އެމެރިކާގެ އެއްފަރާތުގައި އަލިފާންރޯވެ އަނދަމުންދާއިރު އެނެއްފަރާތުގެބައެއް ސަރަހައްދުތަކުގައި ސްނޯ ފައިބާލެއް ގިނަކަމުން ބޮޑު މުސީބާތަކަށްވަނީ ވެފައެވެ. ބަކްސް ކައުންޓީގައި 8 އިންޗި އަށް މިއަދު ސްނޯ ފައިބާފައި ވެއެވެ. ސްނޯގެ ސަބަބުން އެ ސަރަހައްދުގައި މިހާރުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.
އެމެރިކާގެ ކެލިފޯނިޔާގައި އަނދަމުންދާ އަލިފާންގަނޑަށް މޮންޓެރީ ކައުންޓީގައި ކޮންމެވެސް މިންވަރެއްގެ މައިތިރި ވުމެއް ލިބި އަލިފާން ރޯވެ އަނދަމުންދާ ސަރަހައްދުތަކުން މީހުން ސަލާމަތްވުމަށް ނެރެފައިވާ އިންޒާރު އުވާލުމުގެ އެއްދުވަސް ކުރިން އެ ސަރަހައްދުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ލިދިއަމް ބެޓެރީ ގުދަނުގައި ރޯވެއްޖެއެވެ. މިކަމާގުޅިގެން މޮންޓެރީގެ ޝަރިފް އޮފީހުން ނެރެފައިވާ ބަޔާނުގައި އެ ސަރަހައްދުގައި އަލިފާނުގެ ނުރައްކާ ކުޑަވެފައިވާ ނަމަވެސް ލީދިއަމް ބެޓްރީތަކުގައި ރޯވުމުގެ ސަބަބުން ކެމިކަލް އެކުލެވިފައިވާ ދުން ވަޔާއެކުވެގެން ޖައްވުތެރެއަށް ފެތުރިގެންދާތީ މޮސް ލޭންޑިންގ ގެ ވިސްޓާރާ އިންޖީނުގޭގެ ސަރަހައްދުގައި ގެތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށްގެން ބޭރަށް ނުނިކުމެ ތިބުމަށް އިރުޝާދު ދީފައި ވެއެވެ. އެހެންނަމަވެސް އޭގެ ސަބަބުން އިންސާނުންނަށް ސިއްހީ ގެއްލުމެއް ނުލިބޭނެކަމަށް ޔޫ އެސް އީ ޕީ އޭ ( ޔުނައިޓެޑް ސްޓޭޓްސް އެންވަޔަރންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ ) އިން ވަނީ ކަށަވަރުކޮށްދީފައެވެ. ވިސްޓާރާ އިންޖީނުގެ ހުންނަނީ ސޭންފްރާންސިސްކޯގެ ދެކުނުން 90 ވަރަކަށް މޭލު ދުރު ގައެވެ.
ލީދިއަމް ބެޓެރީ ގުދަނުގައި އަލިފާން ރޯވަން ދިމާވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުމުން އެކަން ތަހްގީގު ކުރާނެކަމަށް ބެޓެރީތައް ބަލަހައްޓާ ކުންފުނީގެ ތަރުޖަމާނު މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.
ބެޓެރީ ގުދަނުގައި ރޯވެފައިވާ އަލިފާންގަނޑު އޭގެ ޒާތުގައި ނިވެންދެންވަނީ ބަހައްޓާފައެވެ. އަލިފާން ނިއްވާލަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ފެންބޭނުންކޮށްގެން ވިޔަސް ބެޓެރީގެ އަލިފާން ނިއްވާލަން އުޅުމުން ބޮޑެތި އެހެން ގެއްލުންތައް މެދުވެރިވުން އެކަށީގެންވާކަމަށް ތިމާވެއްޓާބެހޭ ތަޖްރިބާކާރުން ވަނީ ލަފާދީފައެވެ.
އަލިފާން ރޯވެ އަނދަމުންދާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ނެރެފައިވާ އިންޒާރު ހުކުރު ދުވަހު އުވާލާފައި އޮތް ނަމަވެސް ބުރާސްފަތި ދުވަހު ރޯވަންފެށި އަލިފާންގަނޑު ދަނީ އިތުރު ސަރަހައްދުތަކަށް ފެތުރެމުންނެވެ. އޭގެ ސަބަބުން ކޯސްޓަލް ހައިވޭ 1 ގެ ބައެއް ސަރަހައްދުތައްވެސް ވަނީ ބަންދުކުރަން ޖެހިފައެވެ.
މިވަގުތު މޮންޓެރީ ކައުންޓީގެ ސަރަހައްދުގެ މޫސުންވެސް ރަނގަޅުވުމާއި އަދި ވައިވެސް މަޑުކަމުން ދެކުނު ކެލިފޯރނިޔާއަށް މެދުވެރިވިފަދަ ހިތާމަވެރިގޮތް މެދުވެރި ނުވާނެ ކަމަށް ބެލެވެއެވެ. ތަރުޖަމާނުގެ ވާހަކައިގާ ބުނެފައި ވެއެވެ.
މީގެ ކުރިން 2020 ވަނައަހަރުވެސް އެ ބެޓެރީ ގުދަނުގައި ވަނީ އަލިފާން ރޯވެފައެވެ. އަދި އޭގެ ފަހުން 2022 ވަނަ އަހަރު އެ ގުދަން ވަނީ އިތުރަށް ބޮޑުކޮށްފައެވެ.