި އަދި އެފްރިކާ ބައްރުގައި ހަރަކާތްތެރިވަމުން ގެންދާ ރަޝިޔާ މިލިޓްރީގެ އެންމެ މުހިންމު މިލިޓްރީ ބޭސް ހުރީ ސީރިޔާގައި ގާއިމް ކޮށްފައެވެ.
ސީރިޔާގެ މިހާރުގެ ސަރުކާރު ވެރިކަމަށް އައުމާއެކު އީރާނާއި އިސްރާއީލުގެ ރަށްވެހިން ސީރިޔާއަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
އީރާނާއި ރަޝިޔާއާއި ދެމެދު ސީރިޔާއިން ކުރިން ގެންގުޅުނު އެކުވެރި ސިޔާސަތު އުވާލުމާގުޅިގެން ފުރުސަތުގެ ބޭނުން އެންމެ ފުރަތަމަ ކުރީ ޔޫކްރެއިނުންނެވެ. ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އެންޑްރީ ސިބީހާ ސީރިޔާއަށް ވަޑައިގެން ދެގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ކުރިއެރުވުމުގެ ބޭނުންތެރިކަމާދޭތެރޭ ވަނީ މަޝްވަރާ ކުރައްވާފައެވެ. ސީރިޔާއިންވެސް ވަނީ ކުރީގައި އެކުވެރިނޫން ގައުމުތައް ކަމުގައި ބަލަމުން ދިޔަ ގައުމުތަކާއެކު އަލުން ގުޅުން ބަދަހިކުރަން ބޭނުން ކަން ހާމަ ކޮށްފައެވެ.